ހަބަރު

އަލީ ހަމީދާ ދެކޮޅު ހެކިތައް ސިއްރުކޮށް މައްސަލަ ޝަރީއަތަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތައް ސިއްރުކުރުމަށް ނެރެފައިވާ ވަގުތީ އަމުރު ދާއިމީކޮށް އެ މައްސަލާގައި ޝަރީއަތް ހިންގަން މިއަދު ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

މައްސަލާގައި މިއަދު ބޭއްވި ފަހު އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ތިން ހުށަހެޅުމަކާއި އަލީ ހަމީދުގެ ފަރާތުން 15 ހުށަހެޅުމެއް ހުށަހެޅި އެވެ. އުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށާއި ހެކި ސިއްރު ކުރަން ނެރެފައިވާ ވަގުތީ އަމުރު ދާއިމީކޮށް ދިނުމަށެވެ. އަދި ފަހުން ލިބޭ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. ދައުލަތުގެ ފަރާތުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ ވިދާޅުވީ، މައްސަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އިލްހާމްއާ ގުޅޭ އިތުރު ހެއްކެއް ލިބިއްޖެނަމަ އެ ހެއްކެއް ހުށަހަޅަން ބޭނުންވާ ކަމަށެވެ.

އެ ތިން ހުށަހެޅުމާ ގުޅޭ ގޮތުން އަލީ ހަމީދުގެ ވަކީލުން ވަކިން ރައްދު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ހުށަހެޅުއްވި 15 ހުށަހެޅުމުގެ ތެރޭގައި ހެއްކާ ގުޅޭ ހުށަހެޅުންތަކެއް ހުށަހަޅައި އެކަމާ ބަހުސް ކުރި އެވެ. އަލީ ހަމީދުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ 77 އާއި 78 ވަނަ މާއްދާއަށް ބެލުމުން ވެސް އެނގޭ ކަމަކީ ދައުވާކުރުމަށް ފޮނުވަން ޖެހޭނީ ފުލުހުން ތަހުގީގު ނިންމުމަށްފަހު ކަމަށެވެ. ދައުވާކޮށް އަދި ވަކިން ތަހުގީގުތައް ކުރިއަށް ގެންދިޔުމަކީ އެއްވެސް ހަމައެއް އޮތް ކަމެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވަމުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ ވިދާޅުވީ، އެ މައްސަލައަކީ އެތައް ބަޔަކު ޝާމިލްވާ މައްސަލައެއް ކަމަށާއި މިހާރު ވެސް މައްސަލާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އިލްހާމްގެ ބައިގެ ތަހުގީގު ނިމި، އޭނާއާ ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އެކަމުގައި ބުރަވީ ދައުލަތުގެ ވާހަަކަތަކަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ހިފާ ހައްޔަރުކުރެވޭ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުއްދަތުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ގިނަ މީހުން ހިމެނޭ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ މައްޗަށް މައްސަލަ އެއްކޮށް ތަހުގީގު ނުނިމުނަސް އޭނާގެ ބައިގެ ތަހުގީގު ނިމުމުން ދައުވާ ކުރެވިދާނެ ކަމަށެވެ. ދައުލަތުން އެދުނު އެހެން އަމުރުތައް ނެރުއްވުމަށް ވެސް ގާޒީ ނިންމެވި އެވެ.

ޕީޖީގެ އިބާރާތަކުން ބޮޑު ބަހުސަކަށް

އަލީ ހަމީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ދައުވާގައި ބުނާ ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވުން ފަދަ ކުށްތަކަކީ އަލީ ހަމީދުގެ މައްޗަށް ވަކިން ހުށަހެޅިގެން ކުރިއަށްދާ މައްސަލަތަކެއްކަން ފާހަގަކޮށްފަ އެވެ. އަދި، މި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަކީ ވެސް އެކަންކަމުގެ އުންސުރުތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމަށާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށް ސާބިތުކުރުމަށް ފުރިހަމަވާންޖެހޭ ކަމަށް ޓެރަރިޒަމްގެ ގާނޫނުގައި ބުނާ އުންސުރެއް ފުރިހަމަކުރަން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން ފަޒްނާ ވިދާޅުވީ، ދައުވާގައި ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވުން ފަދަ ކަންކަމަކީ ކުށުގެ ބޮޑުމިން ބުނެދިނުމަށް ފާހަގަކޮށްފައިވާ ކަންކަން ކަމަށެވެ. އެކަންކަމުގެ އުންސުރުތައް ފުރިހަމަވާން ނުޖެހޭ ކަމަށެވެ. އަދި އެކަންކަމާ ކުށް ސާބިތުކުރުމާ ގުޅުމެއް ނެތް ކަމަށެވެ. މި މައްސަލާގެ ކުށަކީ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމާއި ރައްޔިތުންނަށް ނުތަނަވަސް ހާލަތެއް މެދުވެރިކުރަން އުޅުން ކަމަށެވެ.

ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވުމާ އަލީ ހަމީދުގެ ކުށާ ގުޅުމެއް ނެތް ކަމަށް ފަޒްނާ ވިދާޅުވުމުން ގާޒީ ހައިލަމް ވަނީ ސުވާލުތައް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން ހެކިތައް ހުށަހަޅާފައިވަނީ އެކަންކަން ކޮށްފައިވާކަން ސާބިތުކުރުމަށް ކަމަށްވާއިރު އެއީ ހަމައެކަނި ކުށުގެ ބޮޑުމިން ބަޔާންކޮށް ދޭން ދައުވާގައި ލިޔެފައިވާ ވާހަކަތަކެއް ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތްތޯ ގާޒީ އެއްސެވި އެވެ. ދިފާއީ ވަކީލުން ވެސް އެކަން ފާހަގަކުރައްވައި ތަކުރާރުކޮށް ސުވާލު ފެންމަތިކުރައްވާފަ އެވެ.

ފަޒްނާ އެންމެފަހުން ވިދާޅުވީ، އިބާރާތް އޮތް ގޮތުން ތަފްސީލް ނުވަނީ ކަމަށް ވެދާނެ ކަމަށެވެ. ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވުމާ، ކުށާ ގުޅޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަން ހެކިންގެ ހެކި ބަހުން ސާބިތު ވެސް ކޮށް ދޭނެ ކަމަށެވެ.

އެ ހުށަހެޅުމާމެދު ގޮތެއް ނިންމަވަމުން ގާޒީ ހައިލަމް ވިދާޅުވީ، ދައުލަތުން ފާހަގަކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އަލީ ހަމީދު އުޅުއްވީ ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވުން ފަދަ އަމަލުތައްކޮށްގެން ކަމަށް ކަމަށެވެ. އެކަންކަމަށް ވަކިން ބަލާއިރު އެއީ ޓެރަރިޒަމްގެ ކުށަކަށް ނުވާ ކަމަށާއި އެކަންކަންކޮށް، އެންމެފަހުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ވައްޓާލަން އުޅުމަކީ ޓެރަރިޒަމްގެ ކުށް ކަމަށެވެ. ނަމަވެސް ދައުވާގައި ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވި ކަމަށް ބުނެފައިވަނީ ކުށު ސާބިތުކުރުމަށް ނޫން ކަމާއި ކުށުގެ ބޮޑުމިން ބަޔާންކުރަން ކަމަށް ބުނެފައިވާ ދައުލަތުގެ އިބާރާތަކީ އެންމެ ރަނގަޅު އިބާރާތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެއިތުރުން ދައުވާގައި ފުރިހަމަވާން ޖެހޭ ބައެއް ޝަރުތުތައް ފުރިހަމަ ނުވާކަން ފާހަގަކޮށް ހުށަހެޅުންތަކެއް އަލީ ހަމީދުގެ ފަރާތުން ހުށަހެޅުއްވި އެވެ. ދައުވާގައި ކުށް ކުރާ ވަގުތު ބަޔާންކުރަންޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާއިރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި އެއްވެސް ވަގުތެއް ނެތްކަން ވަކީލް ފާހަގަކުރެއްވި އެވެ. ދައުވާގައިވަނީ 2013 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ނޭދެވޭ ނުފޫޒުތައް ފޯރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ދައުވާކޮށް ފޯމްގައި ސޮއި ކުރައްވާފައިވަނީ ހުދު ޕްރޮސިކިއުޓާ ޖެނަރަލެއް ނޫން ކަމަށާއި ސޮއި ކުރައްވާފައިވާ ފަރާތަކީ ޕީޖީގެ ހުއްދަ އޮންނަންޖެހޭ މީހެއް ކަމަށް ބަޔާންކޮށްފައިވާން ޖެހޭއިރު އެގޮތަށް ބަޔާންކޮށްފައިނުވާކަން ވެސް ފާހަގަކުރެއްވި އެވެ.

ދައުވާއަކީ ކުރިމިނަލް ކޯޓަށް ބަލައިގަނެ އެ ކޯޓަށް ބެލުމުގެ އިހްތިސޯސެއް ނެތް ދައުވާއެއް ކަމަށް ބުނެ ވެސް ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އެއީ ފަނޑިޔާރަކު ނެރޭ ހުކުމެއް ނުވަތަ އަމުރާ ގުޅިގެން އެއްވެސް ތަނަކަށް ގެންގޮސް ޖަވާބުދާރީކުރުވުމަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމަކަށްވާތީ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އަލީ ޒާހިރު ވިދާޅުވީ އަލީ ހަމީދު އެ އަމުރު ނެރުއްވީ ނުބައި ނިޔަތެއްގަކަން ނުވަތަ ނޫންކަން ސާބިތުކުރުމަށް ބާކީ ތިއްބެވި ތިން ފަނޑިޔާރުން ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށާއި އެފަދަ ހާލަތެއްގައި އެއީ އެ ފަނޑިޔާރުން ޖަވާބުދާރީކުރުމަށް ބެލެވިދާނެ ކަމަށެވެ. އެކަން ގާނޫނާ ހިލާފުވެގެން ދާނެ ކަމަށާއި ކުރިމިނަލް ކޯޓަށް މައްސަލަ ނުބެލޭނެކަން ފާހަގަކުރައްވަނީ އެހެންވެ ކަމަށެވެ.

ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރުމަކީ ކުށެއް ނޫން ކަމަށާއި އެއީ ކުށެއް ކަމަށް ނުވެސް ބުނެވޭނެ ކަމަށެވެ. އަމުރު ނެރެފައިވަނީ ގާނޫނީ އިމުން ބޭރުން ކަމެއް ދައުލަތަށް ވެސް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ. އަލީ ހަމީދަށް ދައުވާކޮށްފައިވަނީ އަމުރެއްގައި ސޮއިކޮށްގެން ނޫން ކަމަށާއި އަމުރުގައި ސޮއިކުރުމަކުން ޖިނާއީ ކުށަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި އަލީ ހަމީދުގެ ނުބައި ނިޔަތެއް ކަމަށް ދައުލަތުން ބުނާ ކަމަށާއި އެހެން ކަމަށްވާއިރު ޖިނާއީ ތަހުގީގެއް ހިންގައި އަލީ ހަމީދާ ދެކޮޅަށް ޝަރީއަތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭގެއިތުރުން ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ސީދާ އަލީ ހަމީދާ ގުޅޭ ހެއްކެއް ނެތުމުން އެ ހެކިތައް އަލީ ހަމީދާ ދެކޮޅަށް ބަލައިނުގަތުމަށް ވެސް އެދިވަޑައިގަތެވެ. އެންމެ ގިނައިން ހުށަހަޅާފައިވާ ހެކިތަކަކީ ފުލުހުންނަށް މައްސަލާގެ ތަހުގީގުގައި ފެނިފައިވާ ކަޅު ފޮއްޓާ ގުޅޭ ހެއްކެވެ. އެ ކަޅު ފޮއްޓާއި އޭގައިވާ ތަކެތި އަލީ ހަމީދާ ގުޅެނީ ކިހިނެއްތޯ ދިފާއީ ވަކީލް އެއްސެވި އެވެ. އަދި ސުޕްރީމް ކޯޓުގެ ބާކީ ތިއްބެވި ތިން ފަނޑިޔާރުންނަށް އެއްވެސް ސުވާލެއްކޮށް ތަހުގީގެއް ހިންގާފައިނުވަނީ ކީއްވެތޯ ވެސް އެއްސެވި އެވެ.

ޖަވާބުގައި ފަޒްނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަކީ ދެ ފަނޑިޔާރަކު ނުބައި ނިޔަތެއްގައި ނެރުނު އަމުރެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމަށް ބުރޫ އެރި ކަމަށެވެ. އަދި އަނެއް ތިން ފަނޑިޔާރުންނަށް ތުހުމަތެއް ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަ އަޑު އެއްސެވުމަށްފަހު އަލީ ހަމީދުގެ 15 ހުށަހެޅުން ވެސް ބަލައިނުގަންނަން ގާޒީ ނިންމެވި އެވެ. އެއީ ހުށަހަޅާފައިވާ ހެކިތަކަކީ އެ މައްސަލަ މައުލޫއީ ގޮތެއްގައި ކުރިއަށް ގެންދެވޭވަރުގެ ހެކިތަކެއް ކަމަށް ގަބޫލު ކުރައްވާތީ އާއި އަލީ ހަމީދުގެ ފަރާތުން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ދައުވާ ބާތިލުކުރަންޖެހޭ ފަދަ ކަމެއް ނެތުމުންނެވެ. މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ނިމުނުކަން ހާމަކުރައްވާ އެ މައްސަލާގައި ދެން ކުރިއަށް ދާނީ ޝަރީއަތުގެ އަޑުއެހުންތައްކަން ގާޒީ މިއަދު އިއުލާން ކުރެއްވި އެވެ. ދެން އޮންނާނީ މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމާއި ދިފާއީ ހެކި ހުށަހެޅުމެވެ. އެކަމަށް އަޑުއެހުމެއް ބާއްވާނީ މައްސަލާގައި ދެން ދައުވާ ލިބޭ އަށް ބޭފުޅުންނާ އެއް އަޑުއެހުމެއްގަ އެވެ. މިހާތަނަށް ޝަރީއަތަށް ފޮނުވާފައިވަނީ އަލީ ހަމީދުގެ ބައިގެ އިތުރުން މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައެވެ.

މި މައްސަލާގައި މި ދައުވާ ކުރީގެ ސީޕީ އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒަށް ކުރެ އެވެ. ފާރިސްގެ އަޑުއެހުމެއް މިއަދަށް ތާވަލުކުރި އެވެ. ނަމަވެސް އަލީ ހަމީދުގެ އަޑުއެހުން ދިގުލައިގެން ދިޔުމުން ފާރިސްގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.