ރައީސް އަމީންގެ ރެސިޕީ

ރައީސް އަމީންގެ ރެސިޕީ: ތެލުލި މަސް

May 30, 2018

ތެލުލިމަހަކީ ވަރަށް ވެސް މީރު ކާއެއްޗެކެވެ. ރޫސިހާ ބަތާއި ހަކުރާއި ކާއިރު، ނުވަތަ ރިހަބަތް ކާއިރު.... އާދެ! ތެލުލިމަހަކީ، ވަރަށް މަތިވެރި ދަރަޖައަކަށް އޭގެ މީރުކަން އިތުރުކުރާ އެއްޗެކެވެ.

ބޭނުންވާތަކެތި

ދަވިއްގަދު، ދިރި، ހިކިމިރުސް، ފިޔާ، އިގުރު، ކާށިހުނި، މަސް، ކާށިތެޔޮ، ލޮނު.

ހެޔޮވަރުގެ މަހެއްގެ މަސް ތެއްލުމަށް، ތިރީގައި މިބަޔާންކުރާ މިންވަރަށް ހަވާދުނަންގަވަނިކޮށް ފުދިދާނެ އެވެ.

ހިކިމިރުސް ތޯލާ 1 4 އަނާ
ލޮނުމެދު ތޯލާ 1
ދަވިއްގަދު އަނާ 4
އިގުރު އަނާ 8
އަސޭމިރުސް އަނާ 4
ދިރި އަނާ 4
ކާއްޓެއްގެ ހުނި

ކައްކާނެގޮތް

މަތީގައި ނަންގެނެވިފައިމިވާ، ހުރިހާ ތަކެއްޗެއް، ރަގަޅަށް ފުޑުއްވާށެވެ. ފުޑުއްވާއިރު ލޮނުހެޔޮވަރުވާވަރަށް ލޮނުލައްވާން ހަދުމަފުޅު ކުރައްވާށެވެ. ފުޑުއްވެވި، ހަވާދު ކޮއްޓަވާފައިހުރި މަހުގައި ރަގަޅަށް އުދުން މައްޗަށް އުއްދުވާށެވެ. ތެޔޮފޮދު ރަގަޅަށް ކެކިގަތީމާ މަސް އަޅުއްވައިގެން، ރަގަޅަށް ތެއްލެވެންދެން ތެއްލަވާށެވެ.