ވިޔަފާރި

މުދަލުގެ އަގު ބޮޑު ކުރާނަމަ ފިޔަވަޅު އަޅަނީ

Apr 3, 2018
8

މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމާއެކު، މުދަލުގެ އަގު ބޮޑުވާނެ ކަމަށް ބައެއް ވިޔަފާރިތަކުން ބުނަމުންދާތީ، އަގު ބޮޑުކުރާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ކުރު ނޫސް ބަޔާނެއްގައި ބުނީ މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި ބެލެނިވެރިން އަދި އާއްމު ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން މުދާ އުފުލާ ގަޑިތަކަށް ގެނެވިފައިވާ ބަދަލުތަކާ ގުޅިގެން ވިއްކާ މުދަލުގެ އަގު ބޮޑުކުރާނެ ކަމަށް، ބައެއް މީޑިޔާތައް މެދުވެރިކޮށް ހަބަރު ފަތުރަމުންދާތީ މުދާ އުފުލާ ގަޑި ބަދަލު ކުރުމަކީ މީގެ ސަބަބުން މުދަލުގެ އަގު ބޮޑު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ދަންނަވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މުދާ އަގު ބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މުދާ އުފުލާ ގަޑިއަށް ބަދަލު ގެނެސްފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު ކުރިން ދުވާލުގެ ގަޑިތަކުގައި މުދާ އުފުލަމުން ދިޔަ ދިއުން ވަނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ބަދަލު ކޮށްފަ އެވެ. އަދި މި ބަދަލާ ގުޅިގެން ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި މަސައްކަތް ކުރާ މަޖޫރީން ވަނީ އަގުތައް ބޮޑުކޮށްފަ އެވެ.