ހަބަރު

ރޯގާ ފެތުރޭ މިންވަރު އަދިވެސް މަތި: އެޗްޕީއޭ

ރާއްޖޭގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރޭ މިންވަރު އާއްމު މިންވަރަށްވުރެ އަދިވެސް ހުރީ މަތީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ހަފުތާގައި 9050 މީހުން ޑޮކްޓަރަށް ދެއްކި ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ބުނީ އޭގެ ކުރީ ހަފުތާގައި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައި ވަނީ 9710 މީހުން ކަމަށެވެ.

ރޯގާއާއި ފްލޫ ފެތުރުން އާއްމު މިންގަނޑަށް ނާންނާތީ އެ ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އަޅަން ކުރާ އިލްތިމާސް މިރޭގެ ބަޔާނުގައި ވެސް ތަކުރާރުކޮށްފައި ވެއެވެ.

ސަމާލުވާންވީ ކަންތައްތައް

  • 1- ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު ކުޑަރުމާލެއް ނުވަ ޓިޝޫއަކުން އަނގަޔާއި ނޭފަތް ނިވާކުރުން އަދި އެގޮތަށް ބޭނުންކުރާ ޓިޝޫ ހާމައަށް އެއްލައި ނުލުން.
  • 2- ސައިބޯނިލައިގެން އަތްދޮވުން ފަދަ އާއްމު ސާފުތާހިރުކަމުގެ ކަންކަމަށް ސަމާލުވުން
  • 3- ރޯގާ ޖެހި، ކެއްސާ ނަމަ އާއްމު ތަންތަނަށް ނުދިއުމާއި އާއްމު ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • 4- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވުން
  • 5- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ޓަކައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
  • 6- ބަލި ޖެހުމުން ނުރައްކާ ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި ބަލިވެއްޖެ ނަމަ ފަރުވާ ހޯދުން.
  • 7- ޑޮކްޓަރަށް ދައްކަން ދާއިރު އެކީގައި ދާ މީހުންގެ އަދަދު މަދުކުރުން