ވިޔަފާރި

ވެސްޓް ޕާކް ތަރައްގީ ކުރާނީ ހިތް ފަސޭހަ ތަނެއްގެ ގޮތަށް: އާމިރު

May 17, 2015

"އިޓާލިއަން ރެސްޓޯރެންޓަކާ" އެކު ވެސްޓް ޕާކް ތަރައްގީ ކުރާނީ ހިތް ފަސޭހަތަނެއްގެ ގޮތުގައި ކަމަށް، ވެސްޓް ޕާކު ހަވާލުވެފައިވާ ވިޔަފާރިވެރިޔާ އާމިރު މަންސޫރު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ލިލީ އިންޓަނޭޝަނަލްގެ އެއް ޑިރެކްޓަރު ކަމަށްވާ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު ވިދާޅުވީ ވެސްޓް ޕާކު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.

"ވެސްޓް ޕާކުގައި ކެއިން ބުއިމުގެ ހިދުމަތް ލިބޭ ތަނެއް ހުންނާނެ. އެކަމަކު މިތަނުގައި މީހުން ގޮސް މަޑުކޮށްލެވޭނެ ފުރިހަމަ މާއުލެއް ވެސް އޮންނާނެ. ވަރަށް ތަފާތުކޮށް ފުރިހަމަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނީ،" އާމިރު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޔޮޓް ޓުއާސްގެ ވެރިޔާ އަބްދުﷲ ޖާބިރު ހިންގަމުންދިޔަ ވެސްޓް ޕާކު ރެސްޓޯރެންޓުގެ ކުއްޔަށް ދިން މުއްދަތު ހަމަވުމާ ގުޅިގެން އެތަން އާމިރު މަންސޫރާ ކުރީގެ ސިޓީ ކައުންސިލުން ހަވާލު ކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ. އޭރުގެ ސިޓީ ކައުންސިލުން އާމިރު މަންސޫރަށް ވެސްޓް ޕާކު 10 އަހަރަށް ކުއްޔަށް ދިނުމާ ގުޅިގެން ޔޮޓްޓުއާސް އިން ވަނީ މި މައްސަލާގައި ކޯޓަށް ގޮސްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެތަން ހުސްކޮށް އާމިރަށް ހަވާލު ކުރުމަށް މާޗް މަހުގެ 18 ވަނަ ދުވަހު އަމުރުކޮށްފަ އެވެ. އަދި 15 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށް އަންގާފައިވެ އެވެ.

އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ "މޭރީ ބްރައުން" ގެ ރެސްޓޯރެންޓެއް މާލޭގައި ހިންގަމުން އަންނަ އާމިރު ވިދާޅުވީ މި ތަން ހަވާލު ކުރިނަމަވެސް ބައެއް ކަންތައްތައް ފުރިހަމަ ނުވާ ކަމަށެވެ.

"ހަވާލުކުރި ފަހުން މިހާރު ތިން އަހަރު ވެއްޖެ. މިހާރު ބާކީ އޮތީ ތިން އަހަރު. އެހެންވެ މިފަދަ ބައެއް ކަންތައްތައް ފުރިހަމަ ކުރަން އެބަހުރި. އެއަށްފަހު ސީދާ ކޮންސެޕްޓް ފައިނަލް ކުރާނީ،" އާމިރު ވިދާޅުވި އެވެ.