ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ފީސިބިލިޓީ އާއި ޓެކްނިކަލް ކަންކަމާ ގުޅޭ މަޝަވަރާތައް ފަށައިފި އެވެ.
ވިލިމާލޭގެ ޓާޝާރީ ހޮސްޕިޓަލްގެ ފީސިބިލިޓީ ހެދުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އަށެވެ.
ވިލިމާލޭގެ ޓާޝާރީ ހޮސްޕިޓަލާއި އެތަނުގެ ފީސިބިލިޓީ އާއި ޓެކްނިކަލް ދިރާސާ އަކީ ޗައިނާ ސަރުކާރުން ހިލޭ ކޮށްދޭ ކަމެކެވެ. މި މަސައްކަތް ކޮށްދިނުމަށް ޗައިނާ އިން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.
މިމަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ އިސްވެރިން ރޭ ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މީގެކުރިން ވިދާޅުވީ މިމަޝްރޫއަށް މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަރެއް ހޯދައި މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މަސައްކަތް ފަށާތާ ގިނަވެގެން ދެ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލާ އެކު މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އައިސް އާ ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ. ވިލިމާލެ އާ ހޮސްޕިޓަލް ނިމުމުން އެތަނުގައި ޗެރިޓީ ކެއާ ސެންޓަރެއް ހުންނާނެ ކަމަށާއި ދޮށީ އުމުރުގެ މީހުން އެ ތަނުގައި ދުވަސް ކޮޅަކަށް ބައިތިއްބައިގެން އެމީހުންނަށް ދޭންޖެހޭ ފަރުވާ ދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ޑައިވިން ކުރާ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޑިކޮމްޕްރެޝަން ޗެމްބަރެއްވެސް އެ ހޮސްޕިޓަލްގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ވިލިމާލޭގެ އާ ހޮސްޕިޓަލްގެ ޑިޒައިން ވެސް ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާ ތަފާތުވާނެ ކަމަށާއި މުޅި ހޮސްޕިޓަލް ވާނީ ތިމާވެށްޓާ ރަށްޓެހި ގޮތަަކަށް ފަރުމާ ކުރެވިފައިވާ ހޮސްޕިޓަލަކަށް ކަމަށެވެ.
"އެހެންވީމާ އެނާޖީ ކޮންސަމްޝަން ތަފާތު ވާނެ. މިތަނުގެ ބައެއް ޑިޒައިންގައި ތަފާތު ހުންނާނެ. ބޭނުންކުރާ ބައެއް އާލާތްތަކުގައި ތަފާތު ހުންނާނެ އާންމުކޮށް އެހެން ހޮސްޕިޓަލްތަކާ. އެހެންވީމާ އެ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ތަފާތު ވިސްނުންތަކެއްގެ މައްޗަށް ބިނާވެގެން ބިނާކުރެވޭ ހޮސްޕިޓަލަކަށް މި ހޮސްޕިޓަލް ވެގެންދާނެ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް އިތުރަށް ވިދާޅުވީ ތިލަމާލެ ބްރިޖާ އެކު މާލެ ސަރަހައްދު އިތުރަށް ފުޅާވެގެންދާއިރު މާލޭގެ ހުޅަނގަށް އިތުރު ހޮސްޕިޓަލް ބޭނުންވާ ކަމަށެވެ. އެހެންވެ މާލޭގައި ހުޅަނގަށް އިތުރުވާ ގުޅީފަޅާއި ގިރާވަރާ އެކު މިސަރަހައްދުގެ މައި ހޮސްޕިޓަލަކަށް މުސްތަގުބަލްގައި ވާނީ ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލް ކަމަށްވެސް ވިދާޅުވި އެވެ.