ވިޔަފާރި

ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް

Mar 25, 2018
2

މާލޭ ވިޔަފާރި ބަނދަރާއި ޓީ ޖެޓީން ގުދަން ކުރަން ދޫކުރާ މުދާތައް ރޭގަނޑު އެކަނި ދޫކުރަން ނިންމައިފި އެވެ. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް)އިން މި ބަދަލު ގެނެސްފައިވަނީ ދުވާލު މާލޭގެ މަގުތަކުގައި ލޮރީތަކުގައި މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކުރަން ނިންމާފައިވާތީ އެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ޓްރާންސްޕޯޓްއިން ގެނައި ބަދަލާއެކު މާލެ ތެރެއަށް މުދާ ގެންދިޔުމަށް ލޮރީތަކަށް ދުވާލު ގަޑީގައި މުދާ ދޫކުރުން މަޑު ޖައްސާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މުދާ އުފުލާ ލޮރީތައް ބަނދަރަށް ވައްދަން ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު ކަމަށެވެ. އަދި ފަތިހު ފަހެއް ޖަހަންދެން އެ ހިދުމަތް ދޭނެ ކަމަށެވެ.

ލޮރީތަކަށް މުދާ ދޫކުރުން ހަމައެކަނި ރޭގަނޑު ގަޑިއަށް ބަދަލުކުރި ނަމަވެސް ބަނދަރަށް ދޯނިފަހަރު ކައިރިކޮށްގެން ދޯނިފަހަރުގައި މުދާ ގެންދިޔުމަށް ދުވާލު ގަޑީ ވެސް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. ހެނދުނު 8:00 ން ހަވީރު 6:00 އާ ހަމަޔަށް ދޯނިފަހަރަށް މުދާ ބަރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ ބޮޑެތި ލޮރީ އަދި ޕިކަޕްތަކުގައި ދުވާލު މުދާ ނުއުފުލޭނެ ކަމަށާއި މުދާ އުފުލޭނީ ރޭގަނޑު 1:00 އާއި ހެނދުނު 6:00 އާ ދޭތެރޭގައި ކަމަށެވެ.

އިއްޔެ އެ އޮތޯރިޓީން ބުނީ މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދާ އެއްގަމު އުޅަނދުގައި އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާ އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށެވެ.