ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން އެއްގަމު އުޅަނދުގެ ރެޖިސްޓްރީގެ ނަކަލުތަކެއް އުފެއްދި ކަމަށް ޝައްކުވެ ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ބަލަން ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރެޖިސްޓްރޭޝަން މައްސަލަތަކެއް ފާހަގަ ކުރެވިފައިވަނީ އެއްގަމު އުޅަނދުގެ ރެޖިސްޓްރޭޝަންއާއި ގުޅޭ ޕޯޓަލްގެ ތެރެއިން ބެލި ބެލުމުން ކަމަށެވެ.
ކާރާއި ސައިކަލުގެ ރެޖިސްޓްރީތައް ހިމެނޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޖުމުލަ 50 އުޅަނދެއްގެ ރެޖިސްޓްރީ ނަންބަރު ގެޒެޓުގައި އާންމުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގެޒެޓު ކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތަށް އެ އުޅަނދުގެ ރެޖިސްޓްރޭޝަންގެ އަސްލުކަމަށް ލިބުނު ލިޔެކިޔުންތައް އެ މިނިސްޓްރީއާއި ހިއްސާ ކުރުމަށް އެދިފަ އެވެ. އެގޮތުން އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް އައުމަށް އެދިފައިވެ އެވެ.
އުޅަނދުގެ ރެޖިސްޓްރޭޝަންގެ އަސްލުކަމަށް ލިބުނު ލިޔެކިޔުންތައް ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި އެ ލިޔެކިޔުންތައް ހުށަހަޅައިފި ނަމަ އެ އުޅަނދެއްގެ ރެޖިސްޓްރީ އިސްލާހުކުރުމަށް ނުވަތަ ރީރެޖިސްޓްރީ ކުރުމަށް ވެރިފަރާތަށް ފުރުސަތު ދޭނެކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން ބާތިލް ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
މީގެ ކުރިންވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަވައިދާ ހިލާފަށް ރެޖިސްޓަ ކޮށްފައިވާ އުޅަނދުތަކެއްގެ ރެޖިސްޓްރީ ބާތިލްކޮށްފަ އެވެ. މީގެ އިތުރުން އާންމުންގެ ބަޔަކު ގަވައިދާ ހިލާފަށް ލައިސަންސް ވިއްކަމުން ދާތީ އެ މިނިސްޓްރީން ވަނީ ފުލުހުންނާއި ގުޅިގެން ޖިނާއީ ތަހުގީގެއްވެސް ފަށާފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ އެ މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.