ހަބަރު

އަލީ ހަމީދު އެކަހެރިކޮށް ބަހައްޓަނީ ރައްކަލަކަށް: ދައުލަތް

  • ނަފްސާނީ ބަލީގެ ބޭސް ވަނީ ދީފަ
  • މީހުންނާ ވާހަކަ ނުދެއްކޭ ގޮތަށް ބަންދުގަ
  • ޕީޖީއިން ސާފު މައުލޫމާތުތައް ދޭން އެންގި

އެހެން މީހުންނާ ނުފެންނަ ގޮޅިއެއްގައި ފަނޑިޔާރު އަލީ ހަމީދު ބަހައްޓާފައިވަނީ އޭނާގެ އަމިއްލަ ރައްކަލަކަށް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ އޮފީހުން މިއަދު ޝަރީއަތުގައި ބުނެފި އެވެ. ޕީޖީއިން މިހެން ބުނީ އެކަހެރިކޮށް ބަހައްޓާތީ އަލީ ހަމީދު ޝަކުވާކުރުމުންނެވެ.

އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ ފަހު އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދު ވަނީ އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް ތަފްސީލްކޮށް ކިޔައިދެއްވާފަ އެވެ. އަދި، އައިޖީއެމްއެޗް ޑޮކްޓަރެއް މި މަހުގެ 10 ވަނަ ދުވަހު މާފުއްޓަށް ގޮސް އޭނާ ބަލާފައިވާ ކަމަށާއި އެ ޑޮކްޓަރު ވަނީ ނަފްސާނީ މައްސަލަތަކެއް އުޅޭ ކަމަށް ބުނެފަ ކަމަށެވެ. އަދި ނަފްސާނީ ބަލީގެ ބޭސް ތިން މަސް ދުވަހަށް ދީފައިވާ ކަމަށެވެ.

އެ ޑޮކްޓަރު މާފުއްޓަށް އައިސް ބަލާފައިވަނީ އޭނާއާމެދު މާފުށީގައި ތިއްބަވާ ދެ ޑޮކްޓަރުން ކަންބޮޑުވެ އެ ދެ ޑޮކްޓަރުންގެ އެދުމަށް ކަމަށެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރު ގާތްގަނޑަކަށް ދެ ގަޑިިއިރެއްވަންދެން އޭނާ ބެއްލެވި ކަމަށާއި ގިނަ ސުވާލުތަކެއް ވެސް ކުރި ކަމަށެވެ. އެ ޑޮކްޓަރު މާފުއްޓަށް ގޮސް އޭނާ ބަލާފައިވަނީ ހާލު ބޮޑުވެގެން އައިޖީއެމްއެޗްގައި އެޑިމިޓްކޮށް ދޫކޮށްލި ދުވަހު އެވެ. އަލީ ހަމީދު ވިދާޅުވީ، އެޑްމިޓްކޮށްގެން އައިޖީއެމްއެޗްއިން އެންމެ އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށެވެ. ބޭނުންވީ އަވަހަށް ޝަރީއަތަށް ކޯޓަށް ފޮނުވުމަށް ކަމަށެވެ. ނަމަވެސް އޭނާގެ ހާލު އިތުރަށް ގޯސްވުމުން އެ ރޭ އެޑްމިޓްކޮށްފައި ބޭއްވީ ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ، އަލީ ހަމީދުގެ މައްޗަށް މިހާރު ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރަމުންދާއިރު ވެސް ބަންދުކޮށްފައި ބަހައްޓާ ތަން ބަދަލުނުކުރާ ކަމަށެވެ. އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހުރިހާ ފަރާތެއް ވެސް ހައްޔަރުކޮށްފައިވަނީ 13 ވަނަ ޔުނިޓްގަ އެވެ. އެ ޔުނިޓްގެ ގޮޅިތަކަކީ ވަކިވަކިން، މީހުންނާ މުއާމަލާތް ނުކުރެވޭ ގޮތަށް ހުންނަ ގޮޅިތަކެކެވެ.

މީގެކުރިން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުންނެވީ އެފަދަ ގޮޅިއެއްގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ހައިކޯޓުން ޖަލު ހުކުމެއް އިއްވުމުން ގޮޅި ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ރިޔާޒު ހުންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއެކު އެވެ. އެ ޔުނިޓަކީ ޓީވީ ފަދަ ވަސީލަތްތަކާއި ބޭރަށް ނުކުމެ އެކުގައި އުޅެވޭ ގޮތަށް ހުންނަ ޔުނިޓެކެވެ. ފަނޑިޔާރު އަލީ ހަމީދަކީ ވެސް ހާއްސަ އުސޫލުން އަމަލުކުރުމަށް ޝަރީއަތުން ދައުލަތަށް އަންގަވާފައިވާ ބޭފުޅެކެވެ.

މިކަންކަމާ ގުޅިގެން ގާޒީ އަހުމަދު ހައިލަމް ވަނީ ޕީޖީއާ ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ. އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ ވިދާޅުވީ، ކަރެކްޝަން ސާވިސްއިން ދީފައިވާ މައުލޫމާތަށް ބަލާއިރު އަލީ ހަމީދު އެންމެފަހުން ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވަނިކޮށް ކަމަށާއި ނަފްސާނީ ޑޮކްޓަރެއް ބެލުމަށްފަހު ނަފްސާނީ ބަލީގެ ފަރުވާއެއް އޭނާއަށް ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އަލީ ހަމީދުގެ ސިއްހީ ހާލަތު ބެލުމަށް ނަރުހެއްދާ ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވީ، އަލީ ހަމީދަށް ހުކުމެއް އިއްވުމުން ވެސް ގޮޅި ބަދަލުނުކޮށްފައިވަނީ އޭނާގެ އަމިއްލަ ރައްކަލަކަށް ކަމަށެވެ. އޭނާ އެހެން މީހުންގެ ތެރޭގައި ގެންގުޅޭނަމަ ނުރައްކަލެއް އޮވެދާނެތީ ކަމަށެވެ.

ފަޒްނާގެ ވާހަކަތަކަށް ޖަވާބު ދެއްވުމުގެ ގޮތުން އަލީ ޒާހިރު ވިދާޅުވީ، ނަފްސާނީ ބަލީގެ ބޭސް ދީފައިވާ މީހެއް އެކަހެރިކޮށް ގެންގުޅުމަކީ އަމިއްލަ ރައްކަލެއް ކަމަށް ޕީޖީއިން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަލީ ހަމީދު އެކަހެރިކޮށް ގެންގުޅުމުން ނުރައްކާ މާބޮޑު ކަމަށެވެ. އަދި އަލީ ހަމީދު ބެހެއްޓޭނެ ފަދަ ބޭފުޅުން ތިއްބެވި ޔުނިޓްތައް ވެސް މާފުށީގައި ހުރިކަން އަލީ ޒާހިރު ފާހަގަކުރެއްވި އެވެ.

އޭގެއިތުރަށް ވިދާޅުވީ، ކޮންމެ ދުވަހަކު ނަރުހެއް ދާ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ވެސް ނަރުހެއް އަލީ ހަމީދު ކައިރިއަށް ދިޔައީ އެންމެ ދުވަހަކު ކަމަށެވެ. އަދި، ޕީޖީއަށް ނޭނގި އޮތް ނަމަވެސް އައިޖީއެމްއެޗްއިން ދޫކޮށްލި ފަހުން އަލީ ހަމީދު ޑޮކްޓަރަކު ބެއްލެވި ކަމަށާއި އޭގެ ލިޔުންތައް ކަރެކްޝަނުން ދީފައިނުވާ ކަމަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ބަންދުގައި ތިބޭ މީހުންގެ ސިއްހީ ކަންކަމާއި އެމީހުން ތިބޭ ހާލަތު ބެލުމަކީ ޕީޖީއަށް ގާނޫނު އަސާސީން ދީފައި އޮތް ޒިންމާއެއް ކަމަށެވެ. ދައުލަތުން އެދިގެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ އެ ޒިންމާ ދައުލަތުން އަދާކުރާނެތީ ކަމަށެވެ. އެހެންވެ އެކަންކަން ސާފުކޮށްގެން ދެން އޮންނަ އަޑުއެހުމަކަށް ޕީޖީއިން ހާޒިރުވުމަށް ވަނީ އަންގަވާފަ އެވެ. އެގޮތުން ނަފްސާނީ ޑޮކްޓަރު ބައްލެވި ލިޔުންތަކާއި ބޭސް ސިޓީ ވެސް ޝަރީއަތަށް ހުށަހަޅަން އެންގެވި އެވެ. އަދި، އަލީ ހަމީދު އެކަހެރިކޮށް ބަހައްޓާ އުސޫލަކީ ކޮބައި ކަމާއި އެ އުސޫލު ވެސް ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތަށް ސާފުކޮށް ދޭން ޖެހޭނެ ކަމަށް ގާޒީ ހައިލަމް އެންގެވި އެވެ.

މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގައި އިންނަވަނިކޮށް ނޭވާ ހާސްވެގެން އަލީ ހަމީދު ވެއްޓުނެވެ. އެއީ އޭނާގެ މައްޗަށް ހުކުމެއް އިއްވުމަށް އަޑުއެހުމަކަށް ހާޒިރުކުރަން ތައްޔާރުވެފައިވަނިކޮށެވެ. އެ ދުވަހު ވެސް އޭނާގެ ހާލު ރަނގަޅު ނޫން ކަމާއި ނޭވާ ހާސްވަމުންދާކަން ކަރެކްޝަންގެ އޮފިސަރުންނަށް އަންގަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. އަދި އުނަގަނޑާއި ފައިގެ ފަލަ މަސްގަނޑާއި ބޯ ވެސް އައްސިވެފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އަލީ ހަމީދު ތަކުރާރު ކުރެއްވި އެވެ.

އަލީ ހަމީދު ވާހަކަ ދެއްކުވުމަށް ކޮޅަށް ތެދުވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން ވެސް ގާޒީ ހައިލަމް ވަނީ އިށީދެވަޑައިގެން ވާހަކަ ދެއްކެވުމަށް އަންގަވާފަ އެވެ. އަލީ ހަމީދުގެ ސިއްހީ ހާލު ގޯސްއިރު އޭނާއަށް ހިންގެވެނީ ވެސް ވަރަށް އުނދަގުލުންނެވެ.