ހުއްޓިފައިވާ ލައިސަންސް ދޫކުރުމުގެ ހިދުމަތް އަންނަ އާދީއްތަ ދުވަހު އަލުން ފެށުމަށް ނިންމައިފި އެވެ.
އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމަށް އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ލައިސަންސް ދޫކުރުން މިދިޔަ މަހުގެ ފަސްވަަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފަ އެވެ.
ލައިސަންސް ދޫކުރުން ހުއްޓާލި ނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ބައެއް ހިދުމަތްތައް ހަމަޖެއްސުމުގައި މިނިސްޓްރީން ލުއިތަކެއް ދިނެވެ.
އެގޮތުން މެއި އެކެއްގެ ފަހުން މުއްދަތު ހަމަވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޖުލައި 31 ގެ ނިޔަލަށް ބޭނުން ކުރެވޭ ގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސައިދިނެވެ. މުއްދަތު ހަމަވާ ލައިސަންސްގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދީފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމާއި، މެރިޓައިމްގެ ބައެއް ހިދުމަތްތައް ވެސް އާދީއްތަ ދުވަހުން ފެށުމަށް ނިންމާފަ އެވެ.
ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ޓްރާންސްޕޯޓް މިނިސްޓްރީން ގާއިމުކޮށްފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަނުން ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.