ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ ސިޔާސީ މީހުން ކަމަށާއި އެ ތަނުގައި ތިއްބަވާނީ ފަންނީ ކަންކަމުގެ މާހިރުން ނޫން ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކުރާ ސިއްހީ ކުއްލި ހާލަތުގެ ގަރާރު މަޖިލީހަށް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހަޅުއްވައިފަ އެވެ.
ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމުގައި ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމުމުން، މަޖިލީހުން ސިއްހީ ކަންކަމުގެ ތެރެއަށް ވަންނަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑިކިއުންތައް އަމާޒުވެފައިވެ އެވެ. މި ބިލަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ފާޑުވިދާޅުވެފައިވެ އެވެ.
މަޖިލީހަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހިނގަމުންދާ ގޮތަކީ ފަންނީ މާހިރުން ކައިރިން ކަންކަން އޮޅުން ފިލުވައިގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ރާާއްޖޭގެ ކަންކަން ކުރިއަށް ގެންދާނެ ސިޔާސަތުތައް ހިމެނޭ ގޮތަށް ގާނޫނުތައް ބައްޓަން ކުރުން ކަމަށެވެ.
"މި މަޖިލީހަކީ ކޮންމެ ފަންނީ ކަމެއްގެ މާހިރުން ތިބޭ ތަނެއް ނޫން، މި ތަނަކީ ސިޔާސީ މީހުން ތިބޭ ތަނެއް ނޫން، މި މަޖިލީހުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބުނާނީ މި މަޖިލީހުގެ މެންބަރުންގެ ނަޒަރުގައި އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ކަމަށް ފެންނާތީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ސިއްހީ މާހިރުންގެ މަސްއޫލިއްޔަތަކީ ރާއްޖެއަށް ބަލިމަޑުކަމުގެ ނުރައްކަލެއް އައުމުން އެއަށް ސަމާލުވާން އެދޭ މިންވަރާއި އޭގެ ނުރައްކާ އޮތް މިންވަރު ކަނޑައެޅުމާއި އެއިން ސަލާމަތްވާން މަސައްކަތްތަކެއް ކޮށްދިނުމެވެ. އޭގެ ސިޔާސަތުތައް ކަނޑައެޅުމަކީ ގައުމު ހިންގުމާ ގުޅުން ހުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ [ސިއްހީ] ނުރައްކަލުގެ މިންވަރު އެނގުމުން ދެން އެ ނުރައްކަލުން ސަލާމަތް ވުމަށް އަޅުގަނޑުމެން އެދޭ މިންވަރުގެ ސިޔާސަތު ކަނޑައެޅުމަކީ އެއީ ސިއްހީ ކަމެއް ނޫން، އެއީ ގައުމެއް ހިންގުމާ ގުޅޭ ގޮތުން އޮންނަ ކަމެއް ގޮތުގައި އަޅުގަނޑު ދެކުނީ. އެ ބާވަތުގެ ގާނޫނީ މައްސަލައެއް އަޅުގަނޑަކަށް ފާހަގަނުވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިއުލާން ކުރި ސިއްހީ ކުއްލި ހާލަތުގައި އާންމު އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވަނިކޮށް، މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެ ޖަލްސާތައް ބާއްވަން ނިންމުމުން ވެސް މަޖިލީހުގެ ނިންމުންތަކަށް ފާޑުކިއުންތައް އަމާޒުވި އެވެ.