ހަބަރު

ތަރުހީބު ބޮޑުވެ، "އެއްލަކިން" ޕްރޮގްރާމް ދިގު ދައްމާލަނީ

އެއް ދުވަހުން ޑްރައިވިން ލައިސެންސް ނެގުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ފަށާފައިވާ "އެއްލަކިން" ޕްރޮގްރާމް ކުރިޔަށް ގެންދާ މުއްދަތު އިތުރު ކުރުމަށް އެ އޮތޯރިޓީ އިން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އިން ކުރިން ނިންމާފައިވަނީ ލައިސެންސް ނެގުމުގެ ޕްރޮގްރާމް ހުކުރާއި، ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔުމަށެވެ.

ނަމަވެސް "އަވަސް"އާ ވާހަކަދައްކަވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެއްލަކިން ލައިސެންސް ނެގޭ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބި އެތަށް ހާސް ބަޔަކު ލައިސެންސް ނަގަން ބޭނުންވާތީ ޕްރޮގްރާމް ބާއްވާ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޭ ގާތްގަނޑަކަށް 6000 އަށް ވުރެ ގިނަ މީހުން ފޯމް ނަގަން ކިއޫ ހަދާފައިވާ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ފުރުސަަތު ލިބޭނެ ގޮތަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި ނެތް ތިން ގަޑި އިރު ތެރޭގައި 3000 މީހުންނަށް ކޭޓާ ކުރެވޭ ވަރުގެ ހިދުމަތެއް ދެވޭކަށް، އެހެންވެ އަޅުގަަނޑުމެން ނިންމާފައި ވާނީ މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ވީހާވެސް ބޮޑަށް ކިއޫގައި ނުޖެހިވާ ގޮތަށް ނަމްބަރުތައް ނަގައިގެން ލައިސެންސް ނެގޭނެ ގޮތަށް ހަމަޖައްސަން އަދި ހުރިހާ އެންމެނަށް ފުރުސަތު ދޭން މުއްދަތު ވެސް އިތުރު ކުރަން،" އަބްދުﷲ ވިދާޅުވި އެވެ.

ލައިސެންސް ނެގޭ މުއްދަތު އިތުރު ކުރަނީ ކޮން ދުވަހަކާ ހަމަޔަށް ކަމެއް އަބްދުﷲ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ އަނގާރަ ދުވަހާ ހަމަޔަށް ވެސް އެއްލަކިން ޕްރޮގްރާމް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އަބްދުﷲ ވިދާޅުވީ ލައިސެންސް ނެގުމަށް މިރޭ ޓޯކަން ނަމްބަރު ދުލެއް ނުކުރާނެ ކަމަށާއި މިރޭ އޮންނާނީ ރޭ ނަމްބަރު ނެގި ފަރާތްތަކަށް އެ ހިދުމަތް ދިނުން ކަމަށެވެ. އަދި އަލުން ޓޯކަން ނަމްބަރު ދޫކުރަން ފަށާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށާއި އަލުން އެ ކަން ފަށާއިރު އޮންނާނީ މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"ދެން ޓޯކަން ނަމްބަރުތައް ދޫކުރާނީ ވަކި ތަނަކުން ވަކި ވަަގުތެއްގައި، ދުއްވަން ދާން ޖެހޭނީ ރޭގަނޑު މިހާރުވެސް މި އޮންނަ ގޮތަށް، އޭރުން މާ ބޮޑު ކިއޫއެއް ހަދާކަށް ނުޖެހޭނެ، މާ ފަސޭހަ ވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އެއް ދުވަހުން ލައިސެންސް ނަގަން ހުޅުވާލުމުން ރޭ ވަނީ ދިގު ކިއޫއެއް ހަދާލައިފަ އެވެ. އެގޮތުން 8:30 އިން ފެށިގެން މެނދަމު 1:00 އާ ހަމަޔަށް ވެސް މީހުން ކިއޫގައި ތިއްބެވެ.