ވިޔަފާރި

މަޖޫރީން އަގު ބޮޑުކޮށްފި، މުދާ އަގު ބޮޑުވުމުގެ ބިރު!

Apr 3, 2018
9
  • މުދަލުގެ އަގު ބޮޑު ކުރާނަމަ ފިޔަވަޅު އަޅާނެ
  • ކޮންޓެއިނާ ކަނޑާ އަގު ދެ ގުނަ ބޮޑު ކުރި
  • މަޖޫރީން އަގު ބޮޑުކުރި އަދަދު ވިޔަފާރިތަކަށް

މަޖޫރީން ކޮންޓެއިނާ ކަނޑައިދޭ އަގު ބޮޑު ކުރުމާއެކު މުދަލުގެ އަގު ބޮޑު ކުރަން ޖެހިދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

މާލެ ވިޔަފާރި ބަނދަރުން މުދާ ނެރޭ މަޖޫރީން ވަނީ އެމްޕީއެލް ސަރަހައްދަށް އަންނަ ކޮންޓެއިނަރު ކަނޑައިދޭ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން ކުރިން 20 ފޫޓުގެ ކޮންޓެއިނާއެއްގެ ކުރީގެ އަގު 2500ރ. އަށް ކަނޑައި ދިން ނަމަވެސް މިހާރު އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދެނީ 6000ރ. އަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއެއް ކުރިން ކަނޑައި ދެނީ 6،000ރ. އަށެވެ. ނަމަވެސް ރެއިން ފެށިގެން މިހާރު ކަނޑައި ދެނީ 12،000ރ. އަށެވެ.

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީއެއް ނަން ނުޖެހުމަށް އެދި މިއަދު ބުނީ އަގު ބޮޑު ކުރަން ޖެހުނީ ރޭގަނޑު ބުރަކޮށް މަސައްކަތް ކުރަން ޖެހޭތީ ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތެއް މިއީ. އެހެންވެ ރަނގަޅު އެއްޗެއް ލިބެން ޖެހޭ. އަނެއްކާ ރޭގަނޑު މަސައްކަތް ކުރަން ޖެހުމަކީ މައްސަލައަކީ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

މި ބަދަލާއެކު މުދަލުގެ އަގުތަކަށް ބަދަލެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް "އަވަސް" އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކޮންޓެއިނާ ކަނޑަން ނަގާ އަގަކީ ވެސް ވިޔަފާރިން ދައްކަން ޖެހޭ އެއްޗެކެވެ. އެހެންވެ މި އަގުގެ ތެރެ އަށް ލާއިގެން ނޫނީ ގެއްލުން ވާނެ ކަމަށް ބުނެފައިވެ އެވެ.

"މި ހުރިހާ އެއްޗެއް ވެސް ނެރެން މި ޖެހެނީ އަގުން. އެހެން ނޫނީ އަގު ދައްކަން ޖެހޭނީ ޖީބުން. އެހެންވީމަ މީގެ ސަބަބުން އަގުތަކަށް ކޮންމެ ވެސް ބަދަލެއް އަންނާނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ނަމަވެސް، އަގު ތަކަށް އަންނާނީ ކިހާވަރެއްގެ ބަދަލެއް ކަމެއް އެއްވެސް ވިޔަފާރިވެރިއަކަށް އަދި ނޭނގެ އެވެ.

"އަންނާނެ ބަދަލެއް އަދި ނޭނގެ. އެކަމަކު ކޮންމެ ވެސް ބަދަލެއް އަންނާނެކަން އެނގެނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

މުދަލުގެ އަގު ބޮޑުވެދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނިއިރު، މުދަލުގެ އަގު ބޮޑުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ކުރު ނޫސް ބަޔާނެއްގައި ބުނީ މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި ބެލެނިވެރިން އަދި އާއްމު ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން މުދާ އުފުލާ ގަޑިތަކަށް ގެނެވިފައިވާ ބަދަލުތަކާ ގުޅިގެން ވިއްކާ މުދަލުގެ އަގު ބޮޑުކުރާނެ ކަމަށް، ބައެއް މީޑިޔާތައް މެދުވެރިކޮށް ހަބަރު ފަތުރަމުންދާތީ މުދާ އުފުލާ ގަޑި ބަދަލު ކުރުމަކީ މީގެ ސަބަބުން މުދަލުގެ އަގު ބޮޑު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ދަންނަވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މުދާ އަގު ބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.