ހަބަރު

އެމެރިކާ ސަފީރުގެ ރޯދަވީއްލުމުގައި ބޮޗޭގެ ހިމޭން އިހުތިޖާޖެއް

Jun 6, 2018
24

ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ރާއްޖޭގެ އިސް ބައެއް ބޭފުޅުންނަށާއި ނޫސްވެރިންނަށް އިއްޔެގައި ބޭއްވެވި ރޯދަ ވީއްލުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު ( ބޮޗޭ) ވަޑައިގެންނެވީ ސަފީރުވެސް އަދިވެސް އެމެރިކާ ސަރުކާރުވެސް ގަޔާ ނުވާ މެސެޖަކާ އެކުގައެވެ. އޭނާ ވަޑައިގެންނެވީ ކަޅު ކުލައިގެ ޓީޝާޓެއްގައި " ޕްރޭ ފޯ ޕެލަސްޓއިން ، ސޭވް ގާޒާ" މި ދެއިބާރާތާއި ފަލަސްތީނާއި ރާއްޖޭގެ ދިދަ ރަމްޒުކޮށްދޭ ލޯގޯއެއް ޖައްސަވައިގެންނެވެ.

ފަހުން ސޯޝަލް މީޑިއާ ޓްވިޓާގައި ބޮޗޭ ވިދާޅުވި ގޮތުގައި އޭނާ ހަމަ އެކަނި ޓީޝާޓާ ހިސާބަކުން ނިންމައެެއް ނުލައްވައެވެ. އޭނާ ވަނީ ފަލަސްތީނު މީހުންނާ މެދު އެމެރިކާގެ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވެ، ވަރަށް އަސަރުގަދަ ސިޓީއެއް ވެސް ސަފީރަށް ރައްދުކުރައްވާފައެވެ.

"...މަނިކުފާނަށް މިހާރުވެސް އެނގިވަޑައިގެންފައި ވާނޭ ފަދައިން އެމެރިކާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް އަދި ވަކިން ހާއްސަކޮށް ފަލަސްތީނާ މެދު ގެންގުޅޭ އެއް ފަރާތަކަށް ޖެހިފައިވާ ސިޔާސަތާ މެދު އެބައެއްގެ ފަރާތުން އަޅުގަނޑު ވާހަކަ ދައްކާ ރައްޔިތުން ދަނީ ތަކުރާރުކޮށް ނުރުހުން ފާޅުކުރަމުންނެވެ،" ބޮޗޭ ތަމްސީލުކުރައްވާ މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ ނަމުގައި ސަފީރަށް ލިއުއްވި ސިޓީ ފަށްޓަވަމުން ވިދާޅުވެފައި ވެއެވެ.

ސިޓީގައި އޭނާ ފާހަގަކުރައްވާފައި ވަނީ ދިވެހިންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިނގާ މަގު ދަންނަ ތައުލީމީ ބައެއް ކަމަށާއި އެމެރިކާގެ ނަންް މަޝްހޫރު ޝަޚުސިއްޔަތުތައް ދިވެހިން ދަންނަ ކަމަށެވެ. އެގޮތުން ފާހަގަ ކުރައްވާފައި ވަނީ ކަޅުމީހުންގެ ހައްގުތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވި މާޓިން ލޫދާ ކިންގް ޑޮރޯތީ، ހެއިޓް އަދި މެލްކޮމް އެކްްސް ފަދަ ބޭފުޅުންގެ ނަންފުޅުތަކެވެ.

ސިޓީގައި ބޮޑަށް ފާހަގަކޮށްފައި ވަނީ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި މުޒާހަރާކުރަން ތިބި ފަލަސްތީނުގެ އާއްމުުންގެ ގަޔަށް އިޒްރޭލުން ބަޑި ޖަހައި އޭގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން މަރައިލި ޖަރީމާ ތަހުގީގުކުރަން އެމެރިކާއިން ދެކޮޅު ހަދާފައިވާ މައްސަލައެވެ.

" ...އިޒްރޭލުގެ ސްނައިޕަރުން މަރައިލި މަންމައިންނާއި ކުޑަކުދިންގެ ތަސްވީރެކޭ އެއް ފަދައިން، ދުނިޔެއާ ދެކޮޅަށް ތެދުވެ އިޒްރޭލު އަސްކަރިއްޔާ ތަހުގީގު ކުރުމާ ދެކޮޅު ހެދި ސިޔާސަތުން އިޒްރޭލަށް ބާރުދިނީތީ އެމެރިކާގެ ތަސައްވުރު އަބަދުގެ އަބަދަށް ހަޑިވާނެއެވެ،" ސިޓީ ނިންމަވައިލައްވަމުން ވިދާޅުވެފައި ވެއެވެ.