ހަބަރު

މަސްތުވާއެއްޗެއް ރަމްޒުކޮށް ދޭ ބެލްޓެއް އަޅައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

Dec 23, 2014

މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ކެނަބިސް ފަތް ރަމްޒުކޮށްދޭ ބެލްޓެއް އަޅައިގެން އުޅުނު މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ގދ. ރަތަފަންދޫއިން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ. އެ ބެލްޓް ފެނުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހާގެ ހަށިގަނޑު ބަލައި ފާސް ކުރުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން މަސްތުވާތަކެއްޗަށް ހިތްވަރު ދިނުމާއި ޝައުގުވެރި ކުރުވުމަކީ ކުށެކެވެ. އެ ގާނޫނު ބުނާގޮތުން މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ނުވަތަ ޓްރެފިކް ކުރުމަށް ހިތްވަރު ދޭ އެއްވެސް ލިޔުމެއް ނުވަތަ ކުރެހުމެއް އާންމުންނަށް ދެއްކުމަށް ޝާއިއުކޮށް، ހާމަ ކުރުމަކީ ކުށެކެވެ.

އެ ކުށްކުރި މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.