ނ. މަފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ޕީސީއާރު ލެބެއް ގާއިމުކޮށްފި އެވެ.
ސޮނެވާ ހޮޓެލްސް އިން އިސްނަގައިގެން އެ މަސައްކަތް ހަވާލުކޮށްފައިވާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ކުރި ބުނީ، މާފަރު އެއާޕޯޓުގައި ގާއިމު ކުރަމުންދިޔަ ޕީސީއާރް ލެބޯޓަރީގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ލެބޯޓަރީގެ އޮޕަރޭޝަންތައް މިހާރު ފެށުމަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުއަށް ބޭނުންވާ ސާމާނު ގެނައުމާއި، ތަނުގެ އިމާރާތުގެ އިތުރުން، އެތަކެތި އިންސްޓޯލްކޮށް، ސެޓަޕް ހެދުމަށް 30 ދުވަސް ހޭދަވެފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
ލެބް ގާއިމުކުރުމަށް ބޭނުންވާ ތަކެއްޗާއި ޕީސީއާރު މެޝިން އަދި އެހެނިހެންވެސް އިކުއިޕްމަންޓް ގެނައުމަށްޓަކައި އެކުންފުންޏާ ހަވާލު ކޮށްފައިވަނީ ނ. އަތޮޅުގައި ސޮނޭވާ ޖާނީ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުންނެވެ.
މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.
އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.
ނަމަވެސް، މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުުރުމުގެ ދާއިމީ ހުއްދަ ހޯދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިދިއަ މަހުގެ ނިޔަލަށް ނިންމާނެ ކަމަށް މާފަރު އެއާޕޯޓް ހިންގާ ކުންފުނިން ސަރުކާރަށް ވަނީ އަންގައިފަ އެވެ.