ހަބަރު

ދެ ފަނޑިޔާރުންނަށް ހުކުމްކުރީ އަވަސް އަރުވާލައިގެން: ވަކީލުން

އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މިއަދު އިއްވި ޖަލު ހުކުމަކީ ޖނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފުރުސަތުތައް އެ ދެބޭފުޅުންނަށް ނުދީ އަވަސް އަރުވާލައިގެން ކަމަށް އެ ދެ ބޭފުޅުންގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

ދެ ފަނޑިޔާރުންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެ ފަނޑިޔާރުންނަށް ހުކުމްކޮށްފައި ވަނީ މަދު އަޑުއެހުންތަކަކަށް ފަހުގައި ކަމަށާއި ކުށުން ބަރީއަވުމަށް ވަގުތާއި ވަސީލަތްތައް ލިބުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަކިން ދަޢުވާކުރެވުނު މައްސަލައިގައި ޝަރީއަތް ފެށުމަށްފަހު ބޭއްވިފައިވަނީ ޖުމުލަ ތިން އަޑުއެހުމެވެ. އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މުޙައްމަދުގެ މައްޗަށް ދަޢުވާކުރެވުނު މައްސަލާގައި ޝަރީއަތްތް ފެށުމަށްފަހު ބޭއްވިފައިވަނީ ޖުމުލަ ދެއަޑުއެހުމެވެ. ދަޢުވާއިން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އަނެއް ކަމަކީ ހެކިިވެރިޔަކު ތަހުގީގަށް ދިން ބަޔާނަކަށް ޝަރީއަތުގައި އިންކާރުކޮށްފައި ވަނިކޮށް އެބަޔާނަށް ވެސް ރިއާޔަތްކޮށްގެން ހުކުމް ކުރުމެވެ.

އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދުއެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދު ހުކުމް އިއްވެވީ ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ރިޔާއަތްކޮށް ދައުވާ ސާބިތުވާ ކަމަށް ގާޒީ ޝަހީދު ނިންމެވުމަށްފަހު އަދަބު ވަނީ ހަތަރު ދަރަޖަ ބޮޑުކޮށްފަ އެވެ. އަސާސީ މިންގަނޑުން ބަލާއިރު ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލު ހުކުމް ބޮޑުވެފައިވަނީ ކުށުގެ ދަރަޖަ ހަތަރު ދަރަޖައަށް މަތިކުރުމުންނެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.