ހަބަރު

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވިޔަސް ދަރަނީގެ ނުރައްކާ ބޮޑު: އޭޑީބީ

މިއަހަރާއި އަންނަ އަހަރު ރާއްޖެއަށް އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުވި، ނަމަވެސް ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވުމާއި އެހެން ވެސް ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުމާ ކުރިމަތިވެދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް( އޭޑީބީ) އިން ބުނެފި އެވެ.

އޭޝިއާގެ ގައުމުތަކުގެ ކުރިއެރުން މިއަހަރަށް ލަފާކުރާ ގޮތުގެ މައްޗަށް އޭޑީބީ އެކުލަވާލައި މި މަހު އާންމު ކުރި، "އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކް[އޭޑީއޯ]2018" ގައި ރާއްޖެއަށް އޮތް ނުރައްކާތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ބޭރުގެ ދަރަނި ބޮޑުވުމާއި ބޭރު ފައިސާގެ ރިޒާވް ދަށް ވުމެވެ. ދެވަނަ ކަމަކީ ކުއްލި ޝޮކެއް އައިސްދާނެ ފަދަ ވަސީލަތްތައް ކަމަށްވާ ބޭރުގެ ދަރަންޏާއި ޓުއަރިޒަމް އަށް ރާއްޖޭގެ އިގްތިސާދު މާބޮޑަށް ބަރޯސާކުރުމެވެ. އަދި ތިންވަނަ ކަމަކީ ރާއްޖޭގައި އޮތް ސިޔާސީ ނުތަނަވަސްކަމެވެ. ވަކިން ހާއްސަކޮށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން އުފެދޭ ސިޔާސީ ހަމަނުޖެހުން އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި މިދިޔަ އަހަރުގެ ތެރޭގައި 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ. ސަބަބަކަަށް ވަނީ، މިދިޔަ ޖޫން މަހާއި ނިވެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ބޭރުގެ ފަރާތްތަކަށް 250 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކާފައި ވާތީ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ސަރުކާރުގެ އެތެރޭގެ ދަރަނި، ވެސް މިދިޔަ އަހަރުގެ ތެރޭގައި 2.7 ޕަސެންޓް އިތުރުވެ، 27.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އެހެންކަމުން ރާއްޖޭގެ ދަރަނީގެ ޖުމްލަ 43.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭޑީބީ އިން ފާހަގަ ކުރެ އެވެ. އެ ބޭންކުން ފާހަގަ ކުރާ ގޮތުގައި، އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 61.1 ޕަސެންޓެވެ.

އަންނާނެ ކަމަށް ލަފާކުރާ ކުރިއެރުން

އޭޑީބީގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމް އަލުން ރަނގަޅުވަމުން އަންނަ އައުން ދެމެހެއްޓުމާއި ކުރިއަރަމުން އަންނަ އިމާރާތްކުރުމުގެ އިންޑަސްޓްރީގެ ސަބަބުން މިހިނގާ 2018 ވަނަ އަހަރާއި އަންނަ 2019 ވަނަ އަހަރު ރާއްޖެއަށް ކުރިއެރުން ގެނެސްދޭނެ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ ޖީޑީޕީ 6.7 ޕަސެންޓުން އިތުރުވާނެ ކަަމަށް ލަފާ ކުރާ އިރު އަންނަ އަހަރު 6.8 ޕަސެންޓުން އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގޮތުން ބުނެފައި ވަނީ އެ ސިނާއަތު ފެންނަނީ އުޖާލާކޮށް ކަމަށެވެ. އެގޮތަށް ދެކޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖެއަށް މައިގަނޑު ގޮތެއްގައި ޓޫރިސްޓުން އަންނަ ޔޫރަޕްގެ ގައުމުތަކާއި ޗައިނާއަަށް ކުރިއެރުން އަންނާނެ ކަމަށް ލަފާ ކުރެވޭތީ ކަމަަށެވެ. ޔޫރަޕާއި އޭޝިއާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ފަށާފައި ވުމަކީ ވެސް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރާނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

ޓޫރިޒަމް ކުރިއަރާނެ ސަބަބުތަކުގެ ގޮތުގަައި ފާހަގަކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ޓާމިނަލް މިއަހަރު ނިމުމާއި އިތުރު 30 ރިސޯޓާއި ސަރަހައްދީ އެއާޕޯޓުތައް ހުޅުވުން ހިމެނެ އެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެސް މި ދެއަހަރު ދުވަހުގެ ތެރޭގައި ކުރިއެރުން އަންނާނެ ކަަަށް އޭޑީބީން ވަނީ ލަފާކޮށްފަ އެވެ. ރިޕޯޓްގައިވާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އާ ލޯން ސްކީމްތައް ތައާރަފް ކުރުމާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ފަސޭހަކޮށްތައް ފަހިކޮށް ދިނުން އަދި ވިޔަފާރިތައް ހޭލުންތެރި ކުރަން ކުރެވުނު މަސައްކަތް ފާހަގަކޮށްފައިވެ އެވެ.

އެހެން ނަމަވެސް، ކުދި ވިޔަފާރިތައް ތަރައްގީ ކުރަން ފައިނޭންސް ލިބޭނެ އެކަށީގެންވާ ފަސޭހަ މަގުތަކެއް ސަރުކާރަށް އަދިވެސް ހޯދައި ނުދެވޭކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.