މެލޭޝިއާގެ އިންތިހާބު ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދަށް ކާމިޔާބު ކުރެއްވުނީ ގައުމު ބިނާކުރުމަަށް އޭނާ އަހައްމިޔައްތުކަން ދެއްވާފައި ވާތީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނު މަހާތީރަށް ތައުރީފު ކުރެއްވީ ބޮޑުވަޒީރުކަމުގެ މަގާމަށް އޭނާ އިންތިހާބުވެވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވުމަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ މަހާތީރަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނުގެ ހިންގެވުންތެރިކަމާއި، ޤައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނު އެޤައުމު ތަރައްޤީގެ އާހަރުފަތްތަތަކަށް ގެންދަވާނެކަމުގެ އިތުބާރާއި ޔަޤީންކަން މެލޭޝިޔާގެ ރައްޔިތުންނަށް އޮތްކަން ހާމަވެގެންދާކަމެއް ކަމަށެވެ.
މެސެޖްގައި ރައީސް ވިދާޅުވެފައި ވަނީ މެލޭޝިއާގެ 14 ވަނަ އާއްމު އިންތިހާބު ކާމިޔާބުކުރެއްވުމުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަމިއްލަ ނަންފުޅުގައި މަހާތީރަށް މަރުހަބާ ވިދާަޅުވެ ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
މެލޭޝިޔާގެ އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ، މަޖިލީހުގެ 112 ގޮނޑީގެ ތެރެއިން 115 ގޮނޑި ޕީއެޗް ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. މެލޭޝިޔާގައި ވެރިކަން ކުރާތާ 60 އަހަރުވެފައިވާ ބޮޑު ވަޒީރު ނަޖީބުއްރައްޒާގުގެ ޕާޓީ، ބަރީސާން ނެޝަނަލް (ބީއެން) އަށް ލިބިފައި ވަނީ 79 ގޮނޑިކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.
ޑރ. މަހާތީރަކީ 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެއަށް ފަހު އެނާ އަލުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ފެންމަތިވުމުންނެވެ.