ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރު ދެވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އެކަން ގާތުން ބަލައި މޮނިޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ގައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަވާ ކަމަށް އެޗްޕީ އިން ބުންޏެވެ.
ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތަކެއް ޗައިނާ އިން ފެންނަމުން ދިޔަ ނަމަވެސް އެ ގައުމުން އިމަޖެންސީއެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.
ސަމާލުވުމަށް ކުރެވިދާނެ ކަންކަން
- ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން
- ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ހިލާފަށް ވަރުބަލިވުން ނުވަތަ އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
- އެހެންނަމަވެސް ބަލިޖެހިގެން ބޮޑުވަރު ވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން
އެޗްޕީއޭ އިން ބުނި ގޮތުގައި ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާ އެވެ. މީގެ އިތުރުން އާރްއެސްވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނެ އެވެ.
"އެޗްޕީއޭ އިން މިހާލަތު ދަނީ މޮނިޓަ ކުރަމުންނެވެ. މީގެ އިތުރުން މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައިވެސް އިތުރުވެދާނެ ކަމަށް ލަފާ ކުރެވެ އެވެ،" އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.