މި މަހުގެ މެދު ތެރޭގައި ރާއްޖެއާމެދު ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އެކަމަށް އިންތިޒާރުކޮށްގެން ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މ. ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިދިޔަ ހަފުތާ ތެރޭގައި އީޔޫއިން އިންޒާރު ލިބިފައިވާ ކަމަށާއި އިންޒާރު ދީފައިމިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ކަމަށެވެ.
"އަޅުގަނޑު އެބަ އިންތިޒާރު ކުރަން މި މަހުގެ ތެރޭގައި އެ ފިޔަވަޅުތައް އަޅާނެ ކަމަށް، އަދި އެ ވާހަކަތައް އުފަލާއެކު އެމްޑީޕީ ބޭފުޅުން އެބަ ދައްކަވާމެ، އަޅުގަނޑު މިކަން ބަލައިގަންނަނީ އުފަލާއެކުއެއް ނޫން، ކަންބޮޑުވުމާއެކު،" ރައީސް ވިދާޅުވި އެވެ.
ރައީސް އީޔޫއިން ފިޔަވަޅު އެޅި ނަމަވެސް އެމަނިކުފާނުގެ ސިޔާސަތުތަކަށް ބަދަލު ނުގެންނާނެ ކަމަށެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ. ޝަރީއަތް ބޭރުން ކަންތައްތަކެއް ކުރަން އެންގިޔަސް އެމަނިކުފާނަށް އެކަންތައްތައް ކޮށް ނުދެއްވޭނެ ކަމަށެވެ. ކުށްވެރިންތަކެއް ޖަލުން މިނިވަން ނުކުރެއްވޭނެ ކަމަށެވެ. ގޮނޑި ގެއްލުނު މެންބަރުންގެ ގޮނޑިއާމެދު އެމަނިކުފާނު ގޮތެއް ނުނިންމަވާނެ ކަމަށެވެ. އެކަންތައްތަކަކީ ޝަރުއީ ނިޒާމްގެ ތެރެއިން ގޮތްތައް ނިމިގެންދާން ޖެހޭ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރެއްގަ ދޫނުކޮށްލާނެ އުސޫލުތަކެއް ހުންނާނެ، އަޅުގަނޑުގެ ސަރުކާރެއްގަ ހިފަހައްޓާ ދަމަހައްޓާނެ އުސޫލުތައް ހުންނާނެ، އެ ކަންކަން އަޅުގަނޑުމެން ހިފަހައްޓަންޏާ އަޅުގަނޑުމެންނާ ދެކޮޅަށް އީޔޫއިން ފިޔަވަޅު އަޅާނަމަ ދެން އަޅުގަނޑުމެން ﷲއަށް ވަކީލުކޮށްލައިގެން ކުރިއަށް ދާނީ، އެއިން ސަލާމަތް ވެވޭނީ ކިހިނެއްތޯ މަސައްކަތް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނެ ކަމަށް އަޅުގަނޑު ބުނާ ބުނުމަށް ހުއްޓުމެއް އަންނަނަން ޖެހޭ ކަމަށް އީޔޫއިން އަންގަން ޖެހޭ ކަމަކަށް، އަޅުގަނޑެއް ގަބޫލެއް ނުކުރަން ކުށްވެރިންތަކެއް ޖަލުން މިނިވަން ކުރުމަށް އީޔޫއިން އަޅުގަނޑަށް ގޮވާލަން ޖެހޭ ކަމަކަށް، އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ތިމަންނަމެން ގަބޫލު ކުރާނީ އެ ހުރިހާ ކުށްވެރިން ދޫކޮށްލީމައޭ ބުނާ ބުނުމެއް ގަބޫލެއް ނުކުރަން، ދިވެހި ރައްޔިތުން މިއަދު ވޯޓެއް ލިޔަސް އެކަންކަމެއް ގަބޫލެއް ނުކުރާނެ،"
ރައީސް ވިދާޅުވީ، މި މަހުގެ މެދެއްހާތާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫއިން ލިބިފައިވާތީ އެކަމާ ގުޅޭ ގޮތުން އީޔޫގެ ބޭފުޅުންނާ ވާހަކަ ދެއްކޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ވަކި ގޮތެއް ނިންމައިގެން ތިބި ބަޔަކަށް ވިސްނައިދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތަށްވުރެ އިދިކޮޅު ބޭފުޅުން ދައްކާ ވާހަކަތައް އީޔޫއަށް މަގުބޫލުކަން ބޮޑު ކަމަށެވެ.
އީޔޫގެ އެފަދަ އިންޒާރުތަކަށް ބޯލަނބައިފިނަމަ އަންނަން އޮތް އެއްވެސް ޖީލަކަށް ހަމަޖެހުން ގެނެސް ނުދެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއިރު މިދިޔަ މަހުގެ ތެރޭގައި ސަރުކާރުގެ އިސް ވަފުދެއް އީޔޫގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައިވެ އެވެ. އެ ބައްދަލުވުމުގައި ވެސް ރާއްޖެއާމެދު ފިޔަވަޅު އަޅާނެކަމާއި ކުރިން ދީފައިވާ އިންޒާރުތައް އީޔޫއިން ހަނދާން އާ ކޮށްދިނެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ސަރުކާރުން މާބޮޑު ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
އީޔޫއިން މީގެކުރިން ރާއްޖެއާ ގުޅޭ ގޮތުން ގަރާރެއް ފާސްކޮށްފައިވެ އެވެ. އެ ގަރާރުގައި އިސްލާހު ކުރަންވީ ކަންތައްތަކެއް ސަރުކާރަށް އެންގި އެވެ. އެކަންކަން އިސްލާހު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭރު ދިނެވެ. އީޔޫއިން އިސްލާހު ކުރަން އެންގި ކަންކަމަށް ސަރުކާރުން އަޅާލާފައެއް ނުވެ އެވެ.
އެ ގަރާރުގައި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރުކޮށް، ސިޔާސީ ނުފޫޒެއް ނެތް ޝަރީއަތެއް ލިބުމުގެ ހައްގު ރައްޔިތުންނަށް ކަށަަވަރުކޮށް ދިނުމަށް އެންގި އެވެ. ރާއްޖޭގެ ސުޕްރީމްކޯޓަށް ނުފޫޒަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ފަނޑިޔާރުންނަށާއި ކޯޓުތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަަމަށް ތުހުމަތުކޮށް އެކަން ވެސް ކުށްވެރިކޮށްފައި ވެއެވެ. އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ނުކޮށް ކުއްލި ހާލަތު އިއުލާނު ކޮށް، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން ސަރުކާރުން ގެންގުޅޭ ގެންގުޅުން އީޔޫއިން ކުރިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.