ވިޔަފާރި

އެކައުންޓް ފްރީޒްކޮށްގެން ހާލުގައި ޖެހޭނެ ކަމަށް ބުނިއިރު ވެސް ވިލާގެ އެކައުންޓްތައް ހުރީ ހުހަށް!

ދައުލަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ވިލާ ގްރޫޕަށް އެންގުމުގެ ކުރިން ވެސް މާލީ ދަތިކަމާ ހުރެ އެކައުންޓްތައް ހުރީ ހުސްވެފައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހަވީރު އޮންލައިނަށް ވިލާ ގްރޫޕްގެ އެގްޒެކަޓިވް ޑިރެކްޓަރު ފިނޭންސް ޝިމާދު އިބްރާހިމް ވިދާޅުވެފައި ވަނީ ކުންފުނީގެ އެކައުންޓްތަކުގައި ފައިސާ ނެތް ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ ވިލާ އަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީ ނުކޮށް ހުރުމުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނާ 90.4 މިލިއަން ޑޮލަރު ނުދައްކައިގެނ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށް އަންގާފައި ވަނިކޮށެވެ.

އެ ރަށްތަކާއި ފަޅުތަކަކީ ސަރުކާރުން ވިލާ އަށް ދޭންޖެހުނު ފައިސާ ނުދެއްކިގެން ވިލާ އަށް ބަދަލުގައި ދިން ތަންތަން ކަމަށް ބުނެ ވިލާ އިން ވަނީ ކުލި ދައްކަން އިންކާރުކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. ކޯޓުގައި ވިލާ އިން ބުނެފައި ވަނީ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި ނަމަ ކުންފުނީގެ 5000 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތައް ހާލުގައި ޖެހޭނެ ކަމަށެވެ. އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެ ކުންފުނީގެ ނޫސް ކޮންފަރެންސެެއްގައި ބުނެފައި ވަނީ އެކައުންޓްތައް ފްރީޒްކޮށްފި ނަމަ ބައި ލައްކަ ރައްޔިތުންނާއި ޓޫރިސްޓުންގެ ހައްގުތައް ގެއްލޭނެ ކަމަށެވެ. 

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ވިލާއާ އެކު 20 އެކައުންޓެއް ފްރީޒްކުރަން ޖެހިފައި ވާއިރު އެ އެކައުންޓްތަކުގައި ފައިސާއެއް ނެތް ކަމަށް ވަނީ އެނގިފަ އެވެ.

ވިލާގެ ބައެއް ކުންފުނިތަކުން "އަވަސް" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ވިލާ އިން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން އެންގުމާ އެކު މުސާރަ ލިބެނީ ނަގުދު ފައިސާ އިން ކަމަށެވެ.

ހަވީރު އޮންލައިނަށް ޝިމާދު ވިދާޅުވެފައި ވަނީ ކުންފުނީގެ އެކައުންޓްތަކުގައި ފައިސާ ނެތީ އެކައުންޓްތައް ފްރީޒް ކުރުމަށް އެންގުމުން ނޫން ކަމަށާއި އޭގެ ކުރިން ވެސް ވަނީ މާލީ މައްސަލަތަކާ ކުރިމަތިވެފައި ކަމަށެވެ.

"މާލީ ގޮތުން ވަރަށް ބޮޑު ދަތިކަމެއް އަންނަކަން އެނގިފައި އޮތީ ފްރީޒުކުރަން ނިންމުމުގެ ކުރިން ވެސް. މާލީ ހާލަތު ދަށަށް ދާތީވެ އެކަން ފޫބައްދަން ބޭރުގެ ބޭންކަކުން ހަމަޖެހިފައި އޮތް ލޯނު ވެސް ކެންސަލުވީ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން. އެހެންވެ ކުންފުނީގެ އެކައުންޓްގައި ފައިސާ ނެތީ،" ޝިމާދު ވިދާޅުވެފައިވެ އެވެ.

ވިލާގެ އިތުރުން ވެސް އެހެން ބައެއް ކުންފުނިތަކުގެ އެކައުންޓް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒްކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ދައްކަން އަންގާފައިވާ 90 މިލިއަން ޑޮލަރުގެ ތެރެއިން 75 މިލިއަނަށް ވުރެ ގިނަ ޑޮލަރަކީ ޖޫރިމަނާ އާއި އިންޓްރެސްޓް ކަމަށާއި ކުލީގެ ގޮތުގައި ދައްކަން އަންގާފައިވަނީ 14 މިލިއަން ޑޮލަރު ކަމަށް ވިލާ އިން ބުނެފައިވެ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައިވާ ގޮތުން ރަށްތަކުގެ ކުލި ދައްކަންޖެހޭނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށާއި ފަޅުތަކުގެ ކުލި ދައްކަން ފަށަން ޖެހޭނީ 2020 ވަނަ އަހަރުން ފެށިގެން ކަމަށްވާތީ މިހާރު ދައްކަން އަންގާފައި އޮތީ ކޮން ކުއްޔެއްތޯ އެ ކުންފުނިން ސުވާލު އުފައްދަ އެވެ.