ހަބަރު

ދެ ހަރަމްފުޅުގައި ވެސް މަޖީދަށް ކަށު ނަމާދު ކުރާނެ

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލްމަޖީދު އަބުދުލްބާރީގެ މައްޗައް ޣައިބުގައި ކަށުނަމާދު ކުރުން މައްކާގެ ހަރަމްފުޅުގަ އާއި މަދީނާގެ ހަރަމްފުޅުގައި ވެސް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މަޖީދުގެ ދަރިކަލެއް ކަމަށްވާ އަހުމަދު ފިރާސް ވިދާޅުވީ، މިއަދުގެ މަޣްރިބް ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރާމްގައާ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން ތާއިފްގެ މިސްކިތުގައި ވެސް މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށެވެ.

މަޖީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގައި އެވެ. އެމަނިކުފާނު ފަސްދާނުލައްވާފައިވަނީ އެ މިސްކިތުގެ ގަބުރުސްތާނުގަ އެވެ. މަޖީދުގެ ޖަނާޒާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އާއިލާގެ މެންބަރުންނާއި ދިވެހީންގެ ގިނަ ބަޔަކުވެސް ބައިވެރިވެފައި ވެއެވެ.

އުމުރުން 55 އަހަރުގެ މަޖީދަށް ސްޓްރޯކެއް ޖެހިވަޑައިގަތް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ހާލުކޮޅު ސީރިއަސްވެ އެދުވަހުން ފެށިގެން އެ މަނިކުފާނަށް ފަރުވާ ދެމުން ދިޔައީ މެޝިނުގެ އެހީގަ އެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވެވި މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާއަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ. ދިނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ހިނގި ނަމެކެވެ.