ހަބަރު

ފިޔަވަޅު އަޅާ ލިސްޓެއް ނެތް، އޮތީ ގައްދާރުންގެ ލިސްޓެއް: ޝައިނީ

ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ފިޔަވަޅު އަޅާނެ ރާއްޖޭގެ 41 މީހެއްގެ ލިސްޓެއް ނެތް ކަމަށާއި އޮތީ ގައްދާރުންގެ ލިސްޓެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ، ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ އިސްފަރާތްތައް ހިމެނޭ ގޮތުން 41 ފަރާތަކަށް ފިޔަވަޅު އަޅަން ލިސްޓެއް އީޔޫއިން އެކުލަވާލާފައިވާ ކަމަށް އީޔޫގެ ޕާލިމަންޓްގެ މެންބަރަކު ވިދާޅުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޓްވީޓެއް ކުރެއްވުމުންނެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވަމުން ޝައިނީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނެތް ކަމަށެވެ. އެކަމުގައި އެއްވެސް ޝައްކެއް އޮތްނަމަ ކޮލަމްބޯގައި ހުންނަވާ އީޔޫގެ ސަފީރާ ގުޅައި އެކަން ސާފުކުރުމަށް ވެސް ޝައިނީ އެދިވަޑައިގަތެވެ.

އީޔޫގެ އުސޫލުތައް އޮންނަ ގޮތުން އެފަދަ ލިސްޓެއް އެކުލަވާލާނީ ވެސް އީޔޫގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން ކަމަށާއި އެއީ ޕާލިމަންޓް މެންބަރުންނާ ހިއްސާކުރާނެ އެއްޗެއް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނެތް، އެކަމަކު އަހަރެންގެ އަތުގައި ގައްދާރުންގެ ލިސްޓެއް އެބަ އޮތް، ރައީިސް ނަޝީދުގެ ނަން އޮތީ ލިސްޓްގެ އެންމެ ކުރީގަ،" ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ މައްސަލައިގައި އިސްކޮށް ވަކާލާތު ކުރައްވާ، އީޔޫ ޕާލިމަންޓް މެންބަރު ތޯމަސް ޑެޗޮސްކީ ޔޫރަޕިއަން ޕާލިމަންޓަށް ހާއްސަކޮށްގެން ނެރޭ މަޖައްލާއެއް ކަމަށްވާ، "އީޕީޓުޑޭ" އަށް ވިދާޅުވީ ރާއްޖޭގެ 41 ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ ލިސްޓެއް އީޔޫއިން އެކުލަވާލާފައިވާ ކަމަށާއި އެ ލިސްޓް އޭނާއަށް ފެނިފައިވާ ކަމަށެވެ. ރާއްޖޭގެ މައްސަލައިގައި އީޔޫ ސީރިއަސް ކަމަށް ވެސް ތޯމަސް ވަނީ ވިދާޅުވެފަ އެވެ.

އެކަން ވަނީ ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ސަފީރު، އަހުމަދު ޝިއާން ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. އީޔޫއިން ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް މިހާރު ވެސް އެކުލަވާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް ނެތް ކަން ފާހަގަ ކުރައްވަމުން، ޝިއާން ވިދާޅުވީ އެއީ ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް އިދިކޮޅުން ފެތުރުމުގެ ބޭނުމަކީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ވިޔަފާރިވެރިންނަށް ބިރުދެއްކުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ