މުހައްމަދު ނާޒިމް

އެމެރިކާގެ ބްލެކްލިސްޓާ ގުޅިގެން މަޖިލީހަށް ގަރާރެއް

ބައިނަލްއަގުވާމީ ޓެރަރިޒަމްގައި އަމަލީ ގޮތުން 20 ދިވެއްސަކު ބައިވެރިވާ ކަމަށް އެމެރިކާ ސަރުކާރުން ނެރުނު އިއުލާނާ ގުޅިގެން ރާއްޖެއަށާއި ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ނާޒިމު ހުށަހެޅުއްވި ގަރާރުގައި ވަނީ ޖުލައި 31 ވަނަ ދުވަހު ޔޫއެސް ޑިޕާޓްމަންޓް އޮފް ދަ ޓްރެޝަރީ އިން 20 ދިވެއްސެއްގެ ނަމާއި އެ މީހުންނާ ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް އެ މީހުންނަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް އެ މީހުންނާއެކު މުއާމަލާތްކުރާ މީހުންނާމެދުވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެކަން ކަނޑައަޅާފައިވާކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މެއި ހައެއް، 2021 ގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގި ޕާލިމެންޓަރީ އިންކުއަރީ އިންވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރެވުމުގެ އިތުރުން އެ އިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށް ގަރާރުގައިވެ އެވެ.

އެ ރިކޮމެންޑޭޝަންތަކަށް އަމަލު ކުރެވިފައިވާ މިންވަރާބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

އެމެރިކާ ސަރުކާރުގެ ނިންމުމަކީ ރާއްޖޭގެ ނަމަށާއި އިގުތިސާދަށާއި ދިވެހީންނަށް ނޭދެވޭ އަސަރު ކުރާނެ ނިންމުމެއް ކަމަށް ބެލެވޭތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށްފަހު އޭގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދެޚޭތީ އެކަންކަން ބަލާ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރުމަށް ހުށަހަޅާ ގަރާރެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.