ހަބަރު

ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައިފި

Apr 24, 2018
2

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފި އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ރިޔާޒުގެ ފޯނު ހުޅުވާ ނުދިން ކަމަށް ބުނެ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. ނަމަވެސް އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ހައިކޯޓުން މިއަދު ނިންމީ ރިޔާޒުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށާއި ކްރިމިނަލް ކޯޓްގެ ހުކުމް ބާތިލް ކުރުމަށެވެ. އަދި އެ މައްސަލައިގައި އަދަބު ކަނޑައެޅުމަށް މިއަދު އިތުރު ޝަރީއަތުގެ މަޖިލީހެއް ކޯޓްގައި ބާއްވާނެ އެވެ. ރިޔާޒުގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ނިންމުމާ އެކު ރިޔާޒުގެ ވަކީލުން ވަނީ އެ މައްސަލައިގައި ވީހާ ވެސް ކުޑަ އަދަބެއް ރިޔާޒަށް ދިނުމަށް އެދިފަ އެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ވެސް ހައިކޯޓްގައި އޭނާގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.

އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ރިޔާޒުގެ މައްޗައް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ދައުލަތުން އެދިފައި ވަނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު އޭނާއަށް ދިނުމަށެވެ. އެއީ ހަތަރު މަހާއި 24 ދުވަހެވެ.

ރިޔާޒުގެ މައްޗަށް ދައުލަތުން އިސްތިއުނާފުކުރި މި މައްސަަލައިގެ އަޑު އެހުންތައް ނިންމާލާފައި ވަނީ އެ މައްސަލަ ބަލަމުން ގެންދިޔަ ބެންޗާއި ރިޔާސަތަށް ވެސް ބަދަލު ގެނައުމަށް ފަހުގަ އެވެ. ކުރިން އެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރެވެ. ނަމަވެސް މިއަދު ހުކުމް އިއްވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދެވެ.

ރިޔާޒު މިހާރު ހުންނެވީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގައި ޝަރީއަތް ނިމެންދެއް ބަންދުކޮށްފަ އެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަށްފަހު އެސްއޯ އިއުލާންކޮށް އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ.