ހަބަރު

"އާތު އަވާ" މިރޭ 8:30 ގައި!

ތިމާވެށި ރައްކާތެރިކުރުމާއި، މީހުން ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަަރަކުވެސް ބާއްވާ "އާތް އަވާ" މިރޭ 8:30 ގައި ފަށާނެ އެވެ. ކޮންމެ އަހަރަކު ވެސް މިއަދު ފާހަގަ ކުރާ އެ ހަރަކާތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއް ވަގުތަކު އެއް ގަޑިއިރު ވަންދެއް ކަރަންޓު ބޭނުންކުރާ ކުރުން ހުއްޓާލާނެ އެވެ.

އާތް އަވާ ހަރަކާތުގައި ކޮންމެ އަހަރަކު ރާއްޖެއިން ވެސް ބައިވެރިވާ އިރު އެންވާރަމަންޓް މިނިސްޓްރީން އެދިފައި ވަނީ ވީހާވެސް މަދުން ކަރަންޓުގެ ސާމާނު ބޭނުން ކުރުމަށެވެ. ރާއްޖޭގައި ވެސް ގިނަ ސަރަހައްދުތަކުން ކޮންމެ އަހަރަކު ކަރަންޓު ބޭނުން ކުރުން ހުއްޓާލާ، އުއްބައްތިތައް ބޭނުން ކުރުމާއި ލޭންޓަން އެރުވުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދެ އެވެ.

މި އަހަރު އާތް އަވާގެ ރަސްމީ ހަރަކާތްތައް އޮތީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. އެގޮތުން އެއްފަހަރާ މުޅި ސިޓީގެ ލައިޓުތައް ނިއްވާލުމުގެ އިތުރުން އާތް އަވާ އަށް ތައްޔާރުވުމާއި، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިތަދޫ ސްކޫލް އިން ފެށިގެން އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓާ އާއި ހަމައަށް ސާފް ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އާތް އަވާ މޯލްޑިވްސް އިން ބުނީ އައްޑޫގައި މައި ހަރަކާތް ބާއްވަން ނިންމާފައިވަނީ އެ ސިޓީގައި ހުރި ތިމާވެއްޓާ ގުޅުންހުރި ތަންތަން ޕްރޮމޯޓްކޮށް އެތަންތަނުގެ މައުލޫމާތު ދުވަހާ ގުޅުވައިގެން ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އާތް އަވާއާ ގުޅިގެން އައްޑޫގައި އޮންނަ މައި ހަރަކާތުގެ އިތުރުން އެރޭ މާލޭގައި ބައިސްކަލު ބުރެއް ވެސް އޮންނާނެ އެވެ. އަދި ކެފޭ ރެސްޓޯރަންޓް ތަކުގައި މިއުޒިކް ހަރަކާތްތަކާއެކު ކެންޑަލް ލައިޓް ޑިނާތައް ވެސް ބާއްވާނެ އެވެ.

އާތް އަވާ މޯލްޑިވްސް އިން ބުނީ، އާތްއަވާ އާ ގުޅިގެން ކުރާ ކަންކަން އެ ޖަމިއްޔާގެ ފޭސްބުކް ޓުވިޓާ ފޭޖުގައި ހިއްސާކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. ލައިޓުތައް ނިއްވާ އިވެންޓަކީ މުޅި ދުނިޔޭގައި އެއްވަގުތެއްގައި ފާހަގަކުރާ އިވެންޓަކަށް ވުމުން މި ފުރުސަތަކީ ސޯޝަލް މީޑިއާގެ ޒަރީއާއިން ދުނިޔޭގެ ސަމާލުކަން ހޯދަން ރާއްޖެއަށް ލިބޭ ފުރުސަތަކަށް ވާތީ، ދުވަހާ ގުޅިގެން ކުރާ ކަންތައްތައް ވީހާވެސް ބޮޑަށް އާތްއަވާ މޯލްޑިވްސް ގެ ސޯޝަލްމީޑިއާ ޕޭޖްތަކުގައި ފޯސްޓުކޮށްދިނުމަށް އެދޭ ކަމަށެވެ.