ހަބަރު

މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް އިއްޔެ އިންތިހާބު ކުރި ޑރ. މަހާތީރު ބިން މުއްމަދު، މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މެލޭޝިއާގައި ކުރިން 22 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހާތީރު މިރޭ ހުވާ ކުރެއްވުމުން އޭނާ ވެވަޑައިގެންފައި ވަނީ ދުނިޔޭގެ ގައުމެއްގައި މިވަގުތު ހުންނެވި އިންތިހާބު ވެފައިވާ އެންމެ ދޮށީ ލީޑަރަށެވެ. އޭނާގެ އުމުރުފުޅަކީ 92 އަހަރެވެ.

މަހާތީރު ހުވާ ކުރެއްވީ މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަސް ވަނައިގެ ގަނޑުވަރު އިސްތާނާ ނިގަރާގައި މެެލޭޝިއާ ގަޑިން މިރޭ 9:00 ގައި ފެށި ރަސްމިއްޔާތެއްގަ އެވެ.

މަހާތީރަކީ 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް އޭގެ 15 އަހަރު ފަހުން އޭނާ ސިޔާސީ ދާއިރާއަށް ނުކުންނެވީ މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމުންނެވެ.