އެޗްޕީއޭ

ފްލޫއާ ގުޅިގެން ނެރުނު އެލާޓް ކެންސަލްކޮށްފި

ހުމާއި ރޯގާ ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެލާޓް ކެންސަލް ކޮށްފި އެވެ. އެލާޓް ކެންސަލް ކޮށްފައިވަނީ މިހާރު ހުމާއި ރޯގާ އާންމު ހާލަތަށް އައިސްފައިވާ ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފެތުރެމުން ދިޔަ އަރިދަފުސް ރޯގާއި އިންފުލުއެންޒާގެ ހާލަތު ވަނީ ރަނގަޅުވެފައި ކަމަށާއި ކަނޑައަޅާފައިވާ މިންގަނޑު ނުވަތަ އިޖާބަ ދިނުމުގެ ތިންވަނަ ލެވެލް ގައި މަސައްކަތް ކުރުމުގެ ހާލަތެއް މިހާރު ނެތް ކަމަށެވެ.

"... ވުމާއެކު މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އާންމު ހާލަތުގައި ވެސް ރޯގާ އުޅެމުންދާއިރު ކަންކުރާ އުސޫލުގެ މަތިން، ބަލިތައް އުޅޭ ގޮތް ދެނެގަތުމަށް ގާއިމު ކުރެވިފައިވާ ޑިޒީޒް ސާވެއިލަންސް ނިޒާމުގެ ތެރެއިން އެއްވެސް ރަށެއްގައި އަދާޔާ ހިލާފަށް ބައްޔެއް އުޅޭނަމަ ނުވަތަ ރޯގާއެއް އިތުރުވާނަމަ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއިން މަސައްކަތް ކުރާނަން،" އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ހާއްސަކޮށް މާލޭގައި ހުމާއި ރޯގާ އިތުރުވުމުން ސަރުކާރުން ވަނީ ސްކޫލްތައް ވެސް ބަންދުކޮށްފަ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އަންނަ ހަފުތާ ސްކޫލްތައް އަލުން ހުޅުވަން ވަނީ ނިންމާފަ އެވެ.

ހުމާއި ރޯގާ ފެތުރި އެޗް1އެން1އަށް ޕޮޒިޓިވްވާ ކޭސްތައް ފެންނަން ފެށުމުން ފްލޫ ކްލިނިކްތަކެއް ވެސް ހުޅުވި އެވެ. މިހާރު ހިދުމަތް ދެމުން އަންނަނީ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން އެކަންޏެވެ. އޭގެ އިތުރުން ފްލޫ ވެކްސިން ވެސް މިހާރު އޭޑީކޭ އަދި އައިޖީއެމްއެޗް ދަނީ ޖަހައިދެމުންނެވެ.

އެޗް1އެން1 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 200 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. އެޗް1އެން1އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.