ހަބަރު

ސައުދު "ކުދިކުދި" ކޮށްލާނެ ކަމުގެ އިންޒާރު

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން "ކުދި ކުދި" ކޮށްލާނެ ކަމަށް ބުނެ، އިންޒާރު ދީފި އެވެ. ސައުދަށް މި އިންޒާރު ދީފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރާ އިބްރާހިމް ރަޝީދެވެ. ވިލިނގިއްޔަށް ނިސްބަތްވާ އިބްރާހިމް، ސައުދަށް އިންޒާރު ދީފައިވަނީ ޕީޕީއެމްއިން ރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުންނެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތް އެ ޖަލްސާގައި ވާހަކަ ދައްކަމުން އިބްރާހިމް ބުނީ ރައީސް ޔާމީންއާ ވާދަކޮށް، ބަލި ކުރާނެ ކަމަށް ސައުދު ވިދާޅުވެފައިވާތީ އޭނާއަށް އިންޒާރެއް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ސައުދު ނުސީދާ ގޮތަކަށް ބަލާލިޔަސް އޭނާ "ކުދި ކުދި"ކޮށްލާނެ ކަމަށް އިބްރާހިމް ބުންޏެވެ.

"ކިރިޔާ ނުސީދާ ގޮތަކަށް ބަލައިލިޔަސް އޮޓެ އޮޓެ ވިދި ވިދި ކެރެފައި ވިދި ވިދި ކެރެންނޭކަން ނިކަން ރަނގަޅާ ހަނދާން ކެރަންނައިތި،" ވިލިނގިލީ ބަހުން ސައުދަށް އިންޒާރު ދެމުން އޭނާ ބުންޏެވެ. "އޮޓެ އޮޓެ ވިދިވިދި" އަކީ ކުދިކުދިކޮށްލާނެ ކަމަށް ވިލިނގިލީ މީހުން ބުނެ އުޅޭ ބަހެކެވެ.

އިބްރާހިމް އިތުރަށް ބުނީ ސައުދު އުޅުއްވަނީ "ސައިޒު" އޮޅިގެން ކަމަށާއި އޭނާއަށް ތާއީދު ކުރާނެ މީހަކު މިހާރު ނުހުންނާނެ ކަމަށެވެ. އަދި ނުހައްގުން ގޯއްޗާއި ވަޒީފާ ދިން މީހުން ވެސް މިހާރު ސައުދަށް ތާއީދު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

އެ އިންޒާރާއެކު ސައުދުގެ ވަކީލްކަން ވެސް ކުރެއްވި އޭނާއާ އާއިލީ ގުޅުން އޮންނަ ވަކީލް އަލީ ޝާހް ވަނީ އިބްރާހިމް ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ އެވެ. އަދި ސަލާމަތީ ބާރުތަކުން އެކަން ނުކޮށްފިނަމަ ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވަކީލް ޝާހު ވިދާޅުވި އެވެ.

ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވުމަށްފަހު ސައުދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ އެކުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލި ނަމަވެސް އަލުން ކުރިމަތިލާ ޕީޕީއެމް ބަލި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެ ރަށުން ކުރި ހޯދީ ސައުދު ހުންނެވި އިދިކޮޅުންނެވެ.