ވިޔަފާރި

ބޮމްބޭ ވެލްވެޓާއެކު ރާއްޖޭގެ އިޝްތިހާރު އިންޑިޔާގެ ސިނަމާ ތަކަށް!

May 19, 2015

ބޮލީވުޑްގެ ސިނަމާތަކުގައި އެންމެ މިހާރު ދައްކަމުން ގެންދާ "ބޮމްބޭ ވެލްވެޓް" ފިލްމް ރިލީޒް ކުރުމާ ދިމާކޮށް ރާއްޖޭގެ އިޝްތިހާރު އިންޑިޔާގައި ދައްކަން ފަށައިފި އެވެ.

އިންޑިޔާގައި ރާއްޖެ އިސްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ރާއްޖޭގެ އިޝްތިހާރު އިންޑިޔާގައި ދެއްކުމުގެ ގޮތުން އެ ގައުމުގެ އެންމެ ބޮޑު ސިނަމާ ހިންގާ ކުންފުނި ކަމަށްވާ "ޕީވީއާރު ސިނަމާ" އާ ގުޅިގެން ދެ ހަފުތާއަށް ރާއްޖެ ޕްރޮމޯޓް ކުރަން ފަށާފަ އެވެ.

އެމްއެމްޕީއާރުސީން ވަނީ ރާއްޖެ އިންޑިޔާގައި އިސްތިހާރު ކުރުމުގެ ގޮތުން ދިއްލީ އާއި ކޮލްކަތާ އަދި ވިޔަފާރީގެ މަރުކަޒީ ރަށް މުންބާއީގެ ސިނަމާތަކުގައި ވެސް ރާއްޖޭގެ އިޝްތިހާރު ދައްކަމުންނެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް (މޯޑު) ވިދާޅުވީ އިންޑިޔާގައި ދައްކަމުންދާ އިޝްތިހާރުތަކުގެ ސަބަބުން ޓޫރިޒަމަށް ފައިދާ ކުރާނެ ކަމަށެވެ.

"ވަރަށް ޔަގީންކަން އެބައޮތް ބޭނުންވާ އޯޑިއަންސަށް މި ކެމްޕޭން ދާނެ ކަމަށް،" މޯޑު ވިދާޅުވި އެވެ.

އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހަތް ގައުމުގެ ތެރޭގައި ހިމެނިފައިވާ ގައުމެކެވެ. އެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އެ މާކެޓުން ދަނީ ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުންނެވެ. އެ ގައުމުން މިދިޔަ އަހަރު 45،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އެމްއެމްޕީއާރުސީން ދަނީ މި އަހަރުގެ ނިޔަލަށް އެ ގައުމުން ބައި ލައްކަ ޓޫރިސްޓުން ގެންނަން މަސައްކަތް ކުރަމުންނެވެ.