އެމެރިކާ

އެމެރިކާގެ ބްލެކްލިސްޓްގައި ހިމެނޭ ދިވެހިންނަށް ފިޔަވަޅު އަޅަން ފަށައިފި

ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވެދޭ ކަމަށް އެމެރިކާ ތުހުމަތުކުރާ ދިވެހިންނާއި ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބައެއް މީހުންނާއި ބައެއް ކުންފުނިތަކަށް ރާއްޖެއިން ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރެއިން އެސެޓްސް (އޯފެކް) އިން މިހަފްތާގައި ނެރުނު ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވާ މީހުންގެ ގޮތުގައި 21 ދިވެއްސަކު އަދި 29 ދިވެހި ކުންފުންޏެއްގެ ނަން ހިމަނާފައިވެ އެވެ.

އެމެރިކާ އިން ފިޔަވަޅު އަޅަން ނިންމި ފަރާތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އަލްގައިދާ އާއި އައިއިސިސް ފަދަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ގުރޫޕްތަކަށް އެކި ގޮތްގޮތުން އެހީތެރިވާ މީހުންނާއި، މާލޭގައި ހަރަކާތްތެރިވާ ގޭންގެއްގެ އިސް ބަޔަކާއި، އައްޑޫގައި ހަރަކާތްތެރިވާ ކަމަށް ބުނާ އައިސިސްގެ ގޮފީގެ އިސް މީހުންނާއި ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރަން މީހުން ފޮނުވުމުގައި އިސްކޮށް އުޅޭ ކަަމަށް ބުނާ މުހައްމަދު އަމީން އާއި އޭނާގެ އެހީތެރިންނެވެ.

އެމެރިކާގެ ބްލެކްލިސްޓްގައި ހިމަނާފައިވާ އަހްމަދު އަގްލީލް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އޭނާ ހުޅުވާފައިވާ ހުރިހާ އެކައުންޓެއް ފްރީޒްކޮށްފައިވާ ކަމަށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ބޭންކްގެ ކަސްޓަމަރުންނަށް އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު އެއްވެސް އިރަކު ހިއްސާ ނުކުރާނެ ކަމަށެވެ. ކަސްޓަމަރަކަށް ފިޔަވަޅު އަޅާނަމަ އެކަން ކުރާނީ ހަމަޖެހިފައި އޮންނަ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން އަހުމަދު އަގްލީލް އަށް ތުހުމަތުކުރަނީ އަލްގައިދާ ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހެއްގެ ގޮތުގައެވެ. އޭނާގެ ތިން ކުންފުންޏަކަށް ފިޔަވަޅު އަޅަންވެސް ލިސްޓްގައި ހިމަނާފައިވެ އެވެ.

އަގްލީލް އަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމަށްފަހު މަރާލި ކަމަށް ބުނާ މައްސަލައިގައި ވެސް ބައިވެރިވާ ކަމަށް ދިވެހި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ތުހުމަތުކުރާ މީހެކެވެ.

އެމެރިކާގެ ބްލެކްލިސްޓްގައި ބަޔަކު ހިމެނުމަށްފަހު އެމެރިކާގެ އިތުރުން އެމެރިކާގެ ބާރު ހިނގާ ދައުލަތްތަކުން ވެސް އެ ބަޔަކަށް ފިޔަވަޅު އެޅުމަށް އެމެރިކާ އިން އަންގަ އެވެ.