ހަބަރު

އައްޑޫ-ފުވައްމުލަކުގެ ދަތުރުފަތުރު ހިދުމަތް މިފްކޯއާ ހަވާލުކޮށް

އައްޑޫ އަދި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްވީކޭ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެ ހިދުމަތް ދިނުން ސަރުކާރުގެ މައި މަސް ކުންފުނި މިފްކޯއާ ހަވާލުކޮށްފި އެވެ.

އައްޑޫ-ފުވައްމުލަކުގެ ދަތުރުތައް ހުއްޓިފައި ހުންނަތާ ގާތްގަނޑަކަށް މިހާރު ދެ އަހަރު ވެއްޖެ އެވެ.

އައްޑޫގެ ދަތުރު ފަތުރު ހިދުމަތް ދިނުމަށް އެމްވީކޭއާއެކު ވެފައިވާ އެއްބަސްވުން އުވާލިކަން އިއުލާން ކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދީފައިވާ އެސެޓެއް ހުރި ނަމަ، ނޫނީ އެހެން ވެސް އިނާޔަތްތަކެއް ހުރި ނަމަ އެކަންކަމާ މެދު ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި މިފްކޯއިން އައްޑޫ އަދި ފުވައްމުލަކުގައި ފެރީގެ ހިދުމަތް ދިނުމުގެ އިތުރަށް އެ ދެ ރަށުގައި ބަސް ދަތުރުގެ ހިދުމަތް ވެސް ދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރާނީ މިފްކޯއިންނެވެ.

"މިފްކޯއިން މި ހިދުމަތް އެންމެ ކޮލިޓީގައި ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު މި ކުރަނީ. އެބޭފުޅުން މިހާރު ވެސް ހުވަދު އަތޮޅުގައި މިކަން އެބަ ކުރައްވާ. މިއީ އައްޑޫ ފުވައްމުލަކުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައެއް. މީގެ ސަބަބުން ފެންވަރު ރަނގަޅުކޮށް މެދުނުކެޑި މި ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ސައީދު ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވި ގޮތުގައި އައްޑޫ-ފުވައްމުލަކު ދެ އަތޮޅުގެ ދެމެދުގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީ އެ ކުންފުންޏަށް ވެސް ލިބޭ ފަސޭހަ އެކެވެ. އެ ކުންފުނިން ގަންނަ މަހުގެ ގާތްގަނޑަކަށް 30 ޕަސެންޓް އަންނަނީ އެ ސަރަހައްދުން ކަމަށްވާ އިރު، އެކަމަށް ބޭނުންވާ ލޮޖިސްޓިކް ފަހިވެފައި ހުރުމަކީ އެ މަސައްކަތަކަށް ލިބޭނެ ބާރެއް ކަމަށް ވިދާޅުވި އެވެ. އަދްލީ ވިދާޅުވި ގޮތުގައި ފެރީތަކުގެ ކޮލިޓީ ރަނގަޅުކޮށް ޒަމާނީ ބަސްތަކެއް ބޭނުންކޮށްގެން އައްޑޫ-ފުވައްމުލަކުގެ ދަތުރުފަތުރު ތަރައްގީ ކުރާނެ އެވެ. އަދި އެކަމުގެ ސަބަބުން އެ ހިދުމަތުގެ އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މާބޮޑު މާޖިންއެއް ވެސް އޮންނަ ކަމެއް ނޫން. ނަމަވެސް ރައްޔިތުންނަށް ޓަކައި އަޅުގަނޑުމެން މި ހިދުމަތް ދޭނަންގެއްލުމުގައި ނަމަވެސް މި ހިދުމަތް ދޭނަން،" އަދްލީ ވިދާޅުވި އެވެ. 

އަދްލީ ވިދާޅުވި ގޮތުގައި، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އައްޑޫ އަދި ފުވައްމުލަކުގެ ދަނޑުވެރިން ހައްދާ ތަކެތި މާލެ ގެނެވޭނެ އިންތިޒާމްތަކެއް އެ ކުންފުނިން ހަމަޖެއްސުމުގެ ވިސްނުން ހުރި ކަމަށެވެ. އެއީ މިފްކޯގެ ބޯޓްތަކުން ހަފްތާއަކު އެއްފަހަރު މާލެ އަންނަ އިރު އެތަކެތި ކޫއްޑޫ ކަހަލަ ރަށަކަށް ގެންދެވިއްޖެ ނަމަ އެކަމަށް ފަސޭހަ ވާނެ ކަމަށް އަދްލީ ވިދާޅުވި އެވެ. އަދި ހުޅުދޫގެ މަސް ފެކްޓްރީގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ އިރު، މިފްކޯ އިން އޮޕަރޭޓް ކުރާ ފެރީ ނިޒާމެއް އޮވެއްޖެ ނަމަ އެކަމަށް ވެސް ބާރަކަށް ވާނެ ކަމަށް އަދްލީ ވިދާޅުވި އެވެ.

"މިކަހަލަ ކަމެއްގައި މިބަލާ ކަމަކީ މީގެ ސަބަބުން އުފެދޭނެ އިގްތިސާދީ މަސައްކަތްތައް. މިކަމުގެ ސަބަބުން އެބަ އާދޭ ބައިވަރު އިގްތިސާދީ ކަންކަން. މިއީ މުޅި އަތޮޅަށް އެތައް ބަޔަކަށް ލިބޭނެ އިގްތިސާދީ ފައިދާއެއް،" އަދުލީ ވިދާޅުވި އެވެ.