ލައިފްސްޓައިލް

ރާއްޖެ ބަދަލުކޮށްލި ރީތި ލޯތްބެއް!

މީގެ ތިރީހަކަށް އަހަރު ކުރިން، އޮކްސްފަޑް ޔުނިވާސިޓީގައި ލިޓްރެޗާ ކިޔަވަމުންދިޔަ އުމުރުން 21 އަހަރުގެ ސޯނޫ ޝިވްދަސާނީ އޭނާގެ އަންހެނުން އޭވާ މެލްމްސްޓްރަމް އާއި ފުރަތަމަ ފަހަރަށް ބައްދަލުވި އެވެ. އެފަހަރު ވަރަށް "ލޯބި" ވާހަކައެއް ވެސް ދެކެވުނެވެ. އެއީ އެތަކެއް ހާސް މޭލު ދުރުގައިވާ، ކުޑަ ކުޑަ ޖަޒީރާ ގައުމުގެ މުސްތަގުބަލު މުޅިން ބަދަލުކޮށްލާނެ ވެސް ލޯތްބެއްގެ ވާހަކަ އެކެވެ.

އޭގެ އެތަކެއް އަހަރު ކުރިން މޮޑަލް އެއްގެ ގޮތުގައި މަސައްކަތް ކުރި އޭވާ، އިންޑިއާއަށް އުފަން ސޯނޫއަށް ސިފަކޮށް ދިނީ، އިންޑިއާ ކަނޑުގައި އޮތް ދުނިޔެމަތީގެ ސުވަރުގެ އެވެ. މީގެ ކުރިން ނުދެކޭ ފަދަ ހިތްގައިމު ރީތީ ކުދި ކުދި ރަށްތަކެއްގެ ވާހަކަ އެވެ. އޭވާގެ ލޯބީގެ ތަފުސީލުތަކުން ކުރަހައިލި މަންޒަރުތައް ސޯނޫގެ ހިތުގައި ރީތިކޮށް ސިފަވާންފެށި އެވެ. އޭގެ ފަހުން އެންމެ އަހަރެއްގެ ތެރޭގައި، އެ ދެ ލޯބިވެރިން، ރާއްޖޭގެ ފަސްގަނޑުގައި ފުރަތަމަ ފަހަރަށް ފައިތިލަ ބީއްސާލި އެވެ. -- ބިސްމިﷲ -- ރާއްޖެ އާދެވުމާއެކު އޭގެ އަހަރެއް ކުރިން އޭވާ ކިޔައިދިން ދިވެހި ރާއްޖޭގެ ލޯބީގެ ވާހަކަތަކަކީ އިންސާފެއް ނޫންކަން ސޯނޫއަށް އެންމެ ނަޒަރަކުން ޔަގީންވި އެވެ.

"މަށަށް ހީވަނީ ކުރީގެ ލައިފެއްގައި އަހަރެމެން ރާއްޖޭގައި އުޅެފައިތިބިހެން. ބުނެދޭންވެސް ނޭނގޭ ގުޅުމެއް މި ފަސްގަނޑާއެކު އޮތް ހެން ހީވި އެންމެ ފުރަތަމަ ނަޒަރުން ވެސް،" އެންމެ ނަޒަރަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ހިތްދެވުނު ގޮތުގެ ވާހަކަ ސޯނޫ ވިދާޅުވެ ދެއްވި އެވެ.

ރާއްޖޭގެ ނަލަކަމުގެ ޖާދޫގައި ޖެހިފައިތިބި ދެ ލޯބިވެރިންނަށް ދެ ވަނަ ފަހަރަށް ރާއްޖެ ނައިސް މާގިނަ ދުވަހު ކެތެއް ނުކުރެވުނެވެ. ފުރަތަމަ ފަހަރު ނަކަޗާފުށި، ނުވަތަ މިހާރުގެ ހުވަންފެންފުށީގައި ހޭދަ ކުރުމަށް ފަހު، ދެވަނަ ދަތުރަށް ސޯނޫ ހިޔާރުކުރީ، އެ ދުވަސްވަރު ޖަރުމަނު ފޮޓޯގްރާފަރަކު ހިންގަމުންދިއަ ކޮކޯ އައިލަންޑެވެ. ނަމަވެސް، އިންޑިއާގެ ބޮޑު ވިޔަފާރިއެއްގެ ދަރިއަށް މި ފަހަރު އެ ރިސޯޓުން ލިބުނު ހިދުމަތް އެއްގޮތަކަށް ވެސް ގަޔާވާ ގޮތެއް ނުވި އެވެ. ގަލުން ރާނާފައިވާ ފާރުތަކާއި، ހުދު ޓައިލްސް ޖަހާފައިވާ ކޮޓަރިތަކެވެ. ޕްލާސްޓިކް ގޮނޑިއާއި ފާހާނާތަކުގައި ލޮނު ފެނެވެ. ދުނިޔެ މަތީގައި ސުވަރުގެ ފަދަ ބިމަކަށް އެތަކެތި އެއް ގޮތަކަށް ވެސް އެކަށީގެނެއް ނުވެ އެވެ.

"ސުވަރުގެ"އެއްގައި އެއީ އޭނާ މާޔޫސްވާން ޖެހުނު ފަހަރެކެވެ. އެހެން ނަމަވެސް ސޯނޫގެ ޒުވާން ސިކުނޑިއަށް ކުއްލިއަކަށް އާ ހިޔާލެއް އަތުވެއްޖެ އެވެ. ފެންމަތީގައި ހަމަޖެހިލައިގެން މި އޮތް ރީތި ރާއްޖެއިން ކުއްޔަށް ރަށެއް ހޯދައި ރީތި ރީތި ގެއެއް އެޅުމުގެ ލޯބީގެ ހިޔާލެވެ. އެ ގެވެގެން ދާނީ ލޯތްބަކަށެވެ. އަދި އެ ހިޔާލީގޭގައި ކުލަޖެހޭ ވަގުތު ވެގެންދާނީ، ރީތި ނަލަ ނަލަ ރާއްޖޭގެ ފަތަރުވެރިކަމަށް އިންގިލާބެއް ގެނުވާނެ، ހަމައެކަނި ނުނިމޭ ވަގުތުކޮޅު ކޮޅަކަށެވެ.

ނުގުޑާ އަޒުމެއް!

ދިވެހި ރާއްޖެއިން ސޯނޫގެ ސިކުނޑީގައި އުފަން ކުރުވި އާ ހިޔާލާއެކު، ގެއެއް އަޅައި ބިނާ ކުރުމަށް ނިޔަތްގަނެގެން 1988 ވަނަ އަހަރު ސޯނޫ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހަމައަށް ދިޔައީ ކުއްޔަށް ރަށެއް ހޯދާށެވެ. މިފަހަރު ވެސް އޭނާއާ ބައްދަލުވީ މާޔޫސް ކަމެވެ. އަދި ރާއްޖޭގެ ރަށްތައް އެގޮތަށް ދެނީ ހަމައެކަނި ޓޫރިޒަމަށް ކަން ސޯނޫއަށް އެނގުނީ އެހާ ހިސާބުންނެވެ.

ހޮޓާ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް، ސޯނޫގެ އަޒުމަށް ބަދަލެއް ނާދެ އެވެ. އޭނާ ބޭނުންވީ ސިކުނޑީގައި އުފަންވެފައި އޮތް ގެ ރާއްޖޭގައި ރާނާ އާބާދު ކުރާށެވެ. ލޯ ހުޅުވައި ރާއްޖެއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓާ 1990 ވަނަ އަހަރު އަރި އަތޮޅުގެ ތިން ރަށެއް ބީލަމަށް ހުޅުވާލުމާއެކު އެ ބީލަމުގައި ސޯނޫ ވެސް ބިޑު ކުރި އެވެ. މިފަހަރު ވެސް ސޯނޫއަށް މަރުހަބާކީ މާޔޫސް ކަމެވެ. ޓްއާ އޮޕަރޭޓަރަކާއެކީ ބެޑް ކޮންޓްރެކްޓެއް ނެތުމުން އޭނާގެ ހުވަފެނީ ބިޑުތައް ނާކާމިޔާބުވީ އެވެ.

"އެ ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް ހިންގީ ޖަރުމަނު އަދި އިޓަލީގެ ޓްއާ އޮޕަރޭޓަރުން. އެމީހުން ގޮސް ކާށި ހޮވަން ރަށެއް ގެންގުޅޭ ދިވެއްސެއް ގާތު ބުނަނީ ރިސޯޓެއް ތަރައްގީ ކޮށްދޭށޭ. ދިހަ އަހަރުގެ އެއްބަސްވުމަކަށް ދާނަމޭ. ހުރިހާ ކަމެއް ހިމަނާ، ވަރަށް ހެޔޮ އަގެއް ދޭނަމޭ. އަދި ތިން އަހަރުގެ ފައިސާ އެއްކޮށް ދޭނަމަ ރިސޯޓް ތަރައްގީ ކުރުމަށް،" އޭރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު ސޯނޫ ކިޔައިދިނެވެ.

އެކަމަކު ސޯނޫގެ ވިސްނުމާއި ތަސައްވަރު މުޅިން ތަފާތެވެ. އޭނާ ބޭނުންވީ މަދު ކޮޓަރިތަކަކާއެކު އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ރިސޯޓެއް ތަރައްގީ ކުރާށެވެ. އޭނާގެ ގަބޫލު ކުރި ގޮތުގައި އަބަދުވެސް ދިވެހި ރާއްޖެއަށް ހައްގުވަނީ އެންމެ މަތީ ފެންވަރެވެ.

"އެހެންވީމަ އެންމެ ޓްއާ އޮޕަރޭޓަރާއެކު މަސައްކަތް ނުކުރެވޭނެ އެހާ ދަށް އަގުތަކުގައި. އަހަރުން ވަރަށް ސަޅި ވަރަށް ތަފްސީލް ބިޑުތައް ހުށަހެޅިން. ބޮޑު ކުލި ދައްކާ ގޮތަށް ހުށަހެޅީމަވެސް އެ ނާކާމިޔާބުވީ،" ސޯނޫ ބުންޏެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ؛ ދިވެހި ވިޔަފާރިވެރިއަކު ބ. އަތޮޅުގައި ރިސޯޓެއް ހަދަން ނެގި ރަށެއްގައި އެކަން ކުރެ ގޮތެއް ނުވި އެވެ. އެހެން ކުންފުންޏަކަށް ދީގެން ވެސް އެ ރިސޯޓު ހެދޭ ގޮތް އޮތީ ނުވެފައެވެ. އެއްވެސް މީހަކު އަތްލާން ބޭނުންނުވެ، އޮތް އެ ރަށުގެ ވާހަކައާއެކު ސޯނޫގެ ވަރުގަދަ އަޒުމަށް އިތުރު ދިރުމެއް ލިބުނެވެ.

ސޯނޫ ބުނާގޮތުންނަމަ، މުއްސަނދީންގެ ނަޒަރުގައި އެއީ "އެސްފީނާ" ޖެހިފައިވާ ރަށެކެވެ. ނަމަވެސް ސޯނޫގެ ތަސަވައްރު އޭރުވެސް ވަރަށް ތަފާތެވެ. ސޯނޫ އާއި އޭވާގެ އަމިއްލަ ފައިސާގައި ކުނަފުނަދޫ ގައި ދެ މީހުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެށި އެވެ. އެސްފީނާގައި އޮތް އެ ރަށަކީ ދުނިޔެއަށް ވިދާ ބަބުޅާ ރީތި އެސްތަކެއް ފަދަ ލޯތްބެއްގެ ގޮތުގައި ތަރައްގީ ކުރާށެވެ.

އެއްވެސް ހުވަފެނެއް ހަގީގަތަކަށް ހެދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ދެ މީހުންގެ ވެސް މާ ބޮޑު ތަޖުރިބާއެއް ނެތުމުގެ ސަބަބުން ހިޔާލުން ސިކުނޑީގައި ތަރައްގީކޮށްފައިވާ ރިސޯޓް ހެދުމުގައި ވަކި ހިސާބަކަށް ދިޔަތަނުން ޖީބުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެއްޖެ އެވެ. ހުއްޓާ ނުލައި ސޯނޫ އެކި ބޭންކުތަކަށް ގޮސް ދޮރުގައި ޓަކި ޖަހާން ފެށި އެވެ. އެއީ ކޮންމެ ދައުވަތަކަށް އައި ޖަވާބަކީ މަތީ ފަންތީގެ ޓޫރިޒަމް ރާއްޖޭގައި ނުވިއްކޭނެ ބުނެ، ބޭންކު ތަކުން ލޯނު ދޭން ކުރި އިންކާރެވެ.

"އަހަރެމެން 200 ޑޮލަރު ރެއަކަށް ހަދައިގެން ހިސާބުތައް ދެއްކީ. ބުނީ ތީ ނުވާނެ ކަމެކޭ. ސަބަބަކީ އޭރު ރާއްޖޭގެ އެންމެ ރަނގަޅު ރިސޯޓް، ކުރުނބާ ވެސް އުޅެނީ 100 ޑޮލަރު ރެއަކަށް. އެމީހުންނަކަށް [ބޭންކުތައް] އަހަރުންގެ ކޮންސެޕްޓް ނަގައެއް ނުގަނެވުނު،" އޭރު ދިމާވި ގިނަ ގޮންޖެހުންތައް ސޯނޫ ހިއްސާ ކުރި އެވެ.

ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން، އޭރު ތައިލެންޑު ބޭންކުތަކުން ބޭރުގައި އިންވެސްޓް ކުރަން ފެށި މަޝްރޫއު އެއްގެ ފުރިހަމަ ބޭނުން، ސޯނޫ ދެ އަތުން ހިފި އެވެ. އެކަމަކު ލޯނު ހޯދުމަށް އިތުރު ޝަރުތެއް ފުރިހަމަ ކުރަން ޖެހުނެވެ. ހޮޓާ ހިންގާ ކުންފުންޏެއް، ސޯނޫގެ ރިސޯޓް ހިންގަން ޝަރުތުކުރި އެވެ. އަނެއްކާވެސް، ހިތްވަރާއެކު ސޯނޫ މަސައްކަތް ފެށި އެވެ. މިފަހަރު ޖެހުނީ ހޮޓާ ހިންގާ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކަށް އޭނާގެ ތަސައްވަރު ކިޔައިދޭށެވެ. އަނެއްކާވެސް މާޔޫސްކަމެވެ. އެ ކުންފުނިތަކުން ވެސް ބުނީ އެހެން ގިނަ ބޭންކުތަކުން ބުނި ހެނެވެ. ރާއްޖޭގައި މަތީ ފަންތީގެ ޓޫރިޒަމެއް ނުވިއްކޭނެއޭ އެވެ. އެ ނާކިމާބީ އަނެއްކާވެސް ވެގެން ދިޔައީ ސޯނޫގެ ހިތްވަރަށެވެ. ތައިލަންޑުގެ ކުޑަ ހޮޓާ މެނޭޖްކުރާ ކުންފުންޏަކުން، ހިއްސާ ގަނެ، ބޭނުންވާ ލޯނު ހޯދި އެވެ. ސޯނޫ ހިއްސާ ގަތް އެ ކުޑަ ކުންފުނި ފަހުން ވެގެންދާނީ، މުޅި ދުނިޔެއަށް މަޝްހޫރު "ސިކްސް ސެންސަން ހޮޓެލްސް ރިސޯޓްސް ސްޕާސް" އަށެވެ.

ދުރު ވިސްނޭ ތަސައްވަރު!

ފައިސާ ދަތިކަން ހައްލު ކުރުމަށްފަހު، ދެން ސޯނޫ ކުރިމަތީ، އެންމެ ބޮޑު ގޮންޖެހުމާ އެވެ. އޭނާގެ ރިސޯޓަށް އަންނަ ޓޫރިސްޓުން އެ ރަށަށް ގެންދާނެ ގޮތެއް ހޯދާށެވެ. އާންމު ގޮތެއްގައި މޫސުން ގޯސްނަމަ ކުނަފުނަދޫއަށް ކަނޑު މަގުން ދިޔުމަކީ އާދަޔާހިލާފަށް ދަތި އުނދަގޫ ކަމެކެވެ. އެތަކެއް ގަޑިއިރު ހޭދަކޮށް ޔޫރަޕުން އަންނަ ޓޫރިސްޓުން، އެމީހުންގެ ޗުއްޓީގެ އެތައް ދުވަހެއް ރިސޯޓަށް ނުދެވި މާލޭގައި މަޑު ކުރަންޖެހުމަކީ، ކުރިން ވެސް އެ ރިސޯޓް ހިންގަން އުޅުނު މީހުންނަށް ވެސް ހައްލު ނުކުރެވުނު ގޮންޖެހުމެވެ. އެ މީހުން އެސްފީނާއެއްގެ ގޮތުގައި ދުށް އެއް ސަބަބެވެ.

އެކަމަށް އޮތް ހަމައެކަނި ހައްލަކީ ވައިގެ މަގުން ޓޫރިސްޓުން ގެންދިޔުންކަން ސޯނޫ އަށް ވިސްނުނެވެ. އެކަމާ ސޯނޫ އެންމެ ފުރަތަމަ ވާހަކަ ދެއްކީ އޭރު ބަންދު ކުރަން ކައިރިވެފައިވާ، ހެލިކޮޕްޓަރު ކުންފުނި ހަމިންގްބާޑާވެ. އެކަމަކު އެމީހުންގެ އަގުތައް މާ ބޮޑުވެ، ހެލިކޮޕްޓަރުތަކުގައި ސީޓުތައް މަދުވުމުން، ދަތުރެއްގެ އަގު 500 ޕައުންޑަށް ވުރެ މަތިވާތީ، އެއީ އެކަމަށް އޮތް ހައްލު ނޫން ކަމުގައި ސޯނޫ ނިންމި އެވެ. ދެން އޭނާ އެ ވިސްނުން ބޮލުގައި ބާއްވައިގެން ދިޔައީ ބަލްގޭރިއާ އަށެވެ. އެ ގައުމުން މާ ޖާގަ ތަނަވަސް، ރާއްޖޭގެ މާހައުލަށް މާއެކަށޭނަ ހެލިކޮޕްޓަރު ތަކާއެކު ސޯނޫ ހެލިކޮޕްޓަރުގެ ވިޔަފާރި ތެރެއަށް ވަނެވެ.

"ޕެކޭޖުތަކުގައި އަންނަ ޓޫރިސްޓުންނަށް މާބޮޑު ވާނެ އަގުތަކަކުން، އަހަރުންނަށް ޕްރޮފިޓެއް ނެގޭ ވަރަށް އަގުތައް ކުޑަވެގެން ދިޔަ. 250 ޑޮލަރުން 140 ޑޮލަރަށް އަގުތައް ވެއްޓުނު. ކަނޑުމަގުން ދިޔުމަށްވުރެ އަގު ކުޑަ ކުރެވުނު،" ސޯނޫ ބުންޏެވެ.

ލަގްޒަރީގެ މާނައަކީ ވަރަށް އޮޅޭ ނުވަތަ އޮޅުވާލާ އެއްޗެއް. ލަގްޒަރީ އޭ ބުނީމަ ގިނަ މީހުންނަށް ސިފަވަނީ މާބެލްޖެހި ފާރުތަކާއި، ބޮޑެތި ރަން ގޭޓުތަކާއި ޝާހީ އެއްޗެހި ތަކެއް. އެކަމަކު ލަގްޒަރީއަކީ އެއްޗެއް ނޫން. އެއީ ހިޔާލެއް. ލަގްޒަރީ އަކީ ކޮންމެ ދުވަހު ނުލިބޭ އެއްޗެއް ނުވަތަ އާ ކަމެއް. ހިތުގެ އެންމެ ފުންމިނާއި ކުޅެލާ ކޮންމެ ކަމެއް
ސޯނޫ

އެތައް ބައިވަރު ހިނގުމާއި މަސައްކަތެވެ. އެތައް ނާކާމިޔާބީ އާއި މާޔޫސް ކަމެވެ. އެތައް ރިހުމާއި ވޭނެވެ. އޭގެ ފަހަށް ސޯނޫ އާއި އޭވާގެ ލޯބީގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ 1995 އަހަރެވެ. ސޮނެވާފުށި ޓޫރިސްޓުންނަށް ހުޅުވާލުމާ ހަމައިންނެވެ. ސިކުނޑީގައި ބިނާކުރި ލޯބީގެ ގަނޑުވަރު އެހިސާބުން ވެގެން ދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަށް އައި ބިޔަ ބޮޑު އިންގިލާީ ބަދަލުގެ ފެށުމަށެވެ.. "ލަގްޒަރީ" ނުވަތަ މަތީ ފަންތީގެ ޓޫރިޒަމްގެ މުޅި މާނަ ސޯނޫ ބަދަލުކޮށްލައި ދިނީ އޭނާގެ ލޯބީގެ ދުނިޔެއިންނެވެ

އޭނާ މިހެން ކިޔައި ދެ އެވެ: "ލަގްޒަރީ، މި ލަފްޒުގެ މާނައަކީ ވަރަށް އޮޅޭ ނުވަތަ މީހުން އޮޅުވާލާ އެއްޗެއް. ލަގްޒަރީ އޭ ބުނީމަ ގިނަ މީހުންނަށް ސިފަވަނީ މާބެލްޖެހި ފާރުތަކާއި، ބޮޑެތި ރަން ގޭޓުތަކާއި އެކަހަލަ ޝާހީ އެއްޗެހި ތަކެއް. އެކަމަކު ލަގްޒަރީއަކީ އެއްޗެއް ނޫން. އެއީ ހިޔާލެއް. އެއީ ތަސައްވަރެއް. ހަގީގީ ލަގްޒަރީ އަކީ ކޮންމެ ދުވަހު ނުލިބޭ އެއްޗެއް ނުވަތަ ކަމެއް. އަބަދު ނުފެންނަ އެއްޗެއް. އާ ކަމެއް. ހިތުގެ އެންމެ ފުންމިނާއި ކުޅެލާ ކޮންމެ ކަމެއް،"

ދުނިޔެވީ ކަންކަމުން އެއްކިބާވެ، ހަބަރުތަކާއި ފިކުރުތަކުން ދުރުވެ، ރީތި ދޮންވެލީގައި ހުސްފައިގައި ޗުއްޓީ އެއް ހޭދަކުރުމަށް ސޯނޫ "އީޖާދު" ކުރި މި ތަސަވައްރު، ރީތި ދިވެހި ރާއްޖެ ހޭލައްވާލި އެވެ. ތިން ތަރީގެ ޑައިވިންގް މަންޒިލަކުން، މިހާރު ރާއްޖެ މިދެކޭ މަތީފަންތީގެ ރިސޯޓްތަކާއި، ޓޫރިޒަމަކީ ސޯނޫގެ ސިކުނޑީގައި ބިނާކުރި ލޯތްބެކެވެ. އޭނާގެ ދުރު ވިސްނުމެވެ. "މޮޔައެއްގެ" ގޮތުގައި އޭރު މީހުން ސިފަކުރި ސޯނޫ އަކީ މިހާރު ހަމަ އެމީހުންގެ ދުލުން ނަމަ ޒަމާނީ އުފެއްދުންތެރި ވިސްނުންތެރި އެކެވެ.