ހަބަރު

އިންޒާރު ވީޑިއޯއާ ގުޅިގެން ހައްޔަރުކުރި ހަސަން އިސްމާއީލް ދޫކޮށްލައިފި

މޫނު ނިވާކޮށްގެން ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއާ ގުޅިގެން ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއީލް ދޫކޮށްލަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހަސަންގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް "އަވަސް"އަށް ވިދާޅުވީ ހަސަން އިސްމާއީލްގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލާ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހަސަން ދޫކޮށްލީ އެ މައްސަލާގައި އޭނާގެ މައްޗައް އެއްވެސް ހެއްކެއް ނެތުމުން ކަމަށް އަފީފް ވިދާޅުވި އެވެ.

ފުލުހުން ކަމަށް ބުނާ ވީޑިއޯ ހެދި މައްސަލާގައި މި މަހުގެ 17 ވަނަ ދުވަހު ހަސަން ހައްޔަރުކުރި އިރު ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް (ސަމްޕަތު) އާއި ޕްރޮގުރާމް ހެޑު އާމިރު ސަލީމް ވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ. އަދި އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.