ހަބަރު

މަގު ހެދުމުގެ މަސައްކަތް ރޯދަމަހު ކުރާނީ ހަ ގަޑިއިރު: މިނިސްޓްރީ

ޗައިނަ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ "ރިންގް ރޯޑް" ހަދަމުން އަންނަ މުވައްޒިފުން މަސައްކަތް ކުރަން ޖެހޭނީ ހަ ގަޑިއިރާ ބައި ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އިން މިހެން ބުނީ، މި ރޯދަ މަހުގައި ވެސް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ލުޔެއް ދިނުމެއް ނެތި އަށް ގަޑިއިރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެ ބައެއް މުވައްޒިފުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ނަމަވެސް "އަވަސް"އާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ރޯދަ މަސް ތެރޭގައި އެއްވެސް މުވައްޒިފަކު ލައްވާ އަށް ގަޑިއިރަށް މަސައްކަތް ކުރުވަން ނިންމާފައި ނުވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ވާހަކަދެކެވިގެން އައީ ރޯދަަ މަހުގެ ގަޑިތައް ރޭވިގެން އައިއިރު ކަމަށާއި ނަމަވެސް ގަޑިތަކަށް އެ ބަދަލު ގެންނަން ނިންމާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ނިންމާފައި ވާނީ ހަތަރު ޝިފްޓްއަކަށް ބަހާލައިގެން ކޮންމެ މުވައްޒިފަކު ވެސް އޯވާ ޓައިމްއާއެކު ހަ ގަޑިއިރާ ބައި މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. އަދި ރޭގަނޑު މަސަައްކަތް ކުރާ މުވައްޒިފުން އޯވަ ޓައިމްއާއެކު ހަތް ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުއައްޒިފުން ވަރުބަލިވާނެ ކަމަށް ވިސްނާފައި ގްރޫޕްތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމާފައި ވަނީ، އަށް ގަޑިއިރަށް ހަދާ ވާހަކައަކީ ޕްލޭނިން ސްޓޭޖުގައި ޑްރާފްޓް ކުރެވުނު އެއްޗެއް، އެގޮތަކަށް މަސައްކަތް ކުރާކަށް ނުޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މުއައްޒިފުން ޝިފްޓްތަކެއްގައި މަސައްކަތް ކުރާއިރު، ރޯދަ މަހުގެ ތެރޭގައި ވެސް ރިންގް ރޯޑްގެ މަސައްކަތް 24 ގަޑިއިރަށް ކުރިޔަށް ދާނެ ކަމަށެވެ. އެ މަސައްކަތް މެދުކަނޑާލާނީ އިރުއޮއްސި 5:00 އަކުން ފެށިގެން 9:00 އަކާ ހަމަޔަށާއި ރޭގަނޑު 3:00 އަކުން ފެށިގެން ފަތިހު 5:30 އާ ހަމަޔަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން މަގުތައް ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ނިންމާލުމަށެވެ. ބްރިޖުގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިއުލާންކޮށްފައިވާ އިރު މިހާރު މަގުތަކުން ކުރިޔަށް ދަނީ ޕޭމަންޓު ގާ އެތުރުމާއި ނަރުދަމާގެ މަސައްކަތެވެ.