ހަބަރު

ފިޔަވަޅު ނޭޅުމަކީ ކާމިޔާބެއް، ހާލަތު ގޯހެއް ނުވާނެ: ޝައިނީ

އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް ރާއްޖެއާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅުތަކެއް ޔޫރަޕިއަން ޔޫނިއަން، އީޔޫއިން މިއަދު ނޭޅުމަކީ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް މިއަދު ވަނީ ކަނޑައަޅައި ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އީޔޫގެ މައި މަރުކަޒު ހުންނަ ބްރަސަލްސްގައި ހުންނެވި މިނިސްޓަރު ޝައިނީ ފޯނުން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރުން އީޔޫ ގައުމުތަކާ ވާހަކަ ދައްކައިގެން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށާއި އެ ވާހަކަތައް އެ ގައުމުތަކުން އަޑު އަހާފައިވާ ކަމަށެވެ.

"ރާއްޖެއާ މެދު އީޔޫއިން ފިޔަވަޅެއް ނޭޅި، މިއީ ކާމިޔާބެއް، ސަރުކާރުން ކުރި މަސައްކަތުން ލިބިގެން ދިޔަ ކާމިޔާބީއެއް،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހާލަތު އީޔޫއަށް ކިޔައިދީފައި އޮތީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށާއި އެކަން އީޔޫގެ ގައުމުތަކުން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ. ހާލަތު ވަރަށް ގޯސްވެގެން ނޫނީ ގައުމަކާ ދެކޮޅަށް އީޔޫއިން ފިޔަވަޅު ނާޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އީޔޫއިން މިއަދު ފްރޭމްވޯކެއް ފާސްކުރީ ސަރުކާރުން އިތުރަށް ސަމާލުވުމަށް އަންގަން،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބުނަނީ އިންތިހާބެއް ނުބާއްވާނެ ކަމަށާއި ނަމަވެސް އެ ހާލަތު ރާއްޖޭގައި ނެތްކަން އެބަ އެނގޭ ކަމަށެވެ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ވެސް ނުދާނެ ކަމަށެވެ. ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވި، ރައްޔިތުން އެދޭ ސަރުކާރެއް ގާއިމުވެގެންދާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ހާލަތު ގޯސްވެގެންދާނެ ކަމަށް ގަބޫލު ނުކުރަން، ވޯޓުލައިގެން ރައްޔިތުން ސަރުކާރެއް ހޮވުމުން ދެން އިތުރަށް ފިޔަވަޅު އަޅަންޖެހޭނެ ސަބަބެއް ނޯންނާނެ،" ޝައިނީ ވިދާޅުވި އެވެ.

އީޔޫގެ މިއަދުގެ މި ނިންމުމާއެކު، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅު އެޅުމަށް މިހާރު އީޔޫއަށް ހުރަހެއް ނޯންނާނެ އެވެ. އަދި އީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަޓިކް އުސޫލުތަކެއް ނޫން ކަމަށާއި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނެތް ކަމަށެވެ.

ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލަށް މައްސަލަ އެޖެންޑާ ކުރީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ސަރުކާރުން ތަބާނުވެ، ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ކުރީގެ ރައީސް މައުމޫން އާއި މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާ ވިދިގެން ރާއްޖެ އިސްލާހުގެ މަގަށް ގެންނަން ރާއްޖެއަށް ފިޔަވަޅުތައް އެޅުމަށް އީޔޫގެ ކައުންސިލަށް ހުށަޙަޅަން ފާސްކުރި ގަރާރާ ވިދިގެން އެވެ.

ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތިން، އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އީޔޫ އިން ރާއްޖެއަށް ދޭ އެހީތައް ކަނޑާލުމާއި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުން ހިމެނެ އެވެ.