ހަބަރު

އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބެލިކަން ގާޒީއަކަށް ނޭނގުނު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗައް ކުރާ ދައުލަަތުގެ މަަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ބެހޭ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވެ، އެކަމާ ގުޅިގެން ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅުކޮށް ކްރިމިނަލް ކޯޓުގައި ހޫނު ބަހުސެއް ހިނގައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވާ، ދައުލަަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑު އެހުން ކުރިޔަށް ގެންދިޔައީ ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމް ކަމަށް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުން މިއަދު ކޯޓްގައި ވިދާޅުވި އެވެ. ނަމަވެސް މިރޭ އެ މައްސަލަ ކުރިޔަށް ގެންދިޔައީ ގާޒީ އިބްރާހިމް އަލީ އެވެ.

އެކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ހިސާން ހުސެއިން ސުވާލު ކުރެއްވީ މީގެ ކުރިން އެ މައްސަލަ ކުރިޔަށް ގެންދިޔައީ އެހެން ގާޒީއެއް ކަމަށްވާތީ، ގާޒީ ބަދަލު ކުރަން ދައުލަތުގެ ފަރާތުން އެދިފައިވޭތޯ ސާފުކޮށްލަން ބޭނުންވާ ކަމަށެވެ. ޖަވާބުގައި އެއީ އެހޭނެ ސުވާލެއް ނޫން ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލު ޝަމްލާ ޝަހީމް ވަނީ އިޖުރާއީ ނުގުތާއެއް ނަންގަވައިފަ އެވެ.

އެ މައްސަލާގައި ފަނޑިިޔާރު އިބްރާހިމް އަލީ ވިދާޅުވީ ދައުލަތުގެ މަސައްކަތައް ހުރަސް އަޅާފައިވާ ކަމުގެ ދައުވާގެ ޝަރީއަތެއް މީގެ ކުރިން ކުރިޔަށް ގެންގޮސްފައިވާ ކަމެއް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ. ގާޒީ އެގޮތަށް ވިދާޅުވުމަށް ފަހު އިދާރީ މުވައްޒިފުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އަލުން ވިދާޅުވީ ލިޔެކިޔުންތަކުން އެނގެން ނެތް ނަމަވެސް އެ މައްސަލަ ކުރިޔަށް ގެންދިޔަކަން އިދާރީ މުވައްޒިފުން ބުނާ ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ މައްޗައް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ބެހޭ މައްސަލަ ދެން ކުރިޔަށް ގެންދާނީ ގާޒީ އިބްރާހިމް އަލީ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

ނަމަވެސް ހިސާން ވިދާޅުވީ ޝަރީއަތް ކުރިޔަށް ދަނިކޮށް ފަނޑިޔާރުން ކުއްލިއަކަށް ބަދަލު ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާޒީ ބަދަލު ކުރެވޭނީ މަގުބޫލު ސަބަބެއް އޮވެގެން ކަމަށާއި އެގޮތުން މައްސަލާގެ ޝަރީއަތް ބާއްވާތާ ހަ މަސް ދުވަސްވީ އިރުވެސް ވަކި ގޮތަކަށް ނުނިންމި އޮތުން ނުވަތަ އިންސާފު ގާއިމް ކުރަން ހުރަސް އެޅޭނެ ފަދަ އަމަލެއް ފާހަގަވެގެން އެފަދަ މައްސަލައެއް ހުށަހަޅައިފި ހާލަތެއްގައި ފަނޑިޔާރު ބަދަލު ކުރެވިދާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ފަނޑިޔާރުން ބަދަލު ކުރުމުގެ ކުރިން މައްސަލާގައި ހިމެނޭ ދެ ފަރާތައް ކޯޓުން ކުރިން އަނގަން ޖެހޭނެ ކަމަށާއި ނަމަވެސް އެއިން އެއްވެސް އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކުއްލިއަަކަށް ގާޒީ ބަދަލުވެފައިވާތީ ކަންބޮޑުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އެހެންކަމުން އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު މައްސަލަ އަލުން ކުރިޔަށް ގެންދަން އެދޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ މައްސަލާގައި ވަކީލު ނޫރައްސަލާމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްސަލަ އެހެން ފަނޑިޔާރަކު ކުރިޔަށް ގެންގޮސްފައިވާ ކަން ގާޒީއަށް ވެސް ސާފު ނުވާތީ މިހާރު ކުރިޔަށް ދާ ގޮތުން އެއް މައްސަލައެއް ދެ ސެކްޝަނަކުން ކުރިޔަށް ގެންދެވިދާނެ ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް ޝަރީއަތް މެދުކަނޑާލަން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ގާޒީ އިބްރާހިމް އަލީ އަނެއްކާވެސް ވިދާޅުވީ މައްސަލަ އެހެން ދުވަހަކަށް އަލުން ތާވަލެއް ނުކުރެވޭނެ ކަމަށާއި ސިޓީތައް ހުށަހަޅައިގެން އަންގާފައި ނެތަސް އެ މައްސަލަ ދެން ބަލާނީ އެމަނިކުފާނު ކަމަށް ކަނޑައަޅުއްވާ ކަމަށެވެ. އަދި ދައުވާކޮށްފައިވާ މައްސަލާ ކުރިޔަށް ގޮސް ނިންމާނީ ވެސް ގާޒީ އިބްރާހިމް އަލީ ކަމަށް ނިންމައި ރައްދެއް ދިނުމަށް އިތުރު ފުރުސަތެއް ނުދެއްވާ ގާޒީ ޝަރީއަތުގެ ދެން ހުރި ބައިތައް ކުރިޔަށް ގެންދެވި އެވެ.

ދައުވާތަކައް އިންކާރު ކުރާ ކަމަށް ނިންމެވީ ގާޒީ

ދައުލަަތުގެ މަސައްކަތަކަަށް ހުރަސް އެޅުމުގެ ދައުވާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އަބްދުﷲ ސައީދުގެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާތީ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުން ސުޕްރީމް ކޯޓަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވުމަށް ހުރަސް އެޅުމުގެ ގޮތުން ޖެމްސްގެ ހިދުމަތް ކަނޑާލުމަށް ފަހު އަލުން ސުޕްރީމް ކޯޓުން ފޮނުވަން ޖެހޭ ޑޮކިއުމަންޓުތައް ފޮނުވުމަށް އެ ސިސްޓަމް އަލުން ބޭނުން ކުރުމަށް ވެސް އަބްދުﷲ ސައީދު އަނގާފައިވާ ކަން އެނގޭ ކަމަށެވެ.

ދައުލަތުން ދައުވާ ވިދާޅުވުމުން އާންމު އުސޫލެއްގެ ގޮތުން ގާޒީ ވިދާޅުވީ ދައުލަަތުން އިޝާރަތް ކުރައްވާ ކަންކަމަށް އިންކާރު ކުރައްވަންތޯ ނުވަތަ އިއުތިރާފް ވޭތޯ ނޫނީ ދައުވާ ސާފު ނުވާނަމަ އެކަން ވިދާޅުވުމަށެވެ. އެ ފުރުސަތު އަބްދުﷲ ސަައީދަށް ދެއްވުމުން ވިދާޅުވީ އޭނާގެ ފަރާތުން ޖަވާބު ދޭނީ ވަކީލުން ކަމަށެވެ.

ދައުވާ ސާފުވޭތޯ ނުވަތަ އިންކާރު ކުރަނީތޯ ވަކީލުންނާ ގާޒީ ސުވާލު ކުރެއްވުމުން ވަކީލު ހިސާން ވިދާޅުވީ މައްސަލާގެ ދައުވާއާ ބެހޭ ހުރިހާ ލިޔުންތަކެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ލިބޭ ފަރާތްތައް މައްސަލާގެ އެންމެހާ ލިޔުންތައް ލިބެން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ އިތުރުން ކޯޓުގެ އަމުރެއް ނެތި އެއްވެސް ލިޔެކިޔުންތައް ސިއްރު ނުކުރެވޭނެ ކަމަށާއި ލިޔުންތައް ނުލިބެނީސް ދައުވާ ސާފުވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅުވާން އުނދަގޫ ކަމަށް ހިސާން ފާހަގަ ކުރެއްވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅާފައިވާނެ ކަމަށާއި ހުށަހަޅާފައި ނުވާތީ ފޯލިއޯ ނަމްބަރު ބައެއް ލިޔެކިޔުންތަކުގެ ތެރެއިން އިދާރީ ބޭނުންތަކަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ހުރި ލިޔުންތައް ކަމަށެވެ.

އެ މައްސަލާގައި ވަކީލު ނޫރައްސަލާމް ވިދާޅުވީ ޖެމްސްގެ ހިދުމަަތް ކަނޑާލި ކަމަށް ބުނާ ދައުވާގައި ސާފު ނުވާ ގިނަ ކަންކަން ހުރި ކަމަށެވެ. އޭގެ ތެރޭގައި ދައުލަަތުން ތުހުމަތު ކުރަނީ ސީދާ ކޮން ކުށެއްކޮށްގެން ކަން ވެސް ސާފު ނުވާ ކަމަށާއި އޭގެ އިތުރުން ދައުލަތުގެ އިދާރާތަކުން ފޮނުވާ ލިޔުންތަކަށް ހުރަސް އެޅި ކަމަށް ބުނާ އިރު އެއީ ކޮން އިދާރާތަކެއް ކަން ވެސް ސާފު ނުވާ ކަމަށެވެ. އޭގެ އިތުރުން ދައުލަަތުގެ ފަރާތުން މި މައްސަލާގައި ދައުލަތް މާނަ ކުރަނީ ކޮން ގޮތަކަށް ކަަން ވެސް ސާފު ކުރަން ބޭނުންވާ ކަމަށް ނުރައްސަލާމް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުވާތައް އިންކާރު ކުރައްވަނީތޯ ނުވަތަ ނޫންތޯ ގާޒީ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ދިފާއީ ވަކީލުންތައް ވިދާޅުވަމުން ގެނދެވީ ދައުލަތަށް އެ މައްސަލަ ސާފު ނުކޮށްދެވޭތީ ވަކި އެއްޗެއް ބުނަން ދަތި ކަމަށެވެ. އަދި އިތުރު ސުވާލުތަކެއް ދިފާއީ ވަކީލުންގެ ފަރާތުންކޮށްފައި ވަނިކޮށް އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވަމުން ދާތީ ގާޒީ ނިންމެވީ ދައުވާތަކަށް އުއްތަމަފަނޑިޔާރު އެ ދައުވާއަށް އިންކާރު ކުރެއްވީ ކަމަށެވެ.

ހެއްކަށް އަނިޔާއެއް ލިބިދާނެތީ ސިއްރު ކުރަން އަމުރެއް!

ނާއީ އިޖުރާއަތު ގާނުނުގެ ދަށުން ސިއްރު ހެކިންގެ ހެކިތައް ސިއްރުކުރެއްވުމަށް ދައުލަތުން ސިޓީއަކުން އަނގާފައިވާ ކަން ފާހަގަ ކުރައްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ބައެއް ހެކިތައް ސިއްރު ކުރުމުގެ އަމުރަކަށް އެދޭ ކަމަށެވެ. އަދި އެފަދަ އަމުރެއް ބޭނުންވަނީ ހެކިވެރިޔާއަށް ޖިސްމާނީ ގެއްލުމެއް ލިބިދާނެތީ އެފަދަ ކަމަކުން ދުރުކުރުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް ދިފާއު ވަކީލު ހިސާން ވިދާޅުވީ އަބްދުﷲ ސައީދުގެ ޝަރީއަތް ނެމެންދެއް ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ހެއްކަކަށް ޖިސްމާނީ އަނިޔާއެއް ދޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ގެއްލުމެއް ލިބެން އޮތީ ކިހިނެތްކަން ދައުލަތުން ހާމަ ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އެ މީހަކަށް ގެއްލުމެއް ލިބިދާނެތީ ހެކިވެރިޔާގެ މައުލޫމާތު ސިއްރު ކުރި ނަމަވެސް ޖިސްމާނީ އަނިޔާއެއް ލިބިދާނެތީ އޭނާ ހުށަހަޅާ ބަޔާން ސިއްރު ކުރަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި މީގެ ކުރީގެ ބައެއް މައްސަލަތަކުގައި ވެސް ހެކިވެރިޔާގެ މައުލޫމާތު ސިއްރު ކުރުމަށް ފަހު އޭނާގެ ބަޔާންތައް ހާމަ ކުރާ ކަމަށާއި އެގޮތަށް ހަދައި ދިނުމަށް އެދޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ މައްސަލާގައި ގާޒީ އިބްރާހިމް އަލީ ނިންމެވީ ދައުލަތުން ހުށަހެޅި ހެކިތައް ސިއްރު ކުރުން ވަގުތީ ގޮތުން ފަސް ކުރުމަށެވެ.

މައްސަލަ ނިމުނީ ދެ ފަރާތުން ޝަރީއަތުގެ ކުރިން މައްސަލައާ ގުޅޭ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހުގަ އެވެ. އެކަމަށް ދައުލަތުގެ ފަރާތުން އެދުނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެކަމަށް މާ ގިނަ ދުވަސްތަކެއް ދެވެން ނެތް ކަމަށާއި އެހެންކަމުން ދެ ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަަޅަން ޖެހޭ ހުށަހެޅުންތައް ތައްޔާރު ކުރުމަށް 15 ދުވަހުގެ މުއްދަތަކަށް އެދުނެވެ. ނަމަވެސް އެ ފަރާތްތައް ވެސް ގާޒީ ދެއްވީ ދެ ދުވަހުގެ މުއްދަތެކެވެ. އަދި އެ މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު އަޑު އެހުމެއް އޮންނާނެ ކަމަށް އިއުލާން ކުރައްވަމުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިޔަށް ދިޔަ ޝަރީއަތް ނިންމާލި އެވެ.