ހަބަރު

ޗައިނާ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓްތަކެއް ހަދަން ސީމެކްއާ ހަވާލުކޮށްފި

ޗައިނާގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ރިސޯޓްތަކެއް ހެދުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)އާ އެކު ޓްއަރިޒަމް މިނިސްޓްރީ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ ޓްއަރިޒަމްގައި ޗައިނާގެ ކުންފުންޏަކުން ކުރާ ފުރަތަމަ އިންވެސްޓްމަންޓާ ގުޅޭ ގޮތުން އަދީބު ވިދާޅުވީ، ރާއްޖެ އަންނަ ޓްއަރިސްޓުންގެ ބޮޑު ބައެއް ޗައިނާއިން ހިއްސާ ކުރާ އިރު، އެ ގައުމުގެ ޓޫރިސްޓުންނަށް ހާއްސަކޮށް ފަރުމާ ކޮށް ހިދުމަތް ދޭ ރިސޯޓްތަކެއް ހުންނަން ޖެހޭ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޓްއަރިޒަމްގެ މާކެޓަށް މުހިންމުވެފައިވާ ޕްރޮޑަކްޓެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ޓްއަރިޒަަމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

"މިއީ ޗައިނާގެ ވަރަށް ބޮޑު ކުންފުންޏެއް. އެބޭފުޅުން ކަހަލަ ބޮޑުބައެއް އިންވެސްޓް ކުރަން އައުމަކީ މިގައުމަށް ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭނެ ބޮޑު ކުރިއެރުމެއް. މީޣެ ސަބަބުން އެބަ ޗައިނާ މީހުންނަށް ކޭޓާ ކުރަން ރަނގަޅު ޕްރޮޑަކްޓެއް މި ލިބެނީ. މީގެ އިތުރުން އެނދުތައް އިތުރު ކުރަން ކުރާ ކަންކަމުގައި ވެސް އިތުރުބާރެއް މި ލެވެނީ،" އަދީބު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަޅާ 1،500 ހައުސިން ޔުނިޓާއި ލ. އަތޮޅުގައި ހަދާ ލިންކް ރޯޑުގެ މަޝްރޫއަކީ ވެސް އެ ކުންފުނިން ހިއްސާ ވެގެން ރާއްޖޭގައި މިހާރު ވެސް ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކެވެ.

މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ހަދަން އެންމެ ފުރަތަމަ ހަވާލު ކުރާނީ އެކަމުގައި ތ. ކަޅުފަހަލަފުއްޓެވެ. އެ ރަށަކީ ރިސޯޓް ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން ގިނަ ދުވަސްވެ، ނުހެދި އޮތް ރަށެއްގައި ފާހަގަ ކުރައްވަމުން އަދީބު ވިދާޅުވީ މި އަންނަ ހަފްތާގެ ތެރޭގައި ފީސިބިލިޓީގެ މަސައްކަތް ސީމެކުން ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލުމަށް ފަހު މިއަހަރު ނިމުމުގެ ކުރިން އެ ރަށް ތަރައްގީ ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.