ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ދުއްވުމުގައި ގަވައިދާ ހިލާފުވާނަ ޖޫރިމަނާ ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ އާ ގަވައިދުގައިވާ ގޮތުން ގަވައިދާ ހިލާފަށް ދުއްވާ ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތުގެ ލައިސަންސް 48 ގަޑިއިރާއި އެއްމަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓާނެ އެވެ.
މީގެ އިތުރުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ކަނޑު އުޅަނދެއް ދުއްވައިފިނަމަ ފުރަތަމަ ފަހަރު 1،500 ރުފިޔާ އަދި ދެވަނަ ފަހަރު 3،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އޭގެ ފަހުން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އާ ގަވައިދުގައި ބުނެފައިވެ އެވެ.
ލައިސަންސް ނެތި ކަނޑު އުޅަނދު ދުއްވުމުގެ ކުށް ތަކުރާރު ކުރާނަމަ އެ މީހެއްގެ މައްޗަށް ދައުވާ ކުރަންވެސް ގަވައިދުގައި ހިމަނާފައިވެ އެވެ.
މި ގަވައިދުގެ ދަށުން އެންމެ ބޮޑު ޖޫރިމަނާއެއް އަންނަނީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ބާތިލުކޮށްފައި ވަނިކޮށް ކަނޑު އުޅަނދެއް ދުއްވާ މީހުންނަށެވެ. މި މީހުން 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އާ ގަވައިދުގެ ދަށުން ކަނޑު އުޅަނދުފަހަރު ދުއްވާ މީހުންގެ ދަފްތަރެއްވެސް އެ މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.