ހަބަރު

ގިނަ ވަގުތު ހޭދަވާތީ މައުމޫންގެ އެދުމަކަށް އަޑުއެހުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗައް ކުރާ އަަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައި މިއަދު ބޭއްވި އަޑު އެހުން ގިނަ ވަގުތުތަކަށް ދެމިގެން ދިޔުމާ ގުޅިގެން ރައީސް މައުމޫންގެ އެދިލެއްވުމަކަށް އަޑު އެހުން މެދުކަނޑާލައިފި އެވެ.

ދެ ފަނޑިޔާރުންނާއި ރައީސް މައުމޫންގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައި ވަނީ 1:00 ހާއިރަށެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ ބައެއް ދިފާއީ ވަކީލުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ހިނގައި އެހެން މައްސަލަތަކެއްގައި އުޅުއްވާތީ އަޑު އެހުން ފެށުނީ 3:00 ހާއިރު އެވެ. އޭރު ފެށި ގޮތަށް މިރޭ 7:30 ހާއިރަށް ޝަރިއަތް ކުރިޔަށް ދިޔަ އެވެ.

ނަމަވެސް ގިނަ ވަގުތުތަކެއް އެއްތަނެއްގައި އިށީންދެވަޑައިގެން އިންނަވަން ޖެހިވަޑައިގަންނަވާތީ އެކަމާ ކަަންބޮޑުވުން ފާޅުކޮށް ޝަަރީއަތުގައި ރައީސް މައުމޫންގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ރައީސް މައުމޫންއަކީ އުމުރުން ދުވަސްވީ މީހަކަށްވެފައި ސިއްހީ ހާލަތު ހުރި ގޮތުން ގެއްލުމެއް ލިބިދާނެތީ ޝަރީއަތް މެދުކަނޑާލުމަށް ފަހު އެހެން ދުވަހަށް އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫންގެ ވަކީލުން އެގޮތަށް އެދިވަޑައިގަތް އިރު ޝަރީއަތުގައި އޮތީ ދައުވާ ސާފުވޭތޯ ނުވަތަ ނޫންތޯ ފަނޑިޔާރު އަލީ ހަމީދު އަރިހުން ސުވާލު ކުރެއްވުމެވެ. ނަމަވެސް ރައީސް މައުމޫންގެ ވަކީލުން އެދިވަޑައިގަތީ އެކަން އަންނަ ދުވަހަކަށް ފަސް ކުރުމަށް ފަހު އިބްތިދާއީ އަޑު އެހުން މެދުކަނޑާލުމަށެވެ.

އެގޮތަށް އެދިވަޑައިގަތުމުން ގާޒީ އާދަމް އާރިފް ވަގުތުން ނިންމެވީ ޝަރީއަތުގައި ގިނަ ވަގުތުތަކެއް ހޭދަވެފައިވާތީ މިރެއަށް މެދުކަނޑާލުމަށެވެ. އެއަށް ފަހު މާދަމާގެ ވަގުތެއްގައި މައްސަލަ އަލުން ކުރިޔަށް ގެންދިޔުމަށެވެ.

ގާޒީ އެގޮތަށް ނިންމެވުމުން އަލީ ހަމީދުގެ ވަކީލުގެ ފަރާތުން މަހަފޫޒް ސައީދު ވިދާޅުވީ މާދަމާ އަޑު އެހުން ބާއްވަން ނިންމާތީ ގިނަ ދަތިތަކާ ކުރިމަަތިވާނެ ކަމަށާއި އެގޮތުން މުޅި ހަފްތާގައި ގިނަ ޝަރީއަތްތަކެއް ކުރިޔަށް ގެންދާއިރު ވަކީލުންނަށް އެ ފަރާތްތަކުގެ މުވައްކިލުންނާ މަޝްވަރާ ކުރުމަށް ވެސް އެކަށީގެންވާ ފުރުސަތު ނުލިބޭނެ ކަމަށެވެ. އޭގެ އިތުރުން އަލީ ހަމީދު ކޮންމެ ރެއަކު އޮކްސިޖަން މާސްކު އަޅައިގެން 9:00 ނިދަން ޖެހޭ ކަމަށާއި ކޮންމެ ދުވަހަކު ޝަރިއަތްތައް ބާއްވާ ދަތުރު ކުރަން ޖެހޭތީ ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ޝަރީއަަތް އަވަސް އަރުވައި ނުލައި އެހެން ދުވަހަކަށް ފަސް ކުރަން މަހަފޫޒް އެދުނެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ އޭނާގެ އެހެން މައްސަލަތަކެއް ވެސް މާދަމާ ތާވަލުކޮށްފައިވާ ކަމަށާއި މައްސަލަތަކާ ގުޅިގެން މުވައްކިލާ މަޝްވަރާ ކުރަން ވެސް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ރައީސް މައުމޫންގެ ފަރާތުން ފައިސަލް ވެސް އެ މައްސަލަ ފާހަގަ ކުރައްވަމުން ވިދާޅުވީ ހަފްތާއަކު އެއް ފަހަރު އާއިލީ ބައްދަލުވުން ރައީސް މައުމޫންއަށް ލިބިވަޑައިގަންނަވާ އިރު މާދަމާ 10:00 ހާއިރަށް އެ ބައްދަލުވުން އޮންނަ ކަމަށެވެ. އަދި އަޑު އެހުން ބާއްވާނަމަ މެންދުރު ފަހު ވަކީލުންނާ ބައްދަލު ކުރުމަށް ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށާއި އެހެންކަމުން އެހެން ދުވަހަކަށް ފަސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ ފަރާތުން އެ ކަންބޮޑުވުން ފާޅު ކުރުމުން އެކަންތައް އަޑު އެއްސެވުމަށް ފަހުގައި ވެސް ގާޒީ ނިންމެވީ އިތުރަށް ލަސްތަކެއް އެ މައްސަލައިގައި ނުކުރުމަށެވެ. އަދި މާދަމާ 3:00 ގައި މައްސަލަ އޮންނާނެ ކަމަށް އިއުލާން ކުރެއްވި އެވެ.

ދައުވާ ސާފު ނުވެ، ވަކީލުންގެ ސުވާލުތަކެއް

މިއަދު ކުރިޔަށް ދިޔައީ މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމަށް ރައީސް މައުމޫން އާއި ދެ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުން ކަމުގެ މައްސަލައާ ގުޅޭ ހެކި ހުރި ކަމަށް ބުނާ އެ ބޭފުޅުންގެ ފޯނު ތަހުގީގަށް ނުދިން މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތެވެ.

އެ މައްސަލާގެ ދައުވާ ދައުލަތުގެ ފަރާތުން އިއްވުމަށް ފަހު ރައީސް މައުމޫން އާއި އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔަރުގެ އަރިހުން އެ ދައުވާ ސާފުވެއްޖެތޯ ގާޒީ ސުވާލު ކުރެއްވުމުން އެ ތިން ބޭފުޅުން ވެސް ވިދާޅުވީ ސަފު ނުވާ ކަމަށެވެ. އޭގެ ތަފްސީލުތަކަށް ދަމުން އެ ބޭފުޅުންގެ ވަކީލުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތާ ކުރައްވައިފަ އެވެ..

އެގޮތުން އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުސަލާމް ވިދާޅުވީ ދައުވާގައި "ހެކިތަކެއް ހުރި ކަމަށް ބެލެވޭ" ފޯނެއް ކަމަށް ބުނެފައި އޮތުމުން ސުވާލު އުފެދޭ ކަމަށާއި އެގޮތުން އޭގައި ހެކި ހުރިކަން ކަށަވަރު ނުކުރެވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެއަށް ރައްދު ދެއްވަމުންް ދައުލަތުގެ ވަކީލު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަތުން ފޯނު ހޯދުމަށް ފުލުހުން އަންގާފައި ވާނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށާއި 1 ފެބްރުއަރީގެ އަމުރައި ގުޅިގެން ހިނގައިދިޔަ ކަންކަން ސާބިތު ކުރުމަށްޓަކައި ބޭނުންވާ ހެކި އެ ފޯނުގައި ހުންނާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި ހެކި ހުންނާނެކަން ކަށަވަރު ކުރެވޭނީ ވެސް އެ ފޯނު ހުޅުވާ ބެލުމުން ކަމަށާއި ނަމަވެސް ފޯނު ނުދޭތީ އޭގައި ހުރި އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ރައްދުގައި ނޫރައްސަލާމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ފޯނުގައި ހެކި ހުރިކަން ނުވަތަ ނެތްކަން ވެސް ދައުލަތަށް އެނގިވަޑައި ނުގަންނަވާ ކަމަށް އެ ފަރާތުން އިއުތިރާފުވެފައިވާ ކަމަށާއި ދައުލަތަށް ހީވާ އެއްޗެއްގެ މައްޗައް ބިނާކޮށް މީހަކަށް ތުހުމަތު ކުރުމަށް ފަހު ދައުވާ ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

ރައީސް މައުމޫންގެ ފަރާތުން ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ދައުވާގައި 1 ފެބްރުއަރީ އަމުރު ނެރުމަށް މަޖިލީސް މެންބަރުންނަށާއި ފަނޑިޔާރުންނަށް ރައީސް މައުމޫން ރިޝްވަތު ދެއްވި ކަމަށް ބުނެފައިވީ ނަމަވެސް އަމުރަކަށް ނުފޫޒު ފޯރުވުމަށް މަޖިލީސް މެންބަރުންނަށް ރިޝްވަތު ދޭން ޖެހޭ ސަބަބެއް ސާފެއް ނުވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް މައުމޫން ހައްޔަރު ކުރިއިރު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަކަށް ފުލުހުން ތުހުމަތު ނުކުރާ ކަމަށާއި ހައްޔަރު ކުރުމަށް ފަހު ހަވާލު ކުރި ލިޔުންތަކުގައި ވެސް އެ ތުހުމަތެއް ނެތް ކަމަށާއި ތަހުގީގުގައި ވެސް އެ މައްސަލަ ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެހެންކަަމުން ދައުވާގައި އެ މައްސަލަަ ހިމެނޭ ސަބަބެއް ސާފު ނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މައްސަލާގައި ވެސް ކަމަށް ދެ ފުލުހުންގެ ހެކި ބަހުން އެނގޭނެ ކަމަށެވެ. އަދި ފޯނު ދޭން ބުނީ ވެސް އެ މައްސަލާގައި ކަން އެނގޭނެ ކަމަށް ދައުލަަތުގެ ވަކީލު ވިދާޅުވި އެވެ.

ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ރައީސް މައުމޫން ހައްޔަރު ކުރި އިރު އެމަނިކުފާނުގެ އަރިހުގައި ހުންނެވި ކަމަށާއި އެ ތުހުމަތެއް ފުލުހުން އޭރު ނުކުރައްވާ ކަަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. ފުލުހުން ވީޑިއޯ ރެކޯޑިން ހުށަހަޅަން ޖެހޭނެ ކަމަށާއި އޭރުން އޭގެ ތެދު ހާމަވާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު އިތުރަށް ސުވާލު ކުރެއްވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ކުރި އަމުރަކާއި ރައީސް މައުމޫންއާ ގުޅޭ ހިސާބެއް ވެސް ސާފު ނުވާ ކަމަށެވެ. އަދި އޭގައި މެންބަރުންނަށް ރިޝްވަތު ދިނުމާއި ބޮޑެތި ގިނަ ތުހުމަތުތަކެއް ދައުލަަތުން ދައުވާގައި ހިމަނާފައިވާ ކަމަށާއި ބުއްދި ގަބޫލު ކުރެވޭ ފަދަ ކަންކަމަށް އެކަންކަން ވާން ޖެހޭ ކަމަށެވެ.

ރައްދުގައި ދައުލަަތުގެ ވަކީލުން ވިދާޅުވީ ތުހުމަތުތައް ބިނާ ކުރާ މައުލޫމާތުތައް ލިބޭގޮތް ހާމަ ކުރާކަށް އަދި ނުޖެހޭ ކަމަށެވެ.