ބޭރު މީހުންގެ ހިތްތައް ރާއްޖެއާ ދިމާލަށް އަނބުރާލަނީ ރީތި ދޮންވެލިގަނޑުގެ ވައުދުންނެވެ. ފަތުރުވެރިކަމުގެ ކޮންމެ ފޮޓޯގަނޑެއް ވިޔަސް ޕޯސްޓަރެއްގައި ވެސް އޮންނާނީ ގުދުރަތީ ސާފު ވަޔާއި، ވިލު ނޫކުލައިގެ މޫދުގެ މަންޒަރުތަކުން ޖަރީކޮށްފަ އެވެ. އިގުތިސޯދުގެ މައި ލޭނާރު ގުޅިފައި އޮންނަ ފަތުރުވެރިކަމުގެ ތެރެއިން، ރާއްޖެ ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލުއެއް މަންޒިލުގެ ޝަރަފުވެރި ލަގަބު ހޯދައިފަ އެވެ. ޓޫރިސްޓުންނަށް އަދާ ކުރަނީ ހަތް ތަރީގެ މެހެމާންދާރީ އެކެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްތަކުންނެވެ. ވޯޓާ ވިލާތަކުން ފުއްދާ ނުލައި، ކަނޑު އަޑީގައިވެސް ކޮޓަރީތަކާއި ރެސްޓޯރަންޓުތަކާއެކު ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ތާރީހު ހަގީގަތުގައި ވެސް އަލުން ލިޔެފައި ވެއެވެ.
ނަމަވެސް މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު ރާއްޖެ އަންނަން ތިބި ފަތުރުވެރިންގެ ހިތްތައް ދަމައިގަންނަން ތަފާތު އުކުޅެއް ބޭނުން ކުރަން، ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ވެސް މިވަނީ މަޖުބޫރުވެފަ އެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން، މަސްތަކަކަށް ރާއްޖޭގެ މައި ގޭޓު ބަންދު ކުރުމަށްފަހު، މިއަދު އަލުން ދުނިޔެއަށް ހުޅުވާލި އިރު، ރީތި ދޮންވެލިގަނޑާއި، ވިލު ނޫކުލައިގެ މޫދު މަންޒަރުން ނުފުދޭނެ ކަމުގެ ހަގީގަތާ މިވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ތިން މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބާރުބޮޑު މައި އެއާޕޯޓު ފަޅުވެފައިއޮތުމަށް ފަހު، ފަތުރުވެރިން ގޮވައިގެން އަންނަ ފްލައިޓުތަކަށް މަރުހަބާ ކިޔަން ވަނީ ފަށާފަ އެވެ. ވެލާނާ އެއާޕޯޓާއެކު، މިއަދު ބޯޑަރު ހުޅުވާލި އިރު، ގާތްގަނޑަކަށް 40 އަކަށް ރިސޯޓުގައި އަލުން އޮޕަރޭޝަންތައް ފަށާނެ އެވެ.
ފުރަތަމަ ދުވަސްކޮޅު، މާގިނަ ބަޔަކު އަންނާނެ ކަމަށް ލަފާ ނުކުރެވުނަސް، ކޮވިޑާއެކު އައިސްފައިވާ "ނިއު ނޯމަލް" ގައި ފަތުރުވެރި ކަމަށް އަންނާނެ އިންގިލާބަށް ގިނަ ރިސޯޓުތަކުން މިހާރުވެސް ވަނީ ތައްޔާރުވެފަ އެވެ. ޓޫރިސްޓުންނަށް ދޭން ބޭނުންވަނީ އެންމެ މެސެޖެކެވެ. ވައިރަހުން ރައްކާތެރިވެ ތިބެވޭނެ އެވެ. ރާއްޖޭގެ ހިތްގައިމު ކަމާއި މެހުމާންދާރީގެ ތަޖުރިބާއަށް އެއްވެސް ހީނަރުކަމެއް ނާންނާނެ އެވެ.
އެންމެ އިސްކަމެއް ރައްކާތެރިކަމަށް
ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް މީގެ ކުރިން ވެސް އެކި ރިސޯޓުތަކުން ތަފާތު އެކި އިންތިޒާމުތައް ހަމަޖައްސަ އެވެ. ކޮޓަރިތަކުގައި ލިބެން ހުންނަ ހިދުމަތްތަކުގެ ލިސްޓު ވެސް އެހާމެ ދިގެވެ. ނަމަވެސް މިހާރު ކޮންމެ ރިސޯޓަކުން ވެސް ދައްކަނީ ލަގްޒަރީ ހިދުމަތްތަކެއްގެ ވާހަކައެއް ނޫނެވެ. އެ ރިސޯޓަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ފުރިހަމަކަމުގެ މައުލޫމާތު ހިއްސާ ކުރުމަކީ މިވަގުތު ލިސްޓުގެ އެންމެ ކުރީގައި އޮތް މެސެޖެވެ.
މިއަދު އަލުން ހުޅުވާލައި، ކ. އަތޮޅުގައި އޮންނަ ތާޖު އެގްޒީޓިކާ ރިސޯޓުގައި މުވައްޒަފަކާ ބައްދަލު ނުވެ ޗެކްއިން ވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެފްއެންޑްބީގެ ހިދުމަތް ވެސް ވަނީ ކިއުއާރު ކޯޑާއި އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތަށް ބަދަލުކޮށްފަ އެވެ. ރެސްޓޯރަންޓުތަކުގައި ގޮނޑި ޖަހާފައިވަނީ ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށެވެ. ފަތުރުވެރިންނާ ބައްދަލުވާ މުވައްޒަފުންގެ ޔުނީފޯމަކީ މިހާރު ޕީޕީއީ އެވެ.
އޭގެ އިތުރުން، ކޮޓަރިތަކަށް އާ ގެސްޓުން ގެންނާނީ، އެ ކޮޓަރިއެއް ހުސްވާތާ 48 ގަޑިއިރު ފަހުން، މަތިން ތިރިއަށް ހުރިހާ ތަކެއްޗަކާއެކު ޑިސްއިންފެކްޓު ކުރުމަށް ފަހު އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވާލަން ހަމަޖެހިފައިވާ ލަކްސްގެ ކޮޓަރިތަކަށް ގެސްޓުން ގެންނަނީ ކޮޓަރިއެއް ހުސްވާތާ 24 ގަޑިއިރުފަހުން، ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓު ކޮށްފަ އެވެ. ގެސްޓުންގެ ސަލާމަތަށްޓަކައި، ކޮޓަރިތަކުގެ މިނީބާތައް ހުސްކޮށްފައި ވާއިރު، ގިނަ ހިދުމަތްތައް ހަމަޖައްސައި ދޭނީ އެކަމަކަށް އެދުމުންނެވެ.
ކޮޓަރިތަކުގައި ވެޓް ވައިޕްސް އާއި ހޭންޑް ސެނިޓައިޒާ ބަހައްޓަން އެ ރިސޯޓުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ފޭސްކް މާސްކު ފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލަން، ހާއްސަ ބިންތަކެއް ބަހައްޓާނެކަމަށްވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.
ފޯ ސީޒަންސް ލަނޑާގިރާވަރުގައި ކޮންމެ ޓޫރިސްޓެއް ރަށަށް އެރުމުގެ ކުރިން ހުން ބެލުމާއި، ޓްރެވަލް ހިސްޓްރީ ހޯދަން ސުވާލު ކުރާނެ ކަމަށް އެތަނުން ބުނެ އެވެ.
އަންގްސާނާ ވެލަވަރު ރިސޯޓުގައި، ހުރިހާ ޓޫރިސްޓުން ބޭނުންކުރާ އާއްމު ސަރަހައްދުތައް ކޮންމެ ގަޑިއިރަކު އެއް ފަހަރު ސާފުކޮށް، ޑިސްއިންފެކްޓު ކުރާނެކަމަށް ވަނީ ބުނެފަ އެވެ. ކޮޓަރިތައް ސާފު ކުރަނީ، ވައިރަހާ ދެކޮޅަށް އޮންނަ ބައިނައަލްއަގުވާމީ ސިއްހީ އުސޫލުތަކާ އެއްގޮަތަށެވެ. އެ ރިސޯޓުގައިވެސް ގަވައިދުން ގެސްޓުންގެ ހުން ބެލުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެކި ރިސޯޓުތަކުން އަޅާ ފިޔަވަޅުތައް ތަފާތުވާއިރު، ސޮނެވާގެ ދެ ރިސޯޓުގައި ހަމަޖައްސާފައިވަނީ ވަރަށް ވަރުގަދަ މިންގަޑުތަކެކެވެ. ސޮނެވާ ޖާނީ އަދި ސޮނެވާ ފުށްޓަށް އަންނަ ޓޫރިސްޓުންގެ ލަގެޖުތައް އެ މީހުން އައުމުގެ ކުރިން ސެނިޓައިޒް ކުރާނެ އެވެ. އަދި ކޮންމެ ދުވަހަކު ހުން ބެލުމުގެ އިތުރުން، އެ ރިސޯޓުން ވަނީ ގެސްޓުންގެ ހިތްހަމަޖެހުމަށް މިހާރު އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅުވެސް އަޅައިފަ އެވެ.
އެ ދެ ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއެއްވެސް ކޮވިޑަށް ޓެސްޓު ކުރުމަށް އެ ރިސޯޓުން ވަނީ ހަމަޖައްސައިފަ އެވެ. ރިސޯޓުގައި ހުންނަ ފަސް ވަނަ ދުވަހު، އިތުރު ޓެސްޓެއް ކުރާއިރު، ގެސްޓުންނާ ސީދާ ބައްދަލުވާ ހުރިހާ މުވައްޒަފުން ކޮންމެ ފަސް ދުވަހަކުން ކޮވިޑަށް ޓެސްޓު ކުރާނެ އެވެ.
އޭގެ އިތުރުން، ރިސޯޓުގެ ބޭރުން ގެންނަ އެއްވެސް މުދަލެއްވެސް ރަށަށް އަރުވާނީ ރަނގަޅަށް ސާފުކޮށް ސެނިޓައިޒްކޮށްފަ އެވެ.
"މިއީ ހަގީގީ ހާލަތާ ނުބައްދަލު ފިޔަވަޅުތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، ބަލި ޖެހުނު ބިރުވެރިކަމެއްނެތި، މުވައްޒަފުންނާއި އެހެން ގެސްޓުންނާ އެކު ހިތްހަމަޖެހިލައިގެން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން،" ބޯޑަރު ބަންދުކުރިފަހުންވެސް އޮޕަރޭޝަން ކުރިއަށް ގެންދިއަ ސޮނެވާ އިން ބުންޏެވެ.
އޭގެ އިތުރުން ގެސްޓަކު ކޮވިޑަށް ޕޮޒިޓިވްވާ ހާލަތަކަށްވެސް ސޮނެވާ އިން ވަނީ ފުރިހަމަ ތައްޔާރުވެފަ އެވެ. ހާއްސަ މެޑިކަލް ޓީމެއްގެ ބެލުމުގެ ދަށުން، ވިލާގައި 14 ދުވަހަށް ކަރަންޓީނުކޮށްގެން، ހުރިހާ ހިދުމަތްތަކެއް ދިނުމުގެ ހާއްސަ އިންތިޒާމުތަކެއްވެސް އެ ދެ ރިސޯޓުން މިހާރު އޮތީ ރާވައިފަ އެވެ.
ފަރުވާއެއް އަދި ވެކްސިނެއްވެސް ނެތް ބައްޔަކާއެކު މުޅި ދުނިޔެ އުޅެންޖެހިފައިވާ، ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭފަދަ ހާލަތެއްގައި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިމަތިލާންޖެހިފައިވާ "ނިއު ނޯމަލް" އެވެ. ޓޫރިޒަމް ވެއްޓިފައިވާ ވަޅުގަނޑުން ނަގައި، އަލުން ކޮޅަށް ޖެހުމަށް، ހަމައެކަނި ގުދުރަތީ ރީތިކަން ވިއްކޭކަށް ނެތެވެ. އެވަރަކުން ދެނެއް ނުފުދޭނެ އެވެ. މުސްތަގުބަލު މިހާރު ގުޅިފައިއޮތީ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަދާކުރާ ހަތްތަރީގެ މެހެމާންދާރީގެ ތަރުތީބު ބަދަލުކޮށް، ބައްޔަކުން ރާއްކާތެރިކަން ކަށަވަރުކޮށްދެވުމުގެ މައްޗަށެވެ.