ތިމާވެށި

އައިލެންޑް ގާލް: ތިމާވެށީގެ އާ ބިލީފެއް!

ހދ. ކުދުއްފުއްޓަށް އުފަން މި އަންހެންކުއްޖާ، އެންމެ އަޑު ގަދަ ސޯޝަލް މީޑިއާގައި އަޑު އުފުލަނީ "އައިލެންޑް ގާލް" ގެ ނަމުގައެވެ. އެކަމަކު އެއީ އަފާ ހުސައިން (އަފާ) އެވެ. މި އައިލެންޑް ގާލްގެ ދުނިޔެއަކީވެސް އަދި ވެސްޓަކީ ވެސް ކުޑަކުޑަ ތިއްކެއްހާ ރަށެއް ނޫނެވެ. މުޅި ތިމާވެއްޓެވެ. އޭނާގެ ހުރިހާ ވެސް ޝައުގުވެރި ކަމަކީ ވަށައިގެންވާ ޤުދުރަތީ މާހައުލުގެ ތަރުތީބުތަކާއި ވެށީގައި ހިނގާކަންކަން ބަލައި ހޯދައި ދިރޭތަކެއްޗާބެހޭ ގޮތުން ދަސްކުރުމެވެ. ޓީވީން ވެސް އަފާއަށް ބެލެނީ ތިމާވެއްޓާ ގުޅުންހުރި ޑޮކިއުމެންޓްރީ ތަކެވެ. އެހެންވެ ސްކޫލްގެ ތިމާވެށި ކްލަބުވެސް އޭނާއަށްވީ ވަރަށް ބޮޑު ކްލަބަކަށެވެ. ޕްރައިމަރީ އާއި ސެކަންޑްރީގައިވެސް އެ ކްލަބް އޭނާއަށް ވަރަށް ހާއްސަވި އެވެ. އަދި އޭނާވީ ކްލަބުގެ އިސް ދަރިވަރަކަށެވެ. އެހެން ދަރިވަރުން ހިތް ތިމާވެށީގެ ތެރެއަށް ގެންދަން އޭނާ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އައިލެންޑް ގާލްގެ ވާހަކަ ކިޔަން ޝައުގުވެރިވާ މީހުންނަށް މިއޮތީ އޭނާގެ ވާހަކަ އެވެ.

އުތުރުގެ ކުޅުދުއްފުއްޓަކީ އެންމެން ޝައުގުވެރި ކުރުވާ ތަފާތު ރަށެކެވެ. ތިމާވެށީގެ ގޮތުން ވެސް ތަފާތު ރަށެވެ. ގުދުރަތީގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ހިތްގައިމު ރީތި، ބޮޑު ކުޅިއަކާއި ތަފާތު ޗަސް ބިމަކާއި އެހެން ރަށްރަށަށް ލިބިގެން ނުވާ ހޭޅިފަށެކެވެ. އެހެންމީހުންގެ ލޮލުން ދުށީ އެތަންތަނުގެ އާދަޔާހިލާފު ރީތި ކަމެވެ. އެކަމަކު ޒުވާން އަފާ އުޅެބޮޑުވި އެ ވެށީން އަބަދުވެސް އޭނާއަށް ފެނުނީ ތިމާވެށީގެ މުހިންމު ކަމެވެ، އެހެންވެ އިހަށް ވެސް މިހާރުވެސް އޭނާގެ ވިސްނުމުގައި އޮތީ ތިމާވެށީގެ މުހިންމު ކަމެވެ. އޭނާއަށް ތިމާވެށި ފެންނަނީ ގުޅިލާމެހިފައިވާ ވަރަށް ބޮޑު ނިއުމަތެއްގެ ގޮތުގައެވެ.

ތިމާވެށި ހިމާޔަތް ކުރުމުގައި ސްކޫލްގެ ތެރެއިން ކުރަމުން އައި މަސައްކަތް ހުއްޓުމަކަށް އައުމަށް އަފާ 21، ބޭނުމެއް ނުވެ އެވެ. ސްކޫލްގައި ހުރެގެން ދުނިޔެއަށްޓަކައި އެންމެ ފުރިހަމައަށް ނުކުރެވުނު މަސައްކަތާއެކު ތެދުވެ އެކަންކަން އަމިއްލައަށް ކުރުމަށް އޭނާއަށް ނިންމުނީ އެހެންވެގެނެވެ.

"އޭރު ކޮންމެ ފަހަރަކު ހަމަ ޕޯސްޓަކަށް [މަގާމަކަށް] ހޮވޭއިރަށް ހިތަށް އަރާ މިވެނި ކަމެއް ކުރާނަމޭ. އެކަމަކު އެކި ސަބަބުތަކާހެދި އެކަންކަން ނުވެ ދަނީ. އެހެންވެ ހިތަށްއެރީ އަމިއްލައަށް ކަމެއް ފަށައިފިއްޔާ އެކަމެއް ރާވާ ހިންގަން ފަސޭހަ ވާނޭ. އަޅުގަނޑު އަމިއްލައަށް ވެސް ފަންޑު ހޯދަން މަސައްކަތް ކުރެވޭނޭ. ތިމާވެށި ހިމާޔާތް ކުރަން މަސައްކަތް ކުރެވޭނޭ." ތިމާވެށި ރައްކާތެރިކޮށް މީހުން ހޭލަވަން އަފާ އިސްވެ އުފައްދާފައިވާ ޖަމިއްޔާ، "ބިލީފް" ވުޖޫދުވެގެން އައި ގޮތާބެހޭ ގޮތުން އަފާ ސުރުހީއެއް ދިނެވެ.

އަފާއަކީ ބިލީފްގެ ފައުންޑާ މެންބަރެވެ. މުހިންމު އެ ޖަމިއްޔާ ނޭވާލީ، އޭލެވެލްއާ ހަމައަށް ދިޔައިރު އަފާއާއެކު އުޅުނު ރަހުމަތްތެރީންނާއެކު އެވެ. މިހާރު އެ ޖަމިއްޔާއަކީ ހަމައެކަނި ކުޅުދުއްފުށީގައި އޮތް ތިމާވެށީ ޖަމިއްޔާއެއް ނޫނެވެ. އެއީ މުޅި އުތުރުގައި ތިމާވެށީގެ "ބިލީފަ"ކަށް ވެސް ވަނީ ވެފައެވެ.

އަފާ ބުނި ގޮތުފައި ބީލީފް އުފެއްދުމަށްފަހު ފުރަތަމަ މަސައްކަތަކަށް ހެދީ ބިމާއި އާބާދީ ބޮޑު ރަށް، ކުޅުދުއްފުށި ސާފު ކުރުމުގެ މަސައްކަތެވެ. އެ ހަރަކާތުގައި އަފާ އާއި ރަހުމަތްތެރީން ކޮންމެ ހަފުތާއަކު ރަށް ސާފުކުރި އެވެ. އެއީ ކުޑަ ފެށުމަކަށް ވިޔަސް މިހާރު އެ ހަރަކާތް ވަނީ ފުޅާވެފަ އެވެ.

އަންނަ ނޮވެމްބަރަށް އަފާގެ ބިލީފަށް ތިން އަހަރުވާން ދާއިރު މިހާރުވެސް އެ ޖަމިއްޔާގެ ތެރޭގައި އޭނާއާއެކު ތިމާވެށީގެ ވިސްނުން ހިފައިގެން ތީރީހަށްވުރެ ގިނަ ވޮލަންޓިއަރުން އެބަތިއްބެވެ.

"ތިމާވެއްޓާ ގުޅުންހުރި ދުވަސްތައް ފާހަގަ ކުރަން ބިލީފް ގެ ފަރާތުން ގިނަ މަސައްކަތްތަކެއް މިހާރު ކުރެވޭ،" އޭނާ ބުންޏެވެ. "އެގޮތުން މިދިއަ އަހަރުގެ އާތު އަވާ ފާހަގަކަން 'ބިލީފް' ގެ ފަރާތުން ކުޅުދުއްފުށީގައި ބޭއްވި އިވެންޓަކީ އެއަހަރު ރާއްޖޭގައި އާތް އަވާ ފާހަގަކުރަން ބޭއްވި އެންމެ ބޮޑު އެއް ހަރަކާތަށްވި. މީގެ އިތުރުން މިދިޔަ އަހަރު ބިލީފް އިން އިސްނަގައިގެން ކުޅުދުއްފުށީގައި އިންޓަނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ ފާހަގަ ކުރުމަށްވެސް ބޮޑު އިވެންޓެއް ކުރިޔަށް ގެންދެވުނު"

އަފާގެ ބީލްފް އުފެދިގެން އައީ ކުޅުދުއްފުށީގައި ކަމަށް ވުމުން ޖަމިއްޔާގެ މައި ހަރަކާތްތައް ވެސް އޮތީ ރަށުގައެވެ.

"އެކަމަކު އެހެން ރަށްރަށުން އެދޭ ޖަމިއްޔާގެ ގޮފިގޮފި ހަދައިގެން ކުރިޔަށް ދާން، އެކަމަކު މިހާރު މާލޭގައި ހުރެގެން [އަޅުގަނޑު] ކިޔަވާތީ ގޮފިތައް ފުޅާ ކުރުމަށް އެހާ ފަސޭހައެއް ނޫން. މިހާރުވެސް އިވެންޓްތައް ކުރިޔަށް މިގެންދަނީ މިކޮޅުގައި ހުރެގެން."

ތިމާވެއްޓަށް މީހުން ހޭލައްވައި ވެށި ހިމާޔަތް ކުރަން އަފާގެ ބިލީފްގެ އިސް ނެގުމަށް އޮތް ތަރުހީބު ވަރަށް ބޮޑެވެ. އެހެންވެސް ބިލީފް މަސައްކަތުގައި ދަރިވަރުން ބައިވެރިކުރަން މިހާރު އިސްކަން ދެ އެވެ.

ތިމާވެށީގެ މަސައްކަތުގައި އަފާއަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައި ވެއެވެ. ހާއްސަކޮށް ތިމާވެއްޓަށް މީހުންގެ ލޮލާއި ސިކުނޑި ހުޅުވައިދޭން އޭނާ ބިލީފް އޮތް ގޮތް ބުނެދޭން ވަރަށް ގިނަ މަސައްކަތް ވެސް ކުރެވިއްޖެ އެވެ. އެ މަސައްކަތުގައި އަފާގެ ލޯ ރަނގަޅަށް ހުޅުވައިދިން އެއްކަމަކީ އުފަން ރަށް ކުޅުދުއްފުށީގެ ބޮޑު މަށި ކުޅީން ބައެއް ހިއްކައިގެން އަޅާ އެއާޕޯޓާ ގުޅިގެން އުފެދުނު މައްސަލަތަކެވެ. ކުޅިހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅަށް ތެދުވެ ބަސްވުނި ޒުވާނުންގެ ތެރެއިން ކުރީގައި ހުރީ އަފާ އެވެ.

ވެށީގެ އަފާގެ އަޑު ހިއްޕާލަން އޭނާ ހުއްޓާ ނުލައި މަސައްކަތް ކުރާއިރު އެ އަޑު ބައިނަލްއަގްވާމީ ފެންވަރުގައި އިއްވަން ވެސް އޭނާ މަސައްކަތް ކުރެ އެވެ. އޭނާ ވަނީ ބިލީފްގެ ފައުންޑަރ މެމްބަރެއްގެ ހައިސިއްޔަތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޓްރާންޕޭރެންސީ އިންޓަނޭޝަނަލް ބަންގްލަދޭހުން މިދިއަ އޭޕްރީލް މަހު ތައިލެންޑްގައި ބޭއްވި ކްލައިމެޓް އިންޓަގްރިޓީ ޓޯކް ކޮންފަރެންސްގައި ބައިވެރިވެ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. '

ބޮޑު އެ ކޮންގްރެސްގައި ކުޅުދުއްފުށީ ކުޅީގެ މައްސަލަ އާއި އާދަޔާހިލާފު ތިމާވެއްޓެއް އޮތް ހދ. ކޭލަކުނުގެ ވާހަކަ އޭނާ ފާހަގަޮށް ސަމާލު ކަމަށް ގެނަ އެވެ.

ގައުމީ ޔުނިވާސިޓީގައި އެންވަޔަރަމެންޓަލް މެނޭޖްމެންޓުން ޑިގްރީއަށް ކިޔަވަމުން އަންނަ ބޭނުން ވަނީ މަތީ ތައުލީމަށް ފަހު އޭނާގެ ބިލީފާއެކު ބޭރަށް ނުކުންނާށެވެ. އޭނާގެ ބޭނުމަކީ ތިމާވެށި ހިމާޔަތްކުރުމުގައި ބާރަށް ބަސްބުނެވޭ ހިސާބަށް ގޮސް އެ އަޑު އިއްވާށެވެ.

"ތިމާވެށީގެ ކޮންމެ ދާއިރާއަކުން ސްޕެޝަލައިޒް [ހާއްސަ] ވެގެން ކޮންމެ ކަހަލަ ވަޒީފާއެއް އަދާކުރިޔަސް ބޭނުންވަނީ މިހާރުވެސް ވާހަކަ މި ދައްކާ ގޮތަށް ވާހަކަދެކެވޭ ކަހަލަ ވަޒީފާއެއް. ބޭނުމެއް ނޫން ވަކި ތަނަކަށް ގޮސް ޖޮބް ސެކިޔުރިޓީއަށް ވިސްނައިގެން އަނގައިން ނުބުނެ، ޒިންމާ އަދާނުކުރެވޭ ގޮތަށް ހުންނާކަށް،" އޭނާ ބުންޏެވެ. "އަޅުގަނޑަށް މިހާރު ވަރަށް ބޮޑަށް އެކަން ފާހަގަވޭ، އެކަމަކު ކިޔަވައިގެން ވަޒީފާއަށް ނިކުމެފައި އެހެން ވާކަށް ބޭނުމެއް ނޫން. އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން ނުވަތަ ކޮންޒަވޭޝަނާ ގުޅޭގޮތުން އެއްޗެއް ބުނެވޭ ހިސާބެއްގައި ހުންނަން ބޭނުންވަނީ."

އަފާ ދެކޭ ގޮތުގައި ތިމާވެއްޓާމެދު ކޮންމެ މީހެއްގެ ވެސް ޒިންމާތަކެއް ވާނެ އެވެ. ތިމާވެއްޓާ ގުޅޭ މައުލޫމާތު ހޯދަން ޖެހެ އެވެ. ތިމާވެށި ދެކެ ލޯބިވެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާ ކޮންމެ ޒުވާނަކުވެސް ނަގަން ޖެހެ އެވެ. އޭނާ ފަދަ އެހެން ޒުވާނުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ ވެސް އެއީ އެވެ.

"އަޅުގަނޑުގެ ޝައުގުވެރި ކަމާއި އެއަށްފަހު ބިލީފް ފެށިގެން އާއިރާ މިހާރާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެއް ފާހަގަކުރެވޭ ރަށް ސާފުކުރުމުގެ ޕްރޮގްރާމްތަކުން އައި އެންމެ ބޮޑު ބަދަލަކީ ޖެހުނު ކޮންމެތާކަށް ކުނިއެޅުން ބޮޑަށް މަދު ކުރެވިގެން ދިޔުން... މިހާރު މީހުން ބުނޭ އަފާމެންގެ މަސައްކަތާހެދި ބޭނުންހާ ތަނަކަށް ކުނިއަޅާކަށް ނުކުރެއޭ،" އޭނާ ހީނލި އެވެ.

އެހެން މީހުނެކޭ އެއްފަދައިން ގުދުރަތީ ރީތިކަން ބަލާލައި އެ ދިރުންތަަކާ ހަމައަށް ދިޔުމަކީ އަފާ އެންމެ ކުރާހިތްވާ ދަތުރަށް ވާއިރު އެތަންތަނުން ލިބިދޭ ހިތްހަމަޖެހުން އެހެން މީހުނާނާ ހަމައަށް ގެންގޮސްދޭން އޭނާ ބޭނުންވެއެވެ. ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރާއްޖޭގެ ގުދުރަތީ ރީތިކަން ތަރުތީބު އެ ގޮތުގައި ދަމަހައްޓަން ދެވެން އޮތް ހުރިހާ ހިސާބަކަށް ދިއުމަކީ އޭނާ ގެ ބިލީފެވެ.