ހަބަރު

އުއްތަމަ ފަނޑިޔާރު ކޯފާވެ، އުދާސްތައް ބަންޑުންކޮށްލައިފި

Apr 24, 2018
12
  • ކުރި ހުކުމަކާ ގުޅިގެން ހައްޔަރެއް ނުކުރެވޭނެ
  • އާބިޓްރަރީ ޝަރީއަތެއްކަން މުޅި ރާއްޖެ އާއި ދުނިޔެ ހެކިވޭ
  • ކިތަންމެ އަނިޔާއެއް ކުރިޔަސް އަޅުގަނޑު ވަޅެއް ނުލެވޭނެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރިގޮތާއި އެމަނިކުފާނާމެދު އަމަލު ކުރެވޭ ގޮތާ އަދި ޝަރީއަތްތައް ކުރިޔަށް ގެންދާ ގޮތާމެދު ފާޑު ވިދާޅުވެ، އެމަނިކުފާނު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަރަށް ބޮޑަށް ކޯފާވެ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައި ހުންނަވާ އުއްތަމަ ފަނޑިޔާރު ގިނަ ކަންބޮޑުވުންތަކާއި އުދާސްތައް ބޭރުކޮށްލީ އެމަނިކުފާނުގެ މައްޗަައް ދައުލަތުން ކުރާ އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑު އެހުމުގަ އެވެ. މިއީ މީޑިއާތައް ކުރިމަތީ އެމަނިކުފާނު އަމިއްލަފުޅަށް އެފަދަ ވާހަކަތަކެއް ވިދާޅުވި ފުރަަތަމަ ފަހަރެވެ.

އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅުމުގެ މައްސަލާގައި ދައުލަތުން ކުރާ ދައުވާ ސާފުވޭތޯ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އުއްތަމަ ފަނޑިޔާރާ ސުވާލު ކުރެއްވުމުން ވިދާާޅުވީ އެމަނިކުފާނުގެ ފަރާތުން ވާހަކަދައްކަވާނީ ވަކީލުން ކަމަށެވެ. މީގެ ކުރިން ބޭއްވި އުއްތަމަ ފަނޑިޔާރުގެ ޝަރީއަތްތަކުގައި ވެސް އެމަނިކުފާނު ވިދާޅުވެފައި ވަނީ އެގޮތަށެވެ.

ނަމަވެސް މިއަދު އެ ފުރުސަތު ނުދެއްވާ ގާޒީ ވިދާޅުވީ އެމަނިކުފާނު ސުވާލު ކުރެއްވީ އުއްތަމަ ފަނޑިޔާރާ ކަމަށާއި އެހެންކަމުން ޖަވާބުވެސް ދެއްވުމަށް އެދޭ ކަމަށެވެ. އެއާއެކު އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގެން ދައުވާތައް ސާފު ނުވާ ކަން ފާހަގަ ކުރެއްވަމުން ވިދާޅުވީ މިއީ ހައްގުތައް ހިފެހެއްޓުމަށް ފަހު އާބިޓްރަރީކޮށް ކުރިޔަށް ގެންދާ ޝަރީއަތެއް ކަން މުޅި ދުނިޔެއަށާއި މުޅި ރާއްޖެއަށް އެނގޭ ކަމަށެވެ. އަދި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވާ އިރު ފާޅުކަން ބޮޑު ގޮތެއްގައި އެ ހުކުމް ތަންފީޒު ނުކުރުމަށް ބަހަނާ ދެއްކުމަށް ފަހު އެމަނިކުފާނުގެ މައްޗައް ކުރާ ދޮގު ތުހުމަތުތަކެއްގެ މައްޗައް ހިނގާ ޝަރީއަތްތަކެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އުސޫލުތަކާއި ގާނޫނުގައި ބުނެފައިވާ ކަންކަމަށް ބެލުމެއް ނެތި ކުރިޔަށް މިދަނީ ދޮގުތަކެއްގެ މައްޗައް ބިނާވާ ކަންކަތައްތަކެއް، އުއްތަމަ ފަނޑިޔާރަކާ މެދު އަމަލު ކުރެވެން ޖެހޭ ގޮތަކަށް ނޫން އަޅުގަނޑާ މެދު ކަންތައް ކުރައްވަނީ، ގާނޫނު އަސާސީ ފުނޑުފުނޑުކޮށްލައި މުގުރާލުމަށް ފަހު ކުރިޔަށް ގެންދާ ކަންކަން މިއީ،" ރުޅިއަތުވެ، ތުރުތުރު އަޅަމުން ދިޔަ އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

އެ ވާހަކަތައް ވިދާޅުވުމުން ގެންދަވަނިކޮށް އިށީންދެވަޑައިގަތުމަށް ގާޒީ އެންގުމުން އުއްތަމަ ފަނޑިޔާރު އިށީންދެވަޑައިގަތެވެ. އެއަށް ފަހު ދައުވާއާ ގުޅޭ ގޮތުން ސާފު ނުވާ ކަންކަން ވަކީލުން ފާހަގަ ކުރައްވި އެވެ. އަދި ދައުލަތުން އެކަންކަމަށް ޖަވާބު ވެސް ދެއްވި އެވެ. އެ ބަހުސްތަކަށް ފަހު އަނެއްކާވެސް އެ މައްސަލަ ސާފުވެވަޑައިގެންފިތޯ އުއްތަމަފަނޑިޔާރު އަރިހުން ގާޒީ ސުވާލު ކުރެއްވުމުން އެމަނިކުފާނު އަލުން އެ ވާހަކަތައް މެދުކަނޑައިލި ހިސާބުން ފެއްޓެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދަނީ ވެކްސިން ޖަހައި ތަނެއްގައި ހިނގާ އުސޫލަށް ކަމަށެވެ. ގާނޫން އަސާސީގެ މިންގަނޑުތަކާ ހިލާފުވެފައިވާ އިރު އާބިޓްރަރީކޮށް ޝަރީއަތް ކުރިޔަށް ގެންދަނީ ވެސް ފަނޑިޔާރެއްގެ މައްޗައް ތަހުގީގެއް ހިންގާ ގޮތަކަށް ތަހުގީގު ކުރުމަށް ފަހުއެއް ނޫން ކަމަށެވެ. އަދި މިއީ ދުސްތޫރީ ގިނަ މައްސަލަތަކެއް ހިމެނޭ ކަމެއް ކަމާށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމަނިކުފާނު ބަންދުގައި ބަހައްޓަވައިގެން އަމަލު ކުރަމުން ގެންދަވަނީ ވެސް ގާނޫނާ ހިލާފަށް ކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނާ މަޝްވަރާ ކުރުމަށް އެމަނިކުފާނަކަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށެވެ. ކޯޓަކުން ދޭން ޖެހޭ އެންމެ އަސާސީ އެ ހައްގުން ވެސް މަަހުރޫމްވެފައިވާ ކަމަށާއި މިހާތަނަށް ލިބިފައި ވަނީ ހަމައެކަނި ވަކީލެއްގެ ނަން ހުށަހެޅުމުގެ ހައްގު އެކަނި ކަމަށް އަބްދުﷲ ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ޗެލެންޖު ނުކުރެވޭނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އަމުރަކާ ގުޅިގެން ގާނޫނުތައް ފުނޑާލުމަށް ފަހު ކުރި ތަހުގީގަކާ ފޯނަކާ އޮންނާނީ ކޮން ގުޅުމެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކުރިޔަށް ގެންދެވިއަސް ޝަރީއަތްތަކެއް އަދި އެމަނިކުފާނެއް ވެސް "ވަޅެއް ނުލެވޭނެ" ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަބްދުﷲ ސައީދު އެ ވާހަކަފުޅުތައް ދައްކަވަމުން ދިޔަ ވަގުތު ގާޒީ އެތަށް ފަހަރެއްގެ މަތިން މެދުކަނޑާލުމަށް އެންގި އެވެ. ނަމަވެސް ގާޒީގެ އެންގުމަކަށް ސަމާލު ކަމެއް ދިނުމެއް ނެތި އުއްތަމަ ފަނޑިޔާރުގެ ފާޑު ކިޔުންތަކާއި ކަންބޮޑުވުން ފާޅު ކުރުމަށް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވާން ބޭނުންވާ އެއްޗެހި ވިދާޅުވުމަށް ފަހު ގާޒީ އެންގެވުމުން އޭނާ އިށީންދެވަޑައިގަތެވެ.

ގާޒީ ދެން ސުވާލު ކުރެއްވީ ދައުވާތަކަށް އިންކާރު ކުރައްވާތޯ ނުވަތަ އިއުތިރާފް ކުރޭ ތޯ އެވެ. އެންމެ ފަހުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ދައުވާތައް އިންކާރު ކުރާ ކަމަށެވެ.