އާމިނަތު މައުރީން

މައުރީންގެ އާ ހޮބީއަކީ ކެއްކުން!

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ދިވެހިންނަށް ހާއްސަ ދެ ހަދިޔާއެއް ލިބުނެވެ؛ އެއީ އެ ޝޯއިން ވިދާލި ރީތި އަޑުތަކާއި ހުނަރުވެރި ފަންނާނުންނާއި ފުރަތަމަ ފެނިލުމުން ދިވެހި ޒުވާނުން އާސޯހުކޮށްލި ރީތި ޕްރެޒެންޓަރު އާމިނަތު މައުރީނާ އެވެ. އެންމެ ޝޯއަކުން މައުރީނާ ހޯދީ ބޮޑު ތަރުހީބެކެވެ. އައިޑޮލްގެ އެންމެފަހު ދެ ސީޒަން ގެނެސްދިންއިރު މައުރީން އަނބުރާ ނައިސްގެން ޓުވިޓާގައި ކޮޅު ކޮޅަށް މީހުން އަދޭސްކުރުން އޭގެ ހެއްކަކަށްވާނެ އެވެ.

މައުރީންގެ ރީތިކަމާއި ހެދުން އެޅުމުގައި ހުންނަ ފަރިކަމެއްގެ ޖާދުލުގައިޖެހޭ ޒުވާން ފިރިހެން ކުދިން އަދިވެސް އެބަ ތިއްބެވެ. އެކަމަކު މިފަހަރު މިއޮތީ މައުރީންގެ ރީތިކަމުގެ ވާހަކައެއް ނޫނެވެ. އޭނާގެ ކެއްކުމަށް ހިތް ޖެހުނު ގޮތުގެ ވާހަކަ އެވެ. މިއީ މިހާރު އޭނާގެ ފޭވަރިޓް ހޮބީ އެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހަކު އޭނާ އަންނަނީ ކައްކަމުންނެވެ. ރޯދަ ވިއްލާ ގަޑިއަށް ތައްޔާރުކުރާ ކާ އެއްޗެހި އޭނާ އިންސްޓަގުރާމް ސްޓޯރީގައި ހިއްސާކޮށް މީހުންގެ ކުޅު ދިޔައި ކުރުވަމުންނެވެ. ސްޓޯރީ ބަލާ ނިމޭއިރު އެ ކާއެއްޗެހީގެ މީރު ވަސް ނޭފަތުގައި ބީހޭ ކަހަލަ އެވެ.

"ކުރިންވެސް ކައްކާ އުޅެން އެކަމަކު އާ ވައްތަރުތަކުގެ ކާއެއްޗެހި ތައްޔާރުކޮށް އެ އެއްޗެހި ހަދަން މި ފެށީ މި ރޯދަ މަހު. މި ރޯދަމަހު ބޮޑަށް މި ކަމަށް މި ހިތްޖެހުނީ." ކެއްކުމަށް ޝައުގުވެރިވި ގޮތް ކިޔާދެމުން މައުރީން ބުންޏެވެ.

"ވަރަށް ގިނައިން ޓީއެލްސީ [ކައްކާ ޕްރޮގުރާމް ގެނެސްދޭ ޓީވީ ޗެނަލެއް] ބަލަން. ދެން އޭގެން ތަފާތު ވައްތަރުގެ އެއްޗެހި މީހުން ކައްކާތަން ފެނުނީމަ ވަރަށް ބޭނުންވޭ އެ އެއްޗެހި ކައްކާލަން." މައުރީން ބުންޏެވެ. "ފޭސްބުކް ކަހަލަ ތަންތަނުގައި ވެސް މީހުން ތަފާތު އެއްޗެހި ކައްކާފައި ފޮޓޯތައް ޕޯސްޓް ކޮށްފައި ހުރޭ. އެހެން ފެންނަން ފެށީމަ މިކަމަށް ބޮޑަށް ކުރާ ހިތްވީ."

"އެކަމަކު ބައެއް ފަހަރު ވާގޮތަކީ އެމީހުން ޑިޝެސްތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ގިނަ އެއްޗެއްސަކީ ރާއްޖެއިން ލިބެން ހުންނަ އެއްޗެއްސެއް ނޫން. އެހެންވީމަ މައޫ ހަދާ އެއްޗަކީ އަމިއްލަ ގޮތަކަށް ރެސިޕީ ބަދަލުކޮށްލާފައި މިކޮޅުން ލިބެން ހުންނަ އެއްޗެހި އަޅައިގެން ތައްޔާރު ކޮށްލަނީ."

ކޮންމެ ދުވަހަކު ޑިޝެއް ތައްޔާރު ކުރަމުން އެ އެއްޗެއް ހަދަން ބޭނުންކުރާ ހުރިހާ ތަކެއްޗާއި ކައްކާ ގޮތްވެސް މައުރީން އިންސްޓަގުރާމް ސްޓޯރީގައި ޝެއާކުރެ އެވެ. މައުރީން ބުނީ ކޮންމެ ދުވަހަކު މަދުވެގެން އާ ވައްތަރެއްގެ ދެ ޑިޝެއް ތައްޔާރުކުރެވޭތޯ ބަލާ ކަމަށެވެ.

މި ރޯދަ މަހު ލައިވް ޓީވީ ޕްރޮގުރާމެއް ވެސް ހުށަހަޅާތީ ދުރާލާއި އޭނާ އެ ދުވަހަކު ކައްކަން ބޭނުންވާ އެއްޗެއް ކުރީ ބައިގައި ނިންމައި ބޭނުންވާ ތަކެތިވެސް ހޯދާފައި ބަހައްޓަ އެވެ.

"ޕްރޮގުރާމް އޮންނަ ދުވަސްތަކުގައި މޭކަޕްކުރަން ދާންޖެހޭނެ މެންދުރުފަހު 3:30 އަށް. ހަފްތާއަކު ފަސް ދުވަހު ޕްރޮގުރާމަށް ދަނީ. އެ ދާ ދުވަސްތަކުގައި ކުރީބާގައި ބޭނުންވާ އެއްޗެހި ހޯދާއި ރެޑީކޮށްފައި ބަހައްޓަނީ. އޭރަށް ޝޯ ނިންމާލާފައި ގެއަށް އައިއްސަ ހަމައެކަނި ކައްކާލަން ޖެހޭނީ."