ހަބަރު

ގައިދީންނާއި ވަކީލުން ބަދަލު ކުރެވޭ އުސޫލު ބަދަލުކޮށްފި

Mar 10, 2018
1

ފުލުހުން ހައްޔަރުކޮށް ބަންދުގައި ބައިތިއްބާފައި ތިބޭ މީހުނާ ބައްދަލު ކުރަން ބޭނުންވާ ވަކީލުންނަށް އާއިލާގެ ސިޓީއަކާއެކު ނޫނީ ގައިދީންނާއި ބައްދަލު ނުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ. އެ އުސޫލަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.

ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އަހުމަދު ނާފިޒު ސޮއި ކުރައްވާފައިވާ މި އުސޫލު އާންމު ކުރީ މިއަދު އެވެ. އަލަށް ނެރުނު އުސޫލުގައިވާ ގޮތުން އެ ބަދަލު ގެނައީ ވަކީލުންގެ ފުރުސަތު ހޯދަން އެދޭ މިންވަރު އިތުރުވަމުންދާތީ އެންމެންނަށް ހަމަހަމަ ފުރުސަތެއް ދޭށެވެ.

އާއިލާގެ ހުއްދަ ނޫނީ އާއިލާއަށް ނޭނގި ވަކީލުން އަމިއްލައަށް ބޭނުންވެގެން މީގެ ކުރިން ގައިދީންނާ ބައްދަލުކުރެވެއެވެ.

ނަމަވެސް އާ އުސޫލާއެކު ގައިދީންނާ ވަކީލުންނަށް ބައްދަލު ކުރެވޭނީ އެ ވަކީލަކާއިއެކު ބައްދަލުވުން ހަމަޖައްސަން ބޭނުން ކަމަށް ބުނެ އާއިލާއިން ސިޓީއެއް ފޮނުވުމުންނެވެ. ވަކީލު ބައްދަލުވުމަށްދާއިރު ސީޓީ ގެންދަން ޖެހެ އެވެ. އަދި ގައިދީންނާއި ވަކީލުން ބައްދަލު ކުރާ ވަގުތަށް ވެސް ބަދަލު ގެނައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ވަކީލުންނަށް ގައިދީންނާ ބައްދަލުކުރުމަށް ދީފައިވަނީ 30 މިނިޓެވެ. އަދި ހެނދުނު 9:00 އިން ހަވީރު 6:00 ޖަހަންދެން ވަކީލުންނަށް ގައިދީންނާ ބައްދަލުކުރުމަށް މީގެ ކުރިން ދޭ ފުރުސަތުގެ ބަދަލުގައި ދެން ގައިދީންނާ ބައްދަލު ކުރެވޭނީ ހަވީރު ފަހެއް ޖެހުމާ ހަމައަށެވެ.

ބައްދަލުވުން މާލޭން ބޭރުގައި ނަމަ އެއްގަޑިއިރު ދޭނެ އެވެ. ބައްދަލުކުރެވޭނީ 30 މިނިޓަށެވެ. އެ 30 މިނިޓްގެ ބައްދަލުވުން ލަހުން ފެށުނު ނަމަވެސް އިތުރު ވަގުތެއް ނުލިބެ އެވެ. އަދި ވަކީލުން އެހެން ގައިދީން ކައިރިއަށް ގޮސް ވާހަކަ ދެއްކުން މަނަލެވެ.