ޑްރައިވިން ލައިސަންސް

ޑިޖިޓަލް ޑްރައިވިން ލައިސަންސް ދޫކުރަން ފަށައިފި

އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލްކުރުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަމާއިއެކު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އާ ސޮފްޓްވެއާއެއް ފަރުމާކޮށްފަ އެވެ. އަދި ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް ދޫކުރުން ދެން ކުރިއަށްދާނީ މި ސޮފްޓްވެއާ ބޭނުންކޮށްގެންނެވެ.

މިބަދަލާ އެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ"އިން އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑިޖިޓަލް ލައިސަންސް ފެންނަން ހުންނާނެ އެވެ. އަދި މުއްދަތު ހަމަނުވާ ކޮންމެ ލައިސަންސެއް ފުލުހުން ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއަދުން ފެށިގެން އަލަށް ލައިސަންސް ދޫކުރާއިރު ދޭނީ ޑިޖިޓަލް ލައިސަންސް ކާޑެކެވެ. ނަމަވެސް ބޭނުންވާ މީހުންނަށް ކާޑު ޕްރިންޓުކޮށްދޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

އައު ސޮފްޓްވެއާ ތައާރަފުކޮށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ފެށުމުގެ ގޮތުން ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ލައިސަންސާ ބެހޭ ހިދުމަތްތައް މެދުކަނޑާލާފަ އެވެ. ނަމަވެސް މިހާރު ވަނީ ހިދުމަތްތައް އަލުން ފަށާފަ އެވެ.