ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

އަނެއްކާވެސް މަޝްވަރާ ކުރުމުގެ ދައުވަތެއް

ސަރުކާރާއި ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް މަސައްކަތް ކުރާ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކަށް އަނެއްކާ ވެސް ދައުވަތު ދީފި އެވެ. މަޝްވަރާއަށް ހުޅުވާލާފައި ވަނީ ރާއްޖޭގެ މައްސަލަތައް އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އީޔޫ އިން އިންޒާރެއް ދީފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ސަރުކާރުން މިއަަދު ވަނީ މަޝްވަރާތަކަށް ދައުވަތުދީ ޕާޓީތަކަށް ސިޓީ ފޮނުވާފަ އެވެ. އަދި މަޝްވަރާގައި ބައިވެރިވާނެ ފަރާތްތަކުގެ ނަން ފޮނުވަން އެދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރުން މިފަހުން ފޮނުވާ އެފަދަ އެއްވެސް ސިޓީއަކަށް އެ ޕާޓީތަކުން ޖަވާބެއް ނުދެ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ މަޝްވަރާތަކުގައި ބައިވެރިވާނީ ސަރުކާރުން 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތާއެކު ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެހެން ބޭފުޅުން ވެސް ދޫކޮށްލުމުން ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.

އޭގެ އިތުރުން އދ. ގެ މެންބަދޫބެއް ބައިވެރިކޮށްގެން މެނުވީ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކުން ނުދާނެ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.

ނަމަވެސް އީޔޫގެ އެންގުމުގައި މަޝްވަރާތައް ކުރުމަށް ވެސް ގޮވާލާފައިވާތީ، ސަރުކާރުގެ ފަރާތުން ޕާޓީ-ޓޯކްސްގައި އެންމެ އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާ ކުރުމަށް އަނެއްކާ ވެސް ގޮވާލާ ކަމަށެވެ. އަދި އެކަމުގެ މުހިންމުކަން އީޔޫގެ ނިންމުމުގައި ވެސް ފާހަގަކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ މިއަދު ކުރެއްވި ޓްވިޓު -

ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އީޔޫގެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައިވާ ގޮތުން ނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޖުޑިޝަރީއާއި ޕާލަމެންޓް، އާއްމު ހާލަތުގައި ހިންގުމުގެ ފުރުަސަތު ދޭން ޖެހެ އެވެ. އަދި ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ޑިމޮކްރެޓިކް އުސޫލުން ބާރުތައް ވަކިވެފައިވާ ހާލަތެއް ނޫން ކަމަށާއިމިހާލަތުން އަރައި ނުގަންނަ ނަމަ "ޓާގެޓެޑް މެޝާޒް" ނުވަތަ ވަކި ވަކި މުއައްސަސާތަކާއި މީހުނަށް ފިޔަވަޅު އަޅަން ވިސްނާނެ ކަމަށް އީޔޫއިން ބުންޏެވެ.