ހަބަރު

އިންތިގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އިންތިގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ. އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިންތިގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވާފައިވާ އަމުރުގައިވާ ގޮތުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މާލޭ އާއި ރަށްތަކުގެ މަގުތައްމަތީ މުޒާހަރާ ކުރަން ހިތްވަރު ދެއްވުމާއި މުޒާހަރާއަށް ނުކުންނަން ގޮވާލެއްވި ކަމަށް ބުނާ މައްސަލަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ މި މަހުގެ 16 ވަނަ ދުވަހު އިދިކޮޅުން ބޭއްވި "ހުއްޓުވާ" އެއްވުމުގައި ބައިވެރިވުމަށް ގޮވާލެއްވުމަށް އިދިކޮޅު ޕާޓީތަކުން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި އަދާލަތު ޕާޓީގެ އަލީ ނަޒީރު މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

އިންތިގެ ޕާސްޕޯޓް ހިފަހައްޓަން ފުލުހުން ކޯޓުގައި އެދިފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކުން އިންތި ރާއްޖެއިން ބޭރަށް ފިލަންދާ އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެވެ. ހެއްކެއްގެ ގޮތުގައި އިންޓެލް ރިޕޯޓާއި ވީޑިއޯއެއް ފުލުހުން ކޯޓަށް ހުށަހެޅި ކަމަށް އަމުރުގައިވެ އެވެ.