ހަބަރު

ޔާމީންގެ ޝަރީއަތް ހުޅުވާލައިގެން ކުރިޔަށް ގެންދަން ގޮވާލާ ހިނގާލުމެއް

ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ގޮޅީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުން ބްލޮގާ ޔާމީން ރަޝީދުގެ ޝަރީއަތްތައް ހުޅުވާލައިގެން ކުރިޔަށް ގެންދަން ގޮވާލާ، ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

"އިންސާފެއް ނެތި މަރަށް އެއް އަހަރު"ގެ ޝިއާރުގައި ކުރިޔަށް ގެންދާ ހިނގާލުން ފަށާނީ މިއަދު ހަވީރު 4:30 ގައި ރަސްފަންނުގަ އެވެ. އެ ހިނގާލުމުގައި ޔާމީންގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެ އެވެ. ރަސްފަންނުގައި ޔާމީންގެ ހިނގާލުން ބާއްވަން އުޅުން ނަމަވެސް މީގެ ކުރިން ވެސް އެފަދަ ހިނގާލުންތަކަށް ފުލުހުން ފުރުސަތެއް ނުދީ ހުރަސް އަޅަ އެވެ.

ޔާމީން ރަޝީދުގެ މަރަށް އެއް އަހަރު ފުރޭއިރު އެ މައްސަލާގައި ކުރިޔަށް ގެންދާ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިޔަށް ގެންދާތީ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މައްސަލާގައި އެކި މުއައްސަސާތަކަ ބައްދަލު ކުރުމަށް ވެސް އާއިލާއިން އެކި ފަހަރުގެ މަތިން މަސައްކަތް ކުރި އެވެ. މިހާތަނަށް ބައްދަލުވެފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންއާ އެކަންޏެވެ.

ޔާމީން މަރާލި މައްސަލާގައި ދައުވާ ކުރަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗައް ކުރަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.